ރައީސް މުއިއްޒު ނޭކުރެންދޫ ކައުންސިލާ މިއަދު ބައްދަލުކުރައްވަނީ.
26 އޯގަސްޓް 2025 - 17:50
ހދ. ނޭކުރެންދޫގައި ޖަލެއް އެޅުމަށް މީގެ 15 އަހަރު ކުރިން ސަރުކާރުން ނެގި ބިން އަނބުރާ އެ ރަށު ކައުންސިލާ ހަވާލު ކޮށްފައިވާ ކަމަށާއި އެ ތަނުގައި ރައްޔިތުންނަށް ފައިދާ ވާނެ އިގްތިސާދީ މަސައްކަތެއް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.
ރާއްޖޭގެ އުތުރުގައި އަޅާ ފުރަތަމަ ޖަލު ނޭކުރެންދޫގައި އެޅުމުގެ މަސައްކަތް 2010 ވަނަ އަހަރު ފަށައި ޖަލު އަޅާނެ ތަން ކަނޑައަޅައި، 21 ހެކްޓަރުގެ ބިން ސާފުކޮށް ރުއް ގަހަށް ބަދަލު ވެސް ދިނެވެ.
އޭރުއްސުރެ ހުސް ބިމެއްގެ ގޮތުގައި އޮތް ތަން 2022 ވަނަ އަހަރު ޔުނިކް ޗޮއިސް ޕްރައިވެޓު ލިމިޓެޑް ކިޔާ ކުންފުންޏަކާ ސަރުކާރުން ފަހުން ހަވާލުކުރީ ވެސް އެ ޖަލުގެ މަސައްކަތް ކުރުމަށެވެ.
ރައީސް މުއިއްޒު ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނޭކުރެންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަައި ވިދާޅުވީ، ޖަލު ހެދުމަށް އެ ރަށުން ދޫކޮށްފައި އޮތް ބިން މިހާރު ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށެވެ.
"އެއީ އަޅުގަނޑު ވައުދު ވެފައި އޮންނާނެ އެ ތަން އިގްތިސާދީ ގޮތުން ރަށަށް ފައިދާވާނެ ގޮތަށް ބޭނުން ކުރުމަށް ފުރުސަތު ދޭން ވާނެ ކަމަށް. އެ ގޮތަށް ފުރުސަތު ފަހިކޮށް ދޭން ވާނެ ކަމަށް،" ރައީސްގެ ވައުދު ހަނދާން އާ ކުރައްވަމުން ވިދާޅުވި އެވެ.
އެ މަނިކުފާނު ވަނީ އެ ބިމުގައި ރައްޔިތުންގެ މަޝްވަރާއާ އެކު، އިގްތިސާދީ މަސައްކަތެއް ކުރަން ފެށުމަށް ރަނގަޅު ޕްރޮޕޯސަލެއް ކައުންސިލުން ހުށަހެޅުމުން ހުއްދަ ދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވިގޮތުގައި، ތަރައްގީއަށް ފަށާފައިވާ މަސައްކަތްތައް އަވަސް މުސްތަގުބަލެއްގައި މި ސަރުކާރުން ނިންމައިދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތޫބާ ނާޒިމް
27 August 2025
ކުރީ ސަރުކާރުން ހިންގި ބޮޑު ޖަރިމާ މިސަރުކާރުން އައިސް ސާފްކޮށް މި ރައްޔިތުންނަށް ފައިދާވާހެން މި ބަދަލްކޮށްލަނީ.
އަބާން މުހައްމަދު
27 August 2025
މީގެ ސަބަބުން މި ރަށަށް އިތުރު އާމްދަނީ ލިބޭނެ. އިތުރު ވަޒީފާ އުފެދޭނެ.
ކަނބިލި
26 August 2025
ޖަލުއަޅާށޭ ކިޔައިގެން ކުރީ ސަރުކާރުގައި ހިންގީ ކޮރަޕްޝަން