28 އޯގަސްޓް 2025 - 13:07
ދިވެހި ޕްރިމިއާ ލީގުން ވަކިވި ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަށް 200،000ރ. ގެ ޖޫރިމަނާއެއް އަންނާނެ ކަމަށް ބެލެވެން ފަށައިފި އެވެ.
ނިއު ރޭޑިއަންޓާ އެކު ހެދި ޑީލެއްގެ ދަށުން ފުރަތަމަ ޑިވިޝަނުގެ ޖާގަ ދޫކޮށްލިކަން، ސަސްއިން ވަނީ އެފްއޭއެމަށް އަންގައިފަ އެވެ.
ދިވެހި ޕްރިމިއާ ލީގުގެ އާ ގަވާއިދުގައި ބުނެފައި ވަނީ ލީގު ފެށުމުގެ ކުރިން މުބާރާތުން ވަކިވެއްޖެނަމަ އެ ޓީމަކަށް 200،000ރ. ގެ ޖޫރިމަނާގެ އަދަބެއް އަންނާނެ ކަމަށެވެ. އަދި އެ ޓީމެއް ރެލިގޭޓް ވާނީ އެ ޓީމު ނިސްބަތްވާ ސަރަހައްދީ ލީގުގެ ދެވަނަ ޑިވިޝަނަށެވެ.
ނިއުއާ އެކު ހެދި ޑީލެއްގެދަށުން ލީގު ވަކިވިޔަސް، ސަސްގެ ބޯޑުން ފާސް ކުރި ގަރާރާއި އެފްއޭއެމަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ލީގުން ވަކިވާން ނިންމީ އެ ކްލަނަށް ކުރިމަތިވެފައިވާ "ހީނުކުރާ ފަދަ މާލީ ގޮންޖެހުންތަކާ ހެދި" ކަމަށެވެ.
"ސުޕަ ޔުނައިޓެޑް ސްޕޯޓްސްއިން ދިވެހި ޕްރިމިއާ ލީގުން ވަކިވަނީ ހީނުކުރާ ފަދަ މާލީ މައްސަލަތަކާއި ވާދަވެރި ޓީމެއް އެކުލަވާލުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުންކަން ހިތާމައާ އެކު ދަންނަވަމެވެ. ވާދަވެރި ސްކޮޑެއް އޮތުމުގެ މުހިންމުކަމާއި މާލީ ގޮތުން ހަމައަކަށް އެޅުމުގެ މުހިންމުކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. މިއީ އުނދަގޫ ނިންމުމެއް ނަމަވެސް، އެއީ ކްލަބް ދެމެހެއްޓެނިވި ގޮތުގައި ކުރިއަށްގެންދިއުމަށް އެންމެ ފައިދާހުރި ގޮތް ކަމަށް ގަބޫލުކުރަން." އެ ކްލަބުން ފާސް ކުރި ގަރާރުގައި ވެއެވެ.
އެފްއޭއެމަށް ފޮނުވި ސިޓީގައި އެ ކްލަބުން ބުނެފައި ވަނީ ކުރިއަށް އޮތް ސީޒަނުގައި އެ ކްލަބުން ދެވަނަ ޑިވިޝަނުގައި ވާދަކުރަން ތައްޔާރު ވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ މާލީ ކަންކަން ހަމައަކަށް އެޅުވުމަށާއި ދަރަނިތައް އަދާކުރުމަށް މަގުފަހި ކުރުމަށާއި ޓީމު އަލުން ބިނާކުރުމުގެ ފުރުސަތު ފަހިކުރުމުގެ ގޮތުން 2025-2026 ގެ ދެވަނަ ޑިވިޝަނުގައި ވާދަ ކުރަން އަޅުގަނޑުމެން ތައްޔާރުވާނެމެވެ.،" ސަސްގެ ރައީސް އިސްމާއީލް އާތިފް ސޮއިކޮށް އެފްއޭއެމަށް ފޮނުވި ސިޓީގައި ބުނެފައި ވެއެވެ.
"ދެވަނަ ޑިވިޝަނުގައި އަލުން ބައިވެރިވުމުގެ މަސައްކަތާއި އެކަމާ ގުޅޭ ރަސްމީ މަރުހަލާތައް ފުރިހަމަ ކުރުމަށް ދޭ އިރުޝާދާއި ދެވަނަ ޑިވިޝަނުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމުގައި ވެސް އެފްއޭއެމްގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމަށް މި ކްލަބުން އުއްމީދު ކުރަމެވެ.،"
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މޯދު
31 August 2025
ފަރީދު ބަނގުރޫޓު ކޮއްފަ ދިޔަ ކުލަބެއްތީ ދުވަސްކޮޅަކުން އޮޑި އައްވެސް ތިހެން ހަދާނެ. މެޗު ފިކްސް ކޮއްގެން އުޅޭ މީހެއްތީ އަދިވެސް އެކަޑަމީއިން ލިބުން.ރުފިޔާ ކުލަބައް ނުދޭ.އެކަޑްމީ އޮތްއިރު ވެސް ދަގަނޑޭގެ ބާރުގެ ބޭނުނއް ކޮއްގެން އެފްއޭއެމް އިން މަކަރު ހެދި މީހެއްތީ.
އިއްޕަޓޭ
28 August 2025
ސަސްގެ ބޯޑު ޑައިރެކްޓަރެއް ދަގަނޑޭއަކީ. ތިޔަ އާގަވާއިދު ތަންފީޒުކުރިއިރު ކްލަބްތަކުގެ ބޯޑުގަތިބޭ ފަރާތްތައް އެހެން ކްލަބްތަކަށް ކުޅުން މަނާކުރެވެންޖެހޭ. ހަމަޖެހޭގޮތަކީ މިއީ. ނޫނީ ދެވަނަ ޑިވިޝަނުގަކުޅެގެން ޕްރޮމޯޓްވާގޮތްނުވީމަ އެހެން ކްލަބްތަކަށް ފައިސާގެ އެހީ ފޯރުވާފަ ޑީލްހެދުމަށްފަހު ވަލުދޮރާށިން ޕްރިމިއާލީގަށް ވަނުން އާންމުކަމަކަށް ވެގެންދާނެ.
ބސވސވ
28 August 2025
ޖޫރިމަނާއެއްވެސް ހިޔެއްނުވޭ އަންނާނެހެނެްއް.
ދިިވެހިފުޓްބޯޅަ ގޭންގުތަކުން ސަލާމަތްކުރޭ!!
28 August 2025
އާޚިރުގައި ތިޔަ ޖޫރިމަނާ ދައްކަންޖެހޭނީަ އެފްއޭމުން ސަސްއަށް.
ރަދީފްއޮފިޝަލް /
28 August 2025
ސަސް ކެފޭގަ ބޮޑު ތަޅު އަޅުވާފަ ހުރީ މާލީ ދަތީގެ ސަބަބުން ދޯ!!!!
ނާންނަ
28 August 2025
ސިޔާސީން ޓީމުތަކާއި އެފްއޭމްއާ ގުޅި ހިސޯރުކުރީމަ ޑީލްވެސް ހަދާނެ. އެކަމަކު ފުޓުބޯޅަ ކުރިއަކަށް ނާރާނެ. ސިޔާސީ މީހާގެ ބާރު ކެނޑޭއިރަށް ޓީމު ބަނގުރޫޓުވާނެ. ޖޫރިމަނާކުރާނެ. ދައްކާނެ މީހަކު ނުވާނެ. ނުއެއް ހޯދޭނެ. ދެން ހަމަ ރިޕީޓު މޯޑުގަ މިކަން ހިނގާނެ. ސިޔާސީ މީހުން ފުޓުބޯޅައިން ދުރުވެ ސިސްޓަމެޓިކް ގޮތެއްގަ ފުޓުބޯޅަ ހިންގައިގެން ނޫނީ ނުލިބޭނެ ކާމިޔާބެއް ދިވެހި ފުޓުބޯޅައަށް.