ކުއާޓާ ފައިނަލް މެޗަށް ފަހު ޖޮކޮވިޗް (ކ) އާއި އަލްކަރާޒް (ވ)، ސެމީ ފައިނަލްގައި އޮތީ ދެ ކުޅުންތެރިންގެ ކުރިމަތިލުމެއް.-- ފޮޓޯ: އޭއެފްޕީ
04 ސެޕްޓެމްބަރ 2025 - 11:57
ޔޫއެސް އޯޕަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގައި ފުރަތަމަ ފަހަރަށް ނޯވަކް ޖޮކޮވިޗާއި ކާލޯސް އަލްކަރާޒް ވާދަކުރަން ޖެހިއްޖެ އެވެ.
ޖޮކޮވިޗާއި އަލްކަރާޒް ވާދަ ކުރާނީ ސެމީ ފައިނަލުގަ އެވެ. އުމުރުން 38 އަހަރުގެ ޖޮކޮވިޗް މަސައްކަތް ކުރަނީ ރެކޯޑް 25 ވަނަ ގްރޭންޑް ސްލޭމް ކާމިޔާބު ކުރުމަށެވެ. އަދި އަލްކަރާޒް މަސައްކަތް ކުރަނީ އޭނާގެ ހަވަނަ ގްރޭންޑް ސްލޭމް ތަށި ހޯދާށެވެ.
އަލްކަރާޒް ވަނީ ކުއާޓާގައި ޖީރީ ލެހެޗްކާއާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްފަ އެވެ. މި މުބާރާތުގައި މިހާތަނަށް އޭނާ އަތުން އަދި ސެޓެއް ނުގެއްލެ އެވެ. ޖޮކޮވިޗް ސެމީ ފައިނަލަށް ދަތުރު ކުރީ ކުއާޓާގައި 3-1 ސެޓުން އެމެރިކާގެ ޓައިލާ ފްރިޓްޒް ބަލިކޮށްފަ އެވެ.
އަލްކަރާޒް ވަނީ އެންމެ ފަހުން ޖޮކޮވިޗާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ. މިއަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ ކުއާޓާ ފައިނަލްގައި ޖޮކޮވިޗް 3-1 ސެޓުން އަލްކަރާޒް ބަލިކުރި އިރު، މިދިޔަ އަހަރުގެ އޮލިމްޕިކްސްގައި ޖޮކޮވިޗް ވަނީ ސީދާ ދެ ސެޓުން އަލްކަރާޒް ބަލިކޮށް ރަން މެޑަލް ހޯދައިފަ އެވެ. ނަމަވެސް ޖޮކޮވިޗް ބަލިކޮށް އަލްކަރާޒް ވަނީ މިދިޔަ އަހަރުގެ ވިމްބެލްޑަން މުބާރާތް ކާމިޔާބު ކޮށްފަ އެވެ.
ޔޫއެސް އޯޕަންގެ ސެމީ ފައިނަލްގައި ދެން ވާދަކުރާނީ ކެނެޑާގެ ފެލިކްސް އައުގާ-އަލިއަސީމޭ އާއި ދުނިޔޭގެ އެއްވަނަ، އިޓަލީގެ ޔަނިކް ސިނާ އެވެ.
ސިނާ އާއި ޖޮކޮވިޗް ވަނީ މި އަހަރުގެ ހަތަރު ގްރޭންޑް ސްލޭމްގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. އޮސްޓްރޭލިއަން އޯޕަންގެ ސެމީގައި ޖޮކޮވިޗް ބަލިވީ އަލެކްޒެންޑާ ޒްވެރޭވް އަތުންނެވެ. އަދި ފްރެންޗް އޯޕަން އާއި ވިމްބެލްޑަންގެ ސެމީ އިން ޖޮކޮވިޗް ބަލިވީ ސިނާއާ ވާދަކޮށް އެންމެ ސެޓެއް ވެސް ނުލިބި އެވެ.
ސިނާ، މިއަހަރުގެ އޮސްޓްރޭލިއަން އޯޕަން އާއި ވިމްބެލްޑަން ކާމިޔާބު ކޮށްފައި ވާއިރު، ފްރެންޗް އޯޕަން ފައިނަލުން ބަލިވީ އަލްކަރާޒް އަތުންނެވެ. ޖޮކޮވިޗް އެންމެ ފަހުން ގްރޭންޑް ސްލޭމް އެއް ކާމިޔާބު ކޮށްފައިވަނީ 2023 ގެ ޔޫއެސް އޯޕަންގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy