ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާއިލް ނިޒާރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: މާލީ ބަޔާން ހުށަނާޅާ މެމްބަރުންނާ މެދު މަޖިލީހުން ފިޔަވަޅު ނާޅަނީސް ނޫސްވެރިން އެ ބަޔާނުގެ ވާހަކަ ރިޕޯޓްކުރުމުން އޭނާ ވަނީ ހިތްހަމަނުޖެހުންފާޅުކޮށްފައި.-- ފޮޓޯ: މަޖިލިސް
04 ސެޕްޓެމްބަރ 2025 - 12:01
މާލީ ބަޔާން ހުށަނާޅުއްވާ މެމްބަރުންގެ ތެރޭގައި ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާއިލް ނިޒާރު ހިމެނޭ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމުން ހިތްހަމަޖެހިވަޑައިނުގެން މީޑިއާ ބިލް އަވަހަށް ފާސްކުރަން ޖެހޭ ކަމަށް ކުރެއްވި ޕޯސްޓާ އެކު އޭނާ އަށް ފާޑުކިއުން އަމާޒުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން އެ މެންބަރެއްގެ މެންބަރު ކަމުގެ ހުވާކުރާ ތާރީހުން ފެށިގެން އެއް އަހަރު ވުމުން ހުށަހަޅަން ޖެހެ އެވެ. އެހެންވެ، މިދިޔަ މަހުގެ 31ގެ ކުރިން މިހާރުގެ 93 މެންބަރުން ބަޔާން ހުށަހަޅަން ޖެހެ އެވެ.
މުއްދަތު ހަމަވިއިރު ބަޔާން ހުށަހެޅުއްވި މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައި ވަނީ އާއްމުކޮށްފަ އެވެ. އެ މުއްދަތުގައި ފަސް މެމްބަރުން ބަޔާން ހުށަނާޅުއްވާ ކަން ވެބްސައިޓުން ފެންނަން އޮތް އިރު، އޭގެ ތެރޭގައި ނިޒާރު ހިމެނިވަޑައިގަންނަވަ އެވެ.
މީޑިއާތަކުން މާލީ ބަޔާނުގެ ހަބަރު ރިޕޯޓްކުރުމުން ނިޒާރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާން އާއްމުކުރި މިއީ ފުރަތަމަ ފަހަރު ނޫން ކަމަށެވެ. މީގެ ކުރިން ނުދޭހާ ބޮޑު ސަމާލުކަމެއް މިފަހަރުގެ ބަޔާންތަކަށް ދިނީ ކީއްވެތޯ ސުވާލު އުފެދޭ ކަަމަށް އޭނާ ވިދާޅުވި އެވެ.
ފޭދޫ އުތުރު ދާއިގެ މެމްބަރު ނިޒާރު އިއްޔެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓު. -- ފޮޓޯ: މަޖިލިސް
އޭނާ މައްސަލައެއްގެ ގޮތުގައި ނެންގެވީ، މާލީ ބަޔާން އާއްމުނުކުރާ މެމްބަރުންނާ މެދު މަޖިލީހުން ފިޔަވަޅު ނާޅަނީސް މީޑިއާތަކުގައި ބަޔާނުގެ ވާހަކަ ލިއުމެވެ.
"ގަވާއިދާ އެއްގޮތަށް އަމަލުނުކުރާ މެމްބަރުންނާ މެދު މަޖިލީހުގެ އޮންނަ އުސޫލްގެ ތެރެއިން ފިޔަވަޅު އަޅުއްވާނެ. މަޖިލީހުން މިފަދަ އެއްވެސް ފިޔަވަޅެއް ނުވަތަ ބަޔާނެއް ވެސް ނެރެފައި ނުވަނީސް ބައެއް މީޑީއާތަކުން ލިސްޓް ހަދައިގެން ރައްޔިތުންނަށް ކަންކަން އޮޅޭ ގޮތަށް ޕަބްލިޝްކުރުން އަޅުގަނޑު ކުށްވެރިކުރަން،" ނިޒާރު ލިއުއްވާފައި ވެ އެވެ.
އޭނާ ގޮވާލެއްވީ އަވަހަށް މީޑިއާ ބިލް ފާސްކުރުމަށެވެ. ދައުރުން ބޭރު ޖަލްސާއެއް ބާއްވައިގެން ވިޔަސް އެ ބިލް ފާސްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލީ ބަޔާން އާއްމު ނުކުރައްވައި ނިޒާރު އެގޮތަށް ވިދާޅުވުމުން އޭނާ އަށް ވަނީ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފަ އެވެ. އޭގެ ތެރޭގައި ނޫސްވެރިންނާއި އޭނާގެ ދާއިރާ މީހުން ވެސް ހިމެނެ އެވެ. މި ފާޑުކިއުންތަކާ ހެދި އޭނާ ވަނީ ފޭސްބުކްގައި އާއްމު ކުރެއްވި ޕޯސްޓް، ރައްޓެހިންނަށް އެކަނި ފެންނަ ގޮތަށް ހަދައިފަ އެވެ.
ރައްޔިތުން މަޖިލީހުގެ މެމްބަރުން މަޖިލިސް ޖަލްސާއެއްގައި.
އޭނާގެ ފޭސްބުކް ޕޯސްޓަށް ކޮމެންޓް ކުރި ގިނަ ބަޔަކު ވަނީ މާލީ ބަޔާން އާއްމުނުކުރެއްވި ސަބަބާ މެދު ސުވާލުކޮށްފަ އެވެ.
އިންތިހާބުކޮށްފައިވާ މެމްބަރުންގެ މާލީ ބަޔާން މީގެކުރިން ވެސް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ކަމަށާއި މާލީ ބަޔާނާ ގުޅޭ ގޮތުން ނިޒާރަށް ގާނޫނުގައި އޮތް އެއްޗެއް އެނގިވަޑައިނުގަންނަވަނީ ކަމަށް ވެސް ބައެއް މީހުން ލިއެފައިވެ އެވެ.
މަޖިލީހުން އިއްޔެ އާންމުކުރި މާލީ ބަޔާންތަކުގައި ބައެއް މެމްބަރުންނަށް ހަދިޔާ ގޮތުގައި މިލިއަނުން ރުފިޔާ ލިބިފައިވާއިރު އަނެއް ބައި މެމްބަރުންގެ ބޭންކް އެކައުންޓުގައި ހުރީ 500 ރުފިޔާ އަށް ވުރެ ވެސް މަދު އަދަދެއްގެ ފައިސާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލީ ވަސީފު
04 September 2025
މީނަގެ ބައްޕަވެސް އުޅުނީ މިކަހަލަގޮތަކަށް.މފޭދޫ މީހުން އެކަން ދަންނާނެ
ގާބުރި
04 September 2025
މީޑިޔާބިލު އޮތްގަށް އަވަހަށް މަޖުލީހުން ފާސްކުރަންޖެހޭ
ވެރޭނާ
04 September 2025
ފޮނުއަރުވަނީ ކީއްވެތޯ؟؟ ތިފަދަ އެތަށް ތަރިއެއް އަރާ އޮއްސިއްޖެ!
އަމީނާ އިސްމާއީލް މަރަދޫ
04 September 2025
މިއީ ކަމުދާ މީހެއް ނޫން.
ތުއްތައްތަ
04 September 2025
ރާއްޖޭގެ މަޖިލިސް މެމްބަރުންނަކީ ދުނިޔޭ އެހެން ގައުމުތަކާ ހިލާފައް، އާދަޔާހިލާފު އިމްތިޔާޒީ ބާރުތަކެއް ލިބިފަވާ މެންބަރުންތަކެއް. ނިޒާރު ބޭނުންފުޅު ކޮންމެ ކަމެއް ކުރޭވެނެ.
އުލުބައިންދަންޖެހެނީ ކޮންބައެއްގެބާ
04 September 2025
ރައްޔިތުން ހޮވީމަ ތަނަކަށް ވަދެވުނީމަ، ރައްޔިތުންނަށް ހާމަކުރަންޖެހޭ މަޢުލޫމާތު ހާމަ ކުރުމާމެދު ތިހާ ޖަޒްބާތީ ނުވެ އަވަހަށް ހާމަ ކުރޭ. ތިމާގެ ޙައިޞިއްޔަތަކީ ކޮބައިކަން އަދި ތިޔަ ފޮނިކަމާ ބޮޑާކަން ނިމުމަކަށް ގެނައުމުގެ ބާރު ރައްޔިތުންގެ އަތުގަ އޮތަކަން ހަނދާންކުރޭ
ަސ
04 September 2025
މާލީ ބަޔާނުގައި ނަގުދު ފައިސާ އިން ލިބޭ މަހު އެތި ކޮޅުގެ ވާހަކަ އެއް ނެތް.
ގަމާރުންގެ ރާއްޖެ
04 September 2025
މިއީވެސް ކަލޭމެން އަމިއްލަޔަށް ވޯޓުލައިގެން ހޮވާ މީހުން! ދެން އެކަހަލަ މީހުން އިންތިހާބުކޮށްފަ މިހާރުދެން ކޮން ރުޅިއެއް އަންނާކަށް! ރާއްޖެ އިސްލާހު ކުރެވޭނީ ފުރަތަމަ ވޯޓުލާން ތިބި ރައްޔިތުން އިސްލާހު ވެގެން!
ބޯބުރާންތި
04 September 2025
ރައްޔިތުން އިސްލާހުވާން ކުރަންވީ ކޮންކަމެއް؟ އެންމެން އަންބާ ކިޔާފަ ވޯޓުލާން ނުދާންވީތަ؟ އޭރަށްވެސްް އާއިލީމީހުންނާ ތިމާގެ މީހުން ދާނެ ފޫގަޅާފަ އޭނައަށް ވޯޓުދޭން. އާއިލާ މީހުންނާ ތިމާގެ މީހުން އެކަނި ވޯޓުލިއަސް އެއީ ކިތަންމެ މަދު ބަޔަކު ކަމަށްވިޔަސް އޭނަ ހޮވޭނެ. ދެނޯ؟! އިސްލާހުވާން ހަދަންވީ ދެވަނަގޮތަކީ ކޮބާ؟
ބަކުރުު
06 September 2025
މަރްހޫމް ޢަބްދުﷲޙަސަން ކިޔާފައިވާ ލަވައެއްގާ އޮވޭ، އިސްލާޙުވާން އެދޭނަމަ ފުރުޞޮތު ނަގާނުލާ މިސްރާބު ރަގަނޅުސީދާ ކޮށްލަން އަވަސްވެލާ ކުރެވޭނެޔޭ ސުވާލު އުމުރު ހުސްވުމާއެކީ ބުނެވޭނެހޭ ޖަވާބުމުޅިން ހިތްއުފާވެލާ
ހާސަރު
04 September 2025
ގައުމު ލޫޓްވާކެއަސް މީޑިއާގައި އެއްޗެއް ލިޔުނަނުދޭން ބިލް ފާސްކުރަން ތިޔައުޅެނީ!؟ ބަލަގަ މިހާރު އިންޑޮނޭޝިޔާއަށް ވެގެން އުޅޭގޮތް ނުފެނޭތަ!؟ ރައްޔިތުން ކެތްކުރާނީ ވަކިވަރެއް ވަންދެން!
ކެނެޑީ
04 September 2025
"އެއޮންނަ އުސޫލުގެ ތެރެއިން" އެއްވެސްކަމެއް ރާއްޖޭގަ ނުހިނގާތީދޯ އެންމެން އަނގަގަދަކުރަންޖެހެނީ.