ރާއްޖޭގެ 20 އަހަރުގެ ތަރައްގީގެ ޕްލޭން ހެދުމަށް ހަވާލުކޮށްފައިވާ ނެކްސިއާ ކުންފުނިން، ހައުސިން މިނިސްޓްރީގެ އިސްވެރިންނާ މިދިޔަ ހަފުތާގައި ބައްދަލުކުރައްވަނީ.-- ފޮޓޯ: ނެކްސިއާ މޯލްޑިވްސް
08 ސެޕްޓެމްބަރ 2025 - 11:58
ރާއްޖޭގެ 20 އަހަރުގެ ތަރައްގީގެ ޕްލޭން ހެދުމަށް ނެކްސިއާ މޯލްޑިވްސް ކުންފުންޏާ ހަވާލުކުރީ 17.9 މިލިއަން ރުފިޔާއަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ޕްރޮކިއުމަންޓް ތަފްސީލުގައި ބުނީ ތަރައްގީގެ ޕްލޭން ހަދައިދޭނެ ބަޔަކު ހޯދަން އިއުލާންކުރިއިރު ތިން ފަރާތަކުން ކުރިމަތިލި ކަމަށެވެ. އެއީ، އެންމެ މަތިން މާކްސް ލިބުނު ނެކްސިއާ މޯލްޑިވްސް އާއި ރިޔާން ޕްރައިވެޓް ލިމިޓެޑް އަދި ސީޑީއީ ޕްރައިވެޓް ލިމިޓެޑެވެ.
އޭގެ ތެރެއިން، ރިޔާން އަދި ސީޑީއީ ކުންފުންޏަށް ޓެކްނިކަލް ބައިން މަދުން ޕޮއިންޓު ލިބުމުން ފެއިލްވީ އެވެ.
އެހެންވެ ނެކްސިއާއަށް މިދިޔަ ޖޫން 25 ގައި އެ މަސައްކަތް ހަވާލުކުރީ އެއް އަހަރުގެ ތެރޭގައި ނިންމާ ގޮތަށް 17.9 މިލިއަން ރުފިޔާ އަށެވެ.
ތަރައްގީގެ ޕްލޭން ހަދަން އެ ކުންފުނިން ވަނީ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުކުރަން ފަށައިފަ އެވެ. އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް އެ މީހުންގެ ހިޔާލު ހޯދުމެވެ.
އެ މަސައްކަތްތަކުގެ މައުލޫމާތު ދޭން، ނޭޝަނަލް ޑިވެލޮޕްމަންޓުގެ ޕަބްލިކް ރިލޭޝަންސް ޓީމުން އިއްޔެ ބޭއްވި ބައްދަލުވުމުގައި، ޕްރޮޖެކްޓު ލީޑު މުހައްމަދު ނަޒީފު ވިދާޅުވީ އަންނަ ޖެނުއަރީ މަސް ނިމޭ ހިސާބުގައި އެ ޕްލޭން ލޯންޗުކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ތަފާތު އެކި ޕްލެޓްފޯމުތައް މެދުވެރިކޮށް އާއްމުންގެ ހިޔާލު ހޯދޭނެ ކަމަށެވެ. އޭގެ ބައްދަލުވުންތައް ކުރިއަށް އޮތް ދުވަސްތަކުގައި ބާއްވާނެ ކަމަށް ނަޒީފު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށްވާ ތަރައްގީގެ މި ޕްލޭނަށް، ގާނޫނީ ބާރުވެރިކަން ދިނުމަށް ބަދަލުތައް ގެންނާނެކަން ވަނީ އިއުލާންކުރައްވައިފަ އެވެ. އޭގެ ދަށުން މޮނިޓަރިން ފްރޭމްވޯކާއި ފައިނޭންޝަލް ޕްލޭން އަދި އިމްޕްލިމެންޓޭޝަން ފްރޭމްވޯކެއް ހަދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަރގް12
09 September 2025
ވެރިކަމަށް ދެންއަންނަ ބަޔަކު ތިޔަށް ފޮލޯނުކުރާނަމަ ތިއީ ތަޅާލެވޭ ބޭކާރު 17 މިލިޔަން، ތިކަން ކޮޅެއްގައި ޖައްސަންބޭނުންނަމަ ގާނޫނުގައި ތިޔަ ޕްލޭނަށް ފޮލޯކުރުމަށް ބާރުއަޅާ، މަޖުލިސްބތިއޮތީ އަތްދަށުގައި 2 އަހަރު ފާއިތުވީއިރު އަދި ގައުމު ހަމަޔަކަށް އަޅުވާނުލެވޭ، ވިސްނައިގެން ކުރިއަށް ގެންދަވާ
ފަރަންޖީ
09 September 2025
މީގެ ކުރިން ރާއްޖޭގައި ދުވަހަކުވެސް ޕްލޭނެއް ހަދާފައި ނެތް އޯޑިޓްމަސައްކަތްކުރި ކުންފުންޏަކުން ރާއްޖޭގެ މިކަމުގެ އެންމެ ތަޖުރިބާކާރު 2 ކޮންސަލްޓަންސީ ކުންފުނި ބަލިކޮށް އެމީހުންނަށްވުރެ 1 މިލިއަން ރުފިޔާ އިތުރަށް އަގުޖަހައިގެން ހޯދޭނީ ވަރަށް މޮޅުވެގެން އަދި ކާންދޭމީހާ ވަރަށް ރަނގަޅަށް ދަނެގެން.
ހޮޓްކިންގ
08 September 2025
ބޭކާރު ޚަރަދު ކުރަނީ ފައިސާ ގިނަވެގެންހެން ހީވަނީ. މިވެރިކަން ނިމޭއިރަށް ތި ޕްލޭން އެއްލާލާނެ. ތިފަދަ ޕްލޭނެއް ވިހިވިހީގެ ތަސައްވުރު ކިޔާފަ މައުމޫނުވެސް ހެދި. ވެރިކަން ނިމުނުއިރުވެސް ތަސައްވުރު ވީ ވީތަނެއްގަ. ހާސިލްވި ކަމެއް ހަރާމް.
އިސްމާލު2.0
08 September 2025
ގައިމު ސިޔާސީ މަގާމުތަކުގައި، ޕޮލިސީ ލެވަލްގެ މަސައްކަތްކުރަން ދަންނަބަޔަކު ތިބިނަމަ، ތިޔަ ބޭކާރު ހަރަދެއް ކުރާކަށް ނުޖެހޭނެއެވެ.
މަގޭހިޔާލުލް
08 September 2025
ތިކަމަކީ ގައުމަށް ވަރަށް މުހިންމުކަމެއް ރަނގަޅަށް ދާނަމަ ތިކަމަށް ރައްޔަތުންގެ ބަސްވެސް މުހިންމު އެކަމަކު އެއަށްވުރެ މުހިންމީ މިކަމުގެ ފަންނީ މީހުންނަށް މިގައުމު އެންމެ ކުރު މުއްދަތެއްގައި ތަރަށްގީ ގެނެވޭނެ ޕްލޭނެއް 100 މީހުން އުޅޭރަށުމީހާވެސް ބޭނުންވަނީ އެރަށުގަ މަގުހަދާ ހޮސްޕިޓާއަޅަށް މިގޮތަށް މިކަން ނުވެގެން ޕްލޭނެއް ބޭނުންވަނީ ވެރިކަމަށް އަންނަންއުޅޭމީހާ ވޯޓުހޯދަން ދައުލަތުގެ ފައިސާ ބޭކާރުނުކުރެވޭގޮތް ހެދުން މުހިންމު
ކުޑަ ސައިހު
08 September 2025
ތިކަލަ ޅަ ކުންކުން ރައްތުންގެ ދިއުމާގުޅޭ ބޮކަންތައް ކުރެވިދާނެ ކަމައް ގަބޫލު ނުރަން! ތިލޭންކީ ރްނގަޅު ފުލޭނެއް ކަމައް. ނިއްމަނީ ކާކުތޯ
އައިމިނާ
08 September 2025
ކިތަންމެ ބޭކާރު ޚަރަދެއްކުރިޔަސް ވޯޓެއް ނުލިބޭނެ ދެނެއް.
ކޫދު
08 September 2025
ވައުދުތައް ފުށްދާ ނިމިގެން ތިޔައިގަ އަތްލެވެން އޮތީ މިހާރު.
ނާސިހު
08 September 2025
ރާއްޖޭގަ ފެންނަމުން ދަނީ، ކުރިން ވެރިކަން ކުރި ޕާޓީން ކޮއްފަ ހުންނަ ކަންކަން ނުވަތަ ބޮޑެތި މަޝްރޫއުތައްވެސް ދެން ވެރިކަމައް އަންނަ ބަޔަކު ކުރިއައް ނުގެންގޮސް ދޫކޮއްލާތަން. ވީމާ އަދި 20 އަހަރުގެ ޕްލޭނެއް ކިހާ ވަރަކައް ބޭނުން ހިފާފާނެއޭ ހިތައް އަރާ. ވައުދެއް ކަމަށްވިއަސް މީ ކިހާ ވަރަކައް ބޭނުން ކުރާނެ ޕްލޭނެއް ބާއޭ ހިތައް އަރާ.
ޑރ ވާންޗޯ
08 September 2025
ވަކިރަނގަޅުބަޔަކު ވެރިކަމަށް އެބައާދޭތަ؟. ކޮންމެބަޔަކުވެސް ކޮންމެސްނަމެއްކިޔާފަ ބަހާލައިގެން ކާލަނީ. ޕްލޭނިންގ މިނިސްޓްރީން ކީއްކުރަނީ؟. ތިޔަސަރވޭ މިޒަމާނުގަ އޮންލައިންކޮން ނުހެދުނީތަ؟.