އަރަބި-އިސްލާމިކް ސަމިޓުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ: އިޒްރޭލާ ދެކޮޅަށް މުޅި އިސްލާމީ އުއްމަތް ތެދުވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައި --- ފޮޓޯ/ރައީސް އޮފީސް
15 ސެޕްޓެމްބަރ 2025 - 20:43
އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވައި، ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯލަނބަން މަޖުބޫރު ކުރުވުމަށްޓަކައި އިޒްރޭލާ ދެކޮޅަށް ސިޔާސީ އަދި އިގުތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.
މި މަހުގެ 9 ވަނަ ދުވަހު ގަތަރުގެ ދޯހާ އަށް އިޒްރޭލުން ދިން ހަމަލާއާ ގުޅިގެން، ގަތަރުގައި މިއަދު ބޭއްވި އަރަބި-އިސްލާމިކް އިމަޖެންސީ ސަމިޓުގައި ތަގުރީރު ކުރައްވަމުން، ރައީސް ވިދާޅުވި ގޮތުގައި، ފަލަސްތީނުގެ ޣައްޒާގައި ސުލްހަ ގާއިމު ކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ ގަތަރަށް ހަމަލާ ދިނުމަކީ، އިޒްރޭލުން ސުލްހަ ބޭނުންނުވާކަމުގެ ސާފު ދަލީލެކެވެ.
"އިޒްރޭލުން ދޯހާއަށް ހަމަލާ ދިނުމުގެ ބޭނުމަކީ، ސީދާ ސުލްހައަށް ހަމަލާދީ، މެދުވެރިއެއްގެ ދައުރަށް ހުރަސްއަޅައި، މުޅި ސަރަހައްދު އިތުރު ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާލުން،" އެ މަނިކުފާނު ވިދާޅުވި އެވެ.
އިޒްރޭލުގެ އެ ހަމަލާއަކީ ރައީސް ސިފަކުރެއްވި ގޮތުގައި، ފަލަސްތީނުގެ ބިންތައް ފޭރިގަނެ، ހުޅަނގު އައްސޭރި އިސްތިއުމާރުކޮށް އަދި ޣައްޒާއަށް އެހީ ވެއްދުމަށް ހުރަސް އެޅުމާއި ޑޮކްޓަރުންނާއި ނޫސްވެރިންނަށް އަމާޒުކޮށްގެން ރާވައިގެން ހިންގަމުންދާ ޖަރީމާތަކަށް އިތުރު ބޮޅެކެވެ.
މީގެ އިތުރުން އަމިއްލައަށް ދިފާއުވުމުގެ ނަމުގައި ފަލަސްތީނުގެ ބިންތައް ސުންނާފަތިކޮށް، ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް ހުއްޓުމެއްނެތި އިޒްރޭލުން މަސައްކަތް ކުރަމުންދާކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.
އަރަބި-އިސްލާމިކް ސަމިޓުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް
ފަލަސްތީނާއި ޔަމަނާއި ސީރިޔާ އާއި ލުބުނާން އަދި އުރުދުންއަށް ހަމަލާދިނުމަށްފަހު އެއްވެސް ޖެހިލުމެއްނެތި މިހާރު ގަތަރަށް ހަމަލާދީ، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ބިންގާ އިޒްރޭލުން ގުޑުވާލާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވާލަން ބޭނުން. ގަތަރަށް ދިން ހަމަލާއަކީ އަޅުގަނޑުމެން އެންމެންނަށް ދިން ހަމަލާއެއް. ގަތަރުގެ އިސްތިގުލާލާއި ސަލާމަތަކީ މިއަދު މިތަނުގައި ތަމްސީލުކުރާ ކޮންމެ ގައުމެއްގެ އިސްތިގުލާލާ ވަކި ނުކުރެވޭނެ އެއްޗެއް،" ގަތަރާއެކު ރާއްޖެ ސާބިތުކަމާއެކު އޮތް ކަމުގެ ޔަގީންކަން ދެއްވައި އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، އދ. އާއި އައިސީޖޭ އަދި ބައިނަލްއަގުވާމީ އެކި އިދާރާތަކުން އިޒްރޭލުން ހަނގުރާމައިގެ ޖަރީމާތަކާއި ގަތުލުއާއްމު ހިންގަމުންދާކަން ހެއްކާ އެކު ބުނަމުންދާއިރު، އިޒްރޭލުން ހިންގާ ޖަރީމާތައް ނުފެންނަ ކަމަށް ހަދައިގެން ތިބެވޭކަށް ނެތެވެ.
ބައިނަލްއަގުވާމީ ގާނޫނުތަކުގައި އެއްވެސް މާނައެއް ހުންނާނީ، ހުރިހާ ގައުމުތަކެއްގެ މައްޗަށް ހަމަހަމަކަމާއެކު އެ ގާނޫނުތައް ތަންފީޒުކޮށްގެން ކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.
އެހެންކަމުން، އިޒްރޭލުގެ ޖަރީމާތައް ހަމައެކަނި ކުށްވެރިކޮށްގެން ނުހުއްޓުވޭނެކަމަށް ވިދާޅުވެ، ރައީސް ވަނީ އިޒްރޭލާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލައްވައިފަ އެވެ.
އެގޮތުން، އިޒްރޭލުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކަށް ޖަވާބުދާރީކުރުވުމަށް އިޒްރޭލުގެ ވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެ މަނިކުފާނު ގޮވައިލެއްވި އެވެ.
"ބައިނަލްއަގުވާމީ ޤާނޫނުތަކަށް [އިޒްރޭލުން] ތަބާވާންދެން، ސިޔާސީ، އިގުތިސާދީ، އަދި ހާރިޖީ ގޮތުން އަޅުގަނޑުމެން އެންމެން ގުޅިގެން ފިޔަވަޅުތައް އަޅަންޖެހޭ." ރައީސް ވިދާޅުވި އެވެ.
އެ ސަމިޓަކީ އިސްތިއުމާރާއި ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް އަރަބި އިސްލާމީ ގައުމުތަކުން ގުޅިގެން، ސާބިތުކަމާއެކު ތެދުވި ތާރީހީ ވަގުތުގެ ގޮތުގައި ހެދުމަށް ވެސް ރައީސް ގޮވާލެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ށިފް
18 September 2025
ޓުރަމްޕަށް ގަތަރުން ވަރަށް މިފަހުން ބޮޑު މަތިންދާބޯޓެއްވެސް ހަދިޔާއަކަށް ދިނެވެ. އެއީވެސް ޢައްޒާގެ ގަތުލްއާމް ހިނގަމުން ދަނިކޮށެވެ.
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
16 September 2025
މުސްލިމުން ހާހުން ޝަހީދުކޮށް އެމީހުންގެ ގޯތިގެދޮރު ބިމާހަމަކުރާއިރުވެސް ސަމިޓް ބޭއްވުން ނޫން ހައްލެއް ނެތީތޯ؟؟؟ މިއީ ދެން ދެއްކުންތެރިކަމުގެވެސް އިންތިހާ އެހެންނުން!! ކިހާ ހިސާބަކަށް ކަންތައް ދިޔާމަތޯ އަހަރެމެން މުސްލިމުން ހޭއަރާނީ؟؟؟ އަދިވެސް ހަމައެކަނި ހޯދަން އެދެންވީ ދުނިޔެތޯ؟؟؟
އައިސަން
16 September 2025
ފަލަސްޠީން ގެ މައްސަލައަކީ މުއިއްޒު ހެޑްލައިން ޖަހަން ބޭނުންކުރާ މީޑިއާ ޓެގަކަށް ނުހައްދަވާ!! ސުވާލުކުރެވޭނެ ދުވަހެއް އަންނާނެ! ޖަވާބުދާރީ ވާންޖެހޭނެ! ޝަފާއަތްތެރިވާކަށް މުއިއްޒެއް ނާންނާނެ! ބިރުވެތިވޭ!
އެޅިހާބަތަކަށް ރިހަވާ ދީނީ މީހުން ތިބެ ނަސްރެއް ނުލިބޭނެ.
16 September 2025
ހުޅަނގުގެ ސިސްޓަމަށް ޝޭޚުންނާ ދީނީ މަސައްކަތްތަށް ކުރާ މީހުން އެމީހުން ރުހޭ މިންގަނޑުތަކަށް ގެނައީމަ ވާގޮތް މިފެންނަނީ، ޣީރަތްތެރިކަމެއް ނެތް ބަޔަކަށްވެފަ. ޖިހާދު މުސްލިމްހުރިހާ ގައުމަކުން ވަކި ކޮށް، ލޭކެކޭ މީހަކު ހުރިއްޔާ އެމީހަކު އުލުބައިންދާ.
ށސ11
16 September 2025
އެބައި މީހުންނާ ހަނގުރާމަކޮށްގެން ނޫންގޮތަކަށް އެމީހުން މައިތިރިނުކުރެވޭނެ!
ޖޖޖޖޖޖޖޖޖޖޖ
16 September 2025
ލައިކު ހޯދަން ފޭސްބުކުގަ މިހާރު މިއުޅޭ ނުކިޔަވާއިން ބޭނުން ކުރަނީ ފަލަސްތީނުގެ ވާހަކަ
ށޭކުސްތާނު
16 September 2025
ގަތަރު އަމީރު ކައިރީ ބުނޭ އަދި އިތުރު އުދުހޭ ޕެލަސްއެއް ޓުރަމްޕާށް ދޭން.
ކޮރަލް
16 September 2025
އިޒްރޭލް އާ އަރަބި ގައުމު ތަކާ ދޭތެރޭ ހަތިޔާރުގެ ގޮތުން ބަލާ އިރު އޮތީ ކުޑަ ފަރަގެކެވެ. އެއީ ރާޑަރަށް ނާރާ މަތިންދާ ބޯޓެވެ. އެއްގަމުން ހަމަލާ އެއް ނުދެ އެވެ. އެ ޗައިނާ އިން ވަނީ މިހާރު ޕާކިސްތާން އަށް ވެސް ދީފަ އެވެ. އެގަންނަން ލިބެ އެވެ. އެކަމު އަރަބި ގައުމު ތަކުގެ އަތުގަ ނެތެވެ. ހުރީ އެމެރިކާ ހަތިޔާރެވެ. އެ އިޒްރޭލް އާ ދެކޮޅަށް ބޭނުމެއް ނުކުރެވެ އެވެ. ދެން ޗައިނާ ފޯން ބޭނުން ކުރަން ވީ އެވެ. އިޒްރޭލް އަށް ޖާސޫސު ނުކުރެވޭނެ އެވެ.
ސުފްޔާން
16 September 2025
އިޒްރާއީލަށް ފާޅުގަ ފާޑު ކިޔާ އެއް ވެރިޔަކީ ރައީސް މުއިއްޒު. އަހަރުމެން ފަހުރުވެރިވޭ ރައީސް މުއިއްޒުއާ މެދު
އަހްމަދު ހަލީމް
16 September 2025
ރައީސް މުއިއްޒް އަށް އަހަރެން ކުރާ ތާއިދު އިތުރުވެއްޖެ. ދެގުނަ ވެއްޖެ. ކުރިން ނުކުރާ ވަރަށް ކުރެވޭ ތާއިދު ފަލަސްތީނުގެ ހައްގުގައި ކުރާ މަސައްކަތުގެ ސަބަބުން.