ވ. ތިނަދޫ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި އެ ރަށު ރައްޔިތުންގެ ފަރާތުން އަޒީބެ ވާހަކަ ދައްކަނީ.-- ފޮޓޯ: ރައީސް އޮފީސް
19 ސެޕްޓެމްބަރ 2025 - 21:43
ރާއްޖޭގެ ރަށްތަކުގެ ތެރެއިން 'ތިނަދޫ' އޮންނާނީ ހަމަ އެކަނި ވ. އަތޮޅުގައި ކަމަށް ކަނޑައަޅައި އެ ގޮތަށް ބަދަލުކޮށްދިނުމަށް އެ ރަށު ރައްޔިތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން މިއަދު އެދިއްޖެ އެވެ.
ވ. ތިނަދޫގެ ރައްޔިތުން އެ ކަމަށް އެދުނީ އެ މަނިކުފާނު އެ އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި މިރޭ އެ ރަށަށް ވަޑައިގެން ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.
ތިންސަތޭކައެއްހާ މީހުން ދިރިއުޅޭ ތިނަދޫގެ ރައްޔިތުންނާ އެކު، ރައީސް މުއިއްޒު ބޭއްވެވި ބައްދަލުވުމުގައި ވަނީ އެ ރަށުގެ ކަންކަމުގައި ރައްޔިތުން ބޭނުންވާ ކަންކަމާއި ކަންބޮޑުވާ ކަންކަން ހިއްސާ ކުރުމުގެ ފުރުސަތު ދެއްވައިފަ އެވެ.
ރައީސްގެ އިތުރުން މިނިސްޓަރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިން ހިމެނޭ ގޮތަށް ސުވާލު ކުރުމުގެ ފުރުސަތު ދެއްވުމުން ތިނަދޫގެ ރައްޔިތުންގެ ފަރާތުން ވާހަކަ ދައްކަމުން އަބްދުލް އަޒީ (އަޒީބެ) ކަންބޮޑުވުން ފާޅުކުރީ ވ. ތިނަދޫގެ ނަން ގދ. އަތޮޅުގެ ތިނަދު އަށް ކިޔާތީ އެވެ.
ވަރަށް ގިނަ މީހުންނަށް އެ ދެ ރަށް އޮޅުން އަރާ ކަމަށާއި އެހެންވެ، މިހާރު ވ. ތިނަދޫގެ ރައްޔިތުން ބޭނުންވަނީ އެއީ ހަމައެކަނި އެ ރަށަށް ކިޔަން ކަމަށް ވެސް އަޒީބެ ބުންޏެވެ.
ވ. ތިނަދޫ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި އެ ރަށު ރައްޔިތުން ބައިވެރިވަނީ.--- ފޮޓޯ: ރައީސް އޮފީސް
"ހަވަރު ތިނަދޫ ގެސްޓުން އައިސް އެބަ ފައިބާ މި ރަށަށް. ޑަބްލިޔުޑަބްލިޔު ޑޮޓް ޖެހީމަ އެތާ ފޮޓޯ އާއި މި ތަނުގެ ފޮޓޯއާ ހުރިހާ އެއްޗެއް އެއްކޮށް މި އަންނަނީ. އެހެންވެ އެ މީހުން އައިސް އަމިއްލަ އަށް މި ފައިބަނީ،" އަޒީބެ ބުންޏެވެ.
"އަޅުގަނޑުގެ ނަޒަރުގައި ތިނަދޫ ކިޔަނީ މި ރަށަށް. ގދ. މީހުން ވެސް ނުކިޔާ ތިނަދޫއެއް، ތެނަދު ކިޔާނީ. ދެން މާލޭ ބޭފުޅުން އެ ރަށަށް ވެސް ތިނަދޫ ކިޔައިގެން މި އުޅެނީ. އެ ރަށު މީހެއް ކައިރީ ކޮން ރަށެއްތޯ އަހާލިޔަން ބުނާނީ ތެނަދުއޭ."
އެއް ނަމެއް ކިޔާ ދެ ރަށްރަށުގެ މައްސަލައަކީ ސަރުކާރުން ހައްލު ކޮށްދޭން ޖެހިފައިވާ މައްސަލައެއް ކަމަށް ވިޔަސް އެއްވެސް ސަރުކާރަކުން އަޅާނުލާ ކަމަށް އަޒީބެ ބުންޏެވެ.
އަޒީބެ ކަންބޮޑުވުން ފާޅުކުރި އަނެއް މައްސަލައަކީ ވ. ތިނަދޫގެ އާބާދީގައި ރަށުގައި ދިރިނޫޅޭ މީހުން ވެސް ހިމަނާފައި ހުރުމުންނެވެ.
ވ. ތިނަދޫ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ..-- ފޮޓޯ: ރައީސް އޮފީސް
"މި ރަށު އާބާދީގައި 1،000 މީހުން އެބަތިބި. އެކަމަކު ރަށުގަ ދިރިއުޅެނީ 250 އެއްހާ މީހުން. އެހެންވެ ސިއްހީ ހިދުމަތް ދޭން 40 މީހުންނަށް ހިދުމަތް ދިނުމަށް ޖަހާފައި އިންނަ ގޮޅީގައި މި އިންނަނީ 1،000 މީހުން ޖަހާފައި،" އަޒީބެ ބުންޏެވެ.
އަޒީބެގެ އެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް މުއިއްޒު ވަނީ އެ ހުރިހާ ކަމަކަށް ވެސް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަޒީ
19 September 2025
މިގައުމަށް ބޭރު މީހުން މޯލްޑިވްސް ކިޔަސް މިތަނުގައި ދިރިއުޅޭ މީހުން ކިޔަނީ ދިވެހި ރާއްޖެ... ދެން މިގައުމުގެ ނަން މޯލްޑިވްސް އިން ދިވެހި ރާއްޖެ އަށް ބަދަލުކުރަން ގޮވާލަންވީނު.. ތިނަދޫ މީހުންނާއި އެއަތޮޅު މީހުން ތެނަދޫ ކިޔަނީ ހުވަދުއަތޮޅު ބަހުރުވައިން އެނަން އެެހެން ކިޔާތީ ރަސްމީ ބަހުރުވައިން އެއީ ހަަމަ ތިނަދޫ. އެނަން ކިޔާ ދެ ތަނެއް އޮތުމަކީ މައްސަލެއް ނޫން.
ކަނބުރުގެ
19 September 2025
އޭ އޭ އޭ! އަސްތަޣްފިރުﷲ! ކަލޭމެން ތިކަމާ ނޫޅޭ. އިސާހިތަކު ތިނަދޫސިޓީ ކައުންސިލުން ގަރާރެއް ނެރެފާނެ ވ.ތިނަދޫގެ އެއީ ގދ ތިނަދޫ އިހުތިސާސްގެ ތެރޭގަ ހިމެނޭ ތަނެކޭ ކިޔާފަ. ދިވެހި ދައުލަތަށް ވުރެ ތިނަދޫސިޓީ ކައުންސިލް ބާރުގަދަވާނެކަން ނޭނގެނީތަ؟
ޢަލީ ކުރުސީ
19 September 2025
ރާއްޖޭގައި ހުންނަންވާނީ އެންމެ އަޒީބެއެއް ކަމުގައި ކަނޑައަޅަން ރައީސް އަަރިހުގައި އެދުނު ނަމަ!
އެދުރު ބެ
19 September 2025
ތީގެ ހައްލަކީ ވ. ތިނަދޫ މީހުން ، މަޝްވަރާކޮށްފަ ތިރަށަށް އިރުތުރަށް ޑޮލަރު އޮހޭ ކަހަލަ މޮޅު ނަމެއް އީޖާދުކުރުން. އެހެން ރަށެއްގެ ނަމާ ކުޅެން ނޫޅޭ.
އަހަމަދަބެއްޔާ
19 September 2025
އަހަން މިއުޅޭ ހިސާބުގަޑުގައި އަހަރެންގެ ނަމުން ނަންކިޔާ އެތަކެއްމީހުން. އަބިގޮއްޔެގެ ނަމުން ނަންކިޔާ ކަބަލުންވެސް މަދެއްނޫން. އެކަމަކު އެއިން ގެއަކަށް އޮޅިގެން ނުވަންނަން. އެއިން މީހަކު ސައިކަލު ފަހަތަކަށްވެސް ނާއަރާ.
ގަމާރު ނަމްބަރު 1
19 September 2025
އަމައްޔާއި. ދެން އުޅޭ ގޮތެއް. އެހެންވީމަ ތިމާމެންނަށް ކިޔާ ނަންތައް ވެސް އެހެން މީހަކަށް ނުކިޔޭ ގޮތަށް ހަދަންވީ؟ ހޭބަލި ވެދާނެ
ޢަހުސަން ފަލީ
19 September 2025
ވ ތިނަދޫ ގެނަން “ގޯލްޑް ކޮއިން”އަށް ބަދަލު ކޮށްފަ އަޒީ އަށް ވެދުން ކުރުން މޮޅު އިތުރީ. ޢެެއަށްފަހު ރަށުގައި ތިބި 200 އެއްހާމީހުންނަށް ގދ ތެނަދޫން ފްލެޓް އަޅާފަ ބަދަލުކޮށްދީ. ޢަދި މިފްލެޓް ތައް އަޅުވާނީ އަޒީ ގެ ސީއެސް އާރުގެ ތެރެެއިން.
ބަޑިތަކުރު
19 September 2025
އަޒީބެގެ ވާހަކަތަކާއިމެދު ވިސްނާލުން ރަގަޅު. މުޅިރާއްޖޭގައި ރަށު ޓުއަރިޒަމް ފެށި ކުރިއަރުވަމުން ދާއިރު، އެއްނަމެއް، ވައްތަރުވާ ނަންތަކެއްގެ ބަދަލުގައި ޔުނީކު ނަންތައް މުހިންމު. ހާއްސަކޮށް ރަށުގެ ނަން. އެކަމަކު އެއްވެސް ރަށެއްގެ ނަމަކީ ރައީސަކަށް ސަރުކާރަކަށް ބަދަލު ކުރެވޭނެ އެއްޗެއްނޫން. ބަދަލު ބޭނުންވާ ރަށެއްގެ ރައްޔިތުން އެނަމުގެ އަނެއްރަށު މީހުނާއި ސައްލާކުރުން ނުވަތަ އާނަކަމަކަށް ދިއުން ނޫން އޮޕްސަނެއް ނޮއޮންނާނެ.
ނަޓަކުރު
19 September 2025
މިވަރުން ދަންޏާ އަދި މީސްމީހުންގެ ނަންތަކާ ވެސް ތޮޅޭނެ. އަތޮޅުގެ އަކުރު ކުރިޔަށް ލާފަ އެއޮންނަނީ ކަމަކު. ރައީސްވެސް މިކަހަލަ ތާކުންތާކު ނުޖެހޭ ކަންތަކާ އުޅުމަށްވުރެ ހައްލުކުރުން މުހިންމު ކަންކަން މި މުޖުތަމައުގަ އެބަހުރި.
ތިނަދޫ ބެއްޔާ
19 September 2025
ދިވެހިރާއްޖެއަށް ދިވެހިބަހުން ކިޔަނީ ދިވެހިރާއްޖެ. އިނގިރޭސި ބަހުން ކިޔަނީ މޯލްޑިވްސް. ގދ. ތިނަދޫ ބަހުރުވައިން ތެނަދޫ ކިޔަސް އަސްލު ނަމަކީ ހަމަ ތިނަދޫ.