ރާއްޖޭގެ ފޮރިން މިނިސްޓަރު ހަލީލް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއާ އިއްޔެ ބައްދަލުކުރައްވަނީ.
28 ސެޕްޓެމްބަރ 2025 - 06:53
އދ. ގެ އެންމެ ބާރުގަދަ ގުނަން ކަމަށްވާ، ސަލާމަތީ މަޖިލީހުގައި ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުތަކަށް ލިބޭ ވީޓޯ ކުރުމުގެ ބާރު ނިމުމަކަށް ގެނެސް އެ ޖަމާއަތުގެ މުޅި އޮނިގަނޑު އިސްލާކުރަންޖެހޭ ވަގުތު ޖެހިފައިވާ ކަމަށް ރާއްޖޭން އދ. ގައި އިއްޔެ ބުނެފި އެވެ.
އދ. ގެ އާންމު މަޖިލީހުގެ އާންމު ބަހުސްގައި ރާއްޖޭގެ ފަރާތުން ދެއްވި ބަޔާނުގައި، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ، ބައިނަލްއަގުވާމީ ގާނޫނު ހަމަހަމަކަމާ އެކު ހުރިހާ މެމްބަރު ގައުމުތަކުގެ މައްޗަށް ތަންފީޒު ނުކުރެވޭތީ، ބައިނަލްއަގުވާމީ ނިޒާމަށް އޮތް އިތުބާރު ގެއްލެމުންދާ ކަމަށެވެ.
ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާއްމު ހުއްޓުވަން ދުނިޔެ ނުކުޅެދިފައިވާކަން ފާހަގަކުރައްވައި، ހަލީލް ވިދާޅުވީ، އދ. ގެ އޮނިގަނޑު އިސްލާހުކުރުން ނޫން ގޮތެއް މިހާރު ނެތް ކަމަށެވެ.
އދ. ގެ އާންމު މަޖިލިހުގެ ބައްދަލުވުމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ހަލީލް އިއްޔެ ތަގުރީރު ކުރައްވަނީ.
އެ އޮނިގަނޑު އިސްލާހުކުރުމުގެ އިހްލާސްތެރި މަސައްކަތެއް ފަށަން ޖެހޭނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، މިހާރު "ވާވެފައި" އޮތް ސަލާމަތީ މަޖިލީހުންނެވެ.
މިގޮތުން، ވީހާ ވެސް ގިނަ ގައުމުތަކެއް ތަމްސީލުވާ ގޮތް ހެދުމުގެ އިތުރުން، ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ވެސް ގޮނޑިއެއް ހާއްސަ ކުރަންޖެހޭ ކަމަށް ހަލީލް ވިދާޅުވި އެވެ.
"އަދި އެންމެ މުހިންމު ކަމަކީ، ވީޓޯ ކުރުމުގެ ބާރަށް ނުސިހޭ ސަލާމަތީ މަޖިލީހެއް އެކުލަވައިލުން،" އޭނާ ވިދާޅުވި އެވެ.
މިފަދަ ގޮތަކަށް އދ. ގެ އޮނިގަނޑު އިސްލާހުކުރުމުގެ މައިގަނޑު ބޭނުމަކީ، ހަލީލް ވިދާޅުވި ގޮތުގައި، އދ. ގެ އިތުރުން ބައިނަލްއަގުވާމީ ނިޒާމަށް އޮތް އިތުބާރު އަލުން އިއާދަކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޫި767
28 September 2025
ހިތްވަރު ގަދަ. ޒައިނިސްޓު ރެޖީމްތައް ބަލިކޮށްލަން ދުނިޔޭގެ އެންމެ ބާރުގަދަ 4 ގައުމުމް މިހާރު އަތުކުތިއޮޅާލައިގެން. ޗައިނާ، ރަޝިޔާ، އިންޑިޔާ އަދި ނޯތުކޮރެޔާ.