ތ، ދިޔަމިގިލީގައި މިދިޔަ ހަފުތާގައި ބެހެއްޓި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ރައީސް މުއިއްޒު ފައްޓަވައި ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
29 ސެޕްޓެމްބަރ 2025 - 19:11
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަތޮޅުތަކުގައި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އިއްޔެގެ ނިޔަލަށް 82 އޭޓީއެމް ބަހައްޓާފައިވާ ކަމަށާއި އެ މެޝިންތައް މެދުވެރިކޮށް މިހާތަނަށް 122،000 ޓްރާންސެކްޝަން ހަދާފައިވާ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
ރާއްޖޭގައި އެންމެ ކަސްޓަމަރުން ގިނަ ބޭންކުން ސޯޝަލް މީޑިއާގައި އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އަތޮޅުތަކުގައި ބެހެއްޓި 82 އޭޓީއެމުން 122،000 ޓްރާންސެކްޝަން ހަދައިފާ ވާއިރު، ޖުމުލަ 313 މިލިއަން ރުފިޔާ ރޯލްކޮށްފައި ވެ އެވެ. އޭގެ ތެރެއިން 145 މިލިއަން ރުފިޔާއަކީ އޭޓީއެމް މެދުވެރިކޮށް އެކައުންޓުތަކަށް ޖަމާކުރި ފައިސާ ކަމަށް ބޭންކުން ބުންޏެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ބީއެމްއެލްގެ އޭޓީއެމް ވިއުގައިން މާލޭގައި ދުވާލަކު 14،000 ޓްރާންސެކްޝަން ހަދައި 78 މިލިއަން ރުފިޔާ ރޯލުކުރެ އެވެ. އަދި އަތޮޅުތަކުގައި ދުވާލަކު 9،000 ޓްރާންސެކްޝަން ހަދާއިރު ރޯލްކުރާ ފައިސާގެ އަދަދަކީ 25 މިލިއަން ރުފިޔާ އެވެ.
ބީއެމްއެލް އިން މިއަދު ވަނީ ރ. އަތޮޅުގައި ނުވަ އޭޓީއެމެއްގެ ހިދުމަތް ފަށައިފަ އެވެ. އެ ބޭންކުން މިއަދު އާންމުކުރި މައުލޫމާތުތަކުގެ ތެރޭގައި އެ މެޝިންތަކުގެ ހިސާބުތަކެއް ނުހިމެނެ އެވެ.
ގިނަ ރަށްތަކެއްގައި އޭޓީއެމް ނުބަހައްޓާ އިރު ބީއެމްއެލްގެ ހިދުމަތް ރަށްތަަކަށް ދެމުން އައީ މޯބައިލް ބޭންކިން އުޅަނދުތައް ފޮނުވައިގެންނާއި ރަށު އެޖެންޓުން މެދުވެރިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަދާލަތު
30 September 2025
ތިޔަ އޭޓީއެމް މެޝިނުތައް ރާއްޖެގެނެސް ހުންނަތާ 10 އަހަރު ވެދާނެ. ތިޔައީ މިސަރުކާރުންގެނައި މެޝިންތަކެއްނޫން.
އާލިމް ރުޝްދީ
30 September 2025
އަތުން ދާ ފައިސާ މަދުވާނެ ދެން ފައިސާ ނަގަން. މިދިޔަ ވެރިކަންތަކުގައި ނަމަ ޖެހޭނީ ނަގަން އުޅޭ ވަރަށްވުރެ ހަރަދު ކޮށްފަ ފައިސާ ނަގަން ދާން.
ޙާއްސީ
30 September 2025
މިއޮއްފަދަ ޑިޖިޓަލް ޒަމާނެއްގަ ތެޅިފޮޅިގެން އޭ.ޓީ.އެމް ތަކުން ލާރި ނަގަން އުޅޭނީ މޮޔައިންދޯ. އަނެއްކާ ދިވެހިން އަމާޒު ހިފާފަ މިހިރީ 2.0 އަށް ދާން. ދެން ކީއްކުރާ ނަގުދު ފައިސާއެއް.
ހަސަން ނިހާމް
30 September 2025
މީގެ އެއްވެސް ސަރުކާރަކުން ނެތް ރައްުޔިތުންނަށް މިހާ ބޮޑު ލުޔެއް ދީފަ. މިއީ އަސްލު ހާދަ ބޮޑު ލުޔެކޭ. ދެން ނުޖެހޭނެ ރަށްރަށް ދާކަށް
ކޮސްބެ25
30 September 2025
މިއޮއްފަދަ ޑިޖިޓަލް ޒަމާނެއްގަ ތެޅިފޮޅިގެން އޭ.ޓީ.އެމް ތަކުން ލާރި ނަގަން އުޅޭނީ މޮޔައިންދޯ. އަނެއްކާ ދިވެހިން އަމާޒު ހިފާފަ މިހިރީ 2.0 އަށް ދާން. ދެން ކީއްކުރާ ނަގުދު ފައިސާއެއް.
އާދަމް ހަލީމް
30 September 2025
މީ ވަރަށް ރަނގަޅު މަސައްކަތެއް. މީގެ ސަބަބުން ރައްޔިތުންނަށް އަސްލު ވަރަށް ލުއި ވެގެން ދާނެ.
އުދުހޭ
29 September 2025
ކޭޝްލެސް ކުރީމަ އޭޓީއެމްތަށް ކުރީގެ ފޯނުބޫތުތަކަށް ވީހެން ވާނެކަމަށް ބެލެވޭ. މިހާރުވެސް ކޭޝް ގެންގުޅޭ މީހުން ވަރަށް މަދު.
ބާބުލް އަވާލީ
29 September 2025
ދެން ރަށުން ފައިބައިގެންދާކަށް އެކަކުވެސް އެއްބަހެއްނުވާނެ. ބުނާއެއްޗަކާ ކުރާ ކަމަކާ ދިމައެއްނުވޭ.