ބިދޭސީންތަކެއް: ގަވާއިދުން ބިދޭސީންގެ ފީ ދައްކަމުންދާ ފަރާތްތަކަށް އިތުރު ފުރުސަތުތަކެއް ދޭން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
05 އޮކްޓޯބަރ 2025 - 18:53
ބިދޭސީން ގެންގުޅޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފީ އާއި ޖޫރިމަނާތައް މިހާތަނަށް ގަވާއިދުން ދައްކަމުންދާ ފަރާތްތަކަށް އެ ފައިސާ ދެއްކުމަށް އިތުރު ފުރުސަތެއް ދޭން ހޯމް މިނިސްޓްރީން މިއަދު ނިންމައިފި އެވެ.
ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން، ބިދޭސީންގެ ފައިސާ ބަހާލައިގެން ދައްކަން ހަދާފައިވާ ސެޓްލްމަންޓް އެއްބަސްވުންތަކުގެ މުއްދަތު އިތުރުކޮށް ދިނީ މިހާތަނަށް އެ އެއްބަސްވުމާ އެއްގޮތަށް ގަވާއިދުން ފައިސާ ދައްކަމުންދާ ފަރާތްތަކަށެވެ. އަދި އެ ފަރާތްތަކަށް އިތުރު ފުރުސަތެއް ދީ، އެކަމުގައި ލުޔެއް ދިނީ އެ ފައިސާ ދެއްކުމުގައި ގޮންޖެހުންތައް ހުރި ކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބެމުންދާތީ ކަމަށް އެ އިއުލާނުގައިވެ އެވެ.
"އެހެންކަމުން 2025 އޮކްޓޯބަރ 10 ވަނަ ދުވަހުން ފެށިގެން، ގަވާއިދުން ފީތައް ދައްކާ ވަޒީފާދޭ ފަރާތްތަކަށް، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވަކި މުއްދަތެއްގެ ތެރޭގައި ދައްކަންޖެހޭ ފައިސާ ދައްކާ ހަލާސްކުރުމަށް ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވާ ވާހަކަ ދަންނަވަމެވެ،" އިއުލާނުގައި ބުނެފައިވެ އެވެ.
އެ އިއުލާނުގައިވާ މުއްދަތު އިތުރުކޮށްދިން ގޮތުގެ ތަފްސީލު ވަޒީފާދޭ ފަރާތްތަކާއި އެކްސްޕެޓް ސިސްޓަމް ބޭނުންކުރާ ފަރާތްތަކަށް އެ ސިސްޓަމުން ފެންނާނެ އެވެ.
ހޯމް މިނިސްޓްރީން މިދިޔަ މަހު ބުނެފައިވާ ގޮތުގައި ބިދޭސީ މަސަައްކަތްތެރިންނާ ގުޅޭ ފީތަކާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 2.1 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެއީ ވޯކްޕާމިޓް ފީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތެރެއިން 1.2 ބިލިއަން ރުފިޔާ އާއި ކޯޓާފީގެ ގޮތުގައި ލިބުނު 826 މިލިޔަން ރުފިޔާ އާއި ޖޫރިމަނާގެ ގޮތުގައި ލިބުނު ހަ މިލިއަން ރުފިޔާ އަދި އެހެނިހެން ފީގެ ގޮތުގައި ލިބުނު ދެ މިލިއަނެވެ.
ހޯމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެއީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިދިޔަ މަހުގެ 10 ވަނަ ދުވަހާ ހަަމައަށް ހޯދި ފައިސާ އެވެ. ނަމަވެސް އެ ދުވަހާ ހަމައަށް ނުލިބި ހުރި ފައިސާގެ އަދަދު 974 މިލިޔަން ރުފިޔާ އެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑރ ވާންޗޯ
05 October 2025
ލާސްޓް ޗާންސް 9.9، .ލާސްޓް ޗާންސް 9.91، ..ލާސްޓް ޗާންސް 9.92.......
ވަތުނީ
06 October 2025
ޗަންސް ދީގެން އެއޮތީ 2.1 ބިލިޔަން ހޯދާފައި. ބާކީ އޮތް ބިލިޔަނެއްހާ ރުފިޔާވެސް ލިބޭނީ ޗާންސް ދިނީމަ
ޜަދުން
05 October 2025
މި ކަހަލަ ހެޑިން އަށް ބަހެއް ބުނާ މީހާ ގޯސް ވާނީ