ޕީސީބީ. މާލީ ހިސާބުތައް އާންމު ނުކުރާތާ އަހަރެއް -- ފޮޓޯ: މިހާރު
06 އޮކްޓޯބަރ 2025 - 10:03
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ހިސާބުތައް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އާންމު ނުކުރާތާ އަހަރެއްހާ ދުވަސްވެއްޖެ އެވެ.
ޕީސީބީގެ ވެބްސައިޓުން އެނގޭ ގޮތުން ކުންފުނިތަކުގެ މާލީ ހިސާބުތައް އެންމެ ފަހުން އާންމު ކޮށްފައި ވަނީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓާއާ ހަމައަށެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ފަހު ދެ ކުއާޓާ އާއި މި އަހަރުގެ އެއްވެސް ހިސާބުތަކެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
އެކަމާ ގުޅޭ ގޮތުން ޕީސީބީއާ ސުވާލު ކުރުމުން ވަކި ޖަވާބެއް ނުދެ އެވެ.
ޕީސީބީން ކުންފުނިތަކުގެ ޖުމްލަ މާލީ ހިސާބުތައް އާންމު ނުކުރި ނަމަވެސް، އާންމު ހިއްސާދާރުން ހިމެނޭ ކުންފުނިތަކުން މާލީ ހިސާބުތައް އަބަދުވެސް އާންމުކުރެ އެވެ. އަދި ސަރުކާރުގެ ބަައެއް ބޮޑެތި ކުންފުނިތަކުގެ ހިސާބުތައް އޮޑިޓް ރިޕޯޓުތަކުގެ އެހީގައި ވެސް މި އަހަރު އާންމުކޮށްފައި ވެ އެވެ. އެކަމަކު، އަދިވެސް ގިނަ ކުންފުނިތަކަކީ، އެފަދަ މައުލޫމާތުތައް ވެސް އެންމެ ފުރިހަމައަށް ވެބްސައިޓުގައި ވެސް ޝާއިއު ނުކުރާ ކުންފުނިތަކެވެ.
ކުންފުނިތަކަށް މާލީ ގޮތުން ލިބޭ ފައިދާ އާއި ގެއްލުންތަކުގެ އިތުރުން ދަންޏާއި ހަރަދުތަކުގެ ތަފްސީލުތައް ޕީސީބީގެ ވެބްސައިޓުން މީގެ ކުރިން ފެންނަން ހުރެ އެވެ.
މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓާގެ ހިސާބުތައް ފެންނަ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލިބުނު ފައިދާ ވަނީ ހަތަރު ޕަސެންޓަށް ދަށްވެފަ އެވެ. ގާތްގަނޑަކަށް 30 ކުންފުނީގެ ތެރެއިން 13 ކުންފުންޏަކަށް ގެއްލުންވެފައިވާ އިރު ކުންފުނިތަކުގެ މުޅި ފައިދާ ހިފަހައްޓަނީ ދެތިން ކުންފުންޏަށް ލިބޭ ފައިދާއިންނެވެ. އެއީ ބީއެމްއެލް އާއި އެސްޓީއޯ އާއި އެމްއޭސީއެލް އާއި އެޗްޑީސީ އެވެ.
މިދިޔަ އަހަރުގެ ދެވަނަ ކުއާޓާއާ ހަމައަށް ކުންފުނިތަކުގެ ދަރަނި 54 ބިލިއަން ރުފިޔާއަށް އަރަ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާ ކަމާ އެކު ނުހިނގާތީ، ކޮންމެ އަހަރެއްގެ ބަޖެޓުން ވެސް ކުންފުނިތަކަށް އެތައް ބިލިއަން ރުފިޔާއެއް ހޭދަކުރެ އެވެ. މި އަހަރުގެ މިހާތަނަށް ވެސް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ކެޕިޓަލް އިންޖެކްޝަންގެ ގޮތުގައި ކުންފުނިތަކަށް ހޭދަކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ްސްސްސް
06 October 2025
ހިސާބުތައް އަންމުންނަށް ބޭލެނެގޮތަކަށް ހުރުމަކީ އޮޕްޝަނެއްނުން، އެއީ ޕީސީބީގެ އެންމެ މުހިންމު މަސްހޫލިއްޔަތު، އެކަން އަދާނުކުރެވޭނަމަ ގޯ ހޯމް؟؟ ރައްޔަތުންނަށް ސާފުކޮށް އެގެން އެބަޖެހޭ ވާނުވާ، ތިހެންހެދީމަ ރައްޔަތުުން ސަރުކާރަށް ކުރާ އިތުބާރު ގެއްލޭނީ. ވެރިން އަބަދުވެސް މިކިޔަނީ މިސަރުކާރު ވަރަށް ޓްރާންސްޕޭރަންޓޭ، ހުރިހާކަމެއް މިކުރަނީ ދެފުށްފެންނަގޮތަށޭ، އެކަމަކު މިތަންތަނުގެ ވާނުވާ ބަލާއިރު ޑޭޓައެއް ނުހުރޭ.
އަނދިރި ރާއްޖެ
06 October 2025
ސަރުކާރަކުން އިންވެސްޓަރުންގެ އިތުބާރު ހޯދާ ހިފަހައްޓަން ބެނުންވާކަމުގައިވަންޏާ، ހިސާބުތައް ހިފަހައްޓައި ރައްޔަތުން އަނދިރީގައި ބޭތިއްބުމަކީ އެސަރުކާރަކުން ކުރާނެ އެންމެ ބޮޑު އެއްގޯސްކަނަތައް! ވަރަށް ކަޑަ
ގަނޑިއަ
06 October 2025
ސަރުކާރު ހިއްސާވާ ކުންފުނިތަކުން މިގޮތައް ކަންތައް ކުރާއިރު ކޮބާ މަޖުލީސް! އެތަނުގެ މެންބަރުން،! އޮޑިޓާރ ޖެނެރަލް.! ރައްޔަތުންގެ ފައިސާއެއްނުންތޯ މީ، މިއަށްވާގޮތް ބަލަން ސުވާލެއްކޮއްލާނެ މީހަކުވެސް ހަމަ ނެތީތަ؟
މަހުވެއި
06 October 2025
ހިސާބުތައް ބަރާބަރަށް އަންމުނުކުރުމުގެ މާނައަކީ ދެކަމެއް. އެއްކަމަކީ ކަމަށް ފަރުވާކުޑަވެ އަޅާނުލުން ނޫނީ ކޮންމެވެސް އެއްޗެއް ފޮރޮވަން ބޭނުންނަނީ، އެގޮތައްވިޔަސް މިގޮތައްވިޔަސް މީގަބޫލުކުރެވޭ ވަރުކަމެއްނުން.
ޕީކޭ ހަންފަތުރޭ
06 October 2025
ގިނަ ކުންފުނިތަކުގެ ބޮޑުންނަކީ ބަލަދުއަރާތީ މަގާމުދީފަ ދަށުންދަމާކުޅެން ތިބޭބައެއް. ވަކިސަރުކާރެއްނޫން އަދިހަމަ ކޮންމެ ސަރުކާރެއްގެވެސް ހާލަތު. ދެންކޮން ހިސާބުތަކެއް، އޮޑިޓެއް ހާމަކުރެވޭނީ؟.