ހޯނޑެއްދޫ.
06 އޮކްޓޯބަރ 2025 - 15:35
ގދ. ހޯނޑެއްދޫގައި ބަލާނެ މީހަކު ނެތް، އުމުރުން ދުވަސްވީ މީހަކު ދައުލަތުގެ ބެލުމުގެ ދަށަށް ނުނަގައި އަނބުރާ ފޮނުވާލުމުން ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ރަށު ކައުންސިލްގެ މެމްބަރަކު "މިހާރު" އަށް މިއަދު ވިދާޅުވީ، 64 އަހަރުގެ އަންހެނަކު، އިންޓާނަލް ބްލީޑިންގެ ހާލަތެއް މެދުވެރިވެގެން، އެ އަތޮޅު ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް މިދިޔަ މަހު ގެންދިޔައީ ވެސް ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓްރީގެ އެހީގައި ކަމަށެވެ.
އެއަށްފަހު، އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކޮށް އަދި އެ ތަނުގައި ފަރުވާއަށް މަހެއް ވަންދެން އެޑްމިޓުކޮށްފައި އޮތީ ވެސް މިނިސްޓްރީގެ ހަވާލުގައި ކަމަށް މެމްބަރު ވިދާޅުވި އެވެ. ނަމަވެސް، އަންހެން މީހާ ބަލާނެ އިތުރު މީހަކު ނެތް ހާލަތުގައި ވެސް އަނބުރާ ރަށަށް ގެންދިއުމުން ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ އަންހެން މީހާގެ އެއްވެސް ދަރިއަކު ނުހުރެ އެވެ. ދުނިޔޭގައި ހުރި 73 އަހަރުގެ ފިރިމީހާގެ ވެސް ނަފްސާނީ މައްސަލަތަކުގެ ސަބަބުން އަނބިމީހާ ބެލުމަށް ވަނީ ނުކުޅެދިފަ އެވެ.
ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނީ އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު މިދިޔަ ހޮނިހިރު ދުވަހު އަންހެން މީހާ ރަށަށް ގެންދިޔައީ ސަރުކާރުގެ ކަމާގުޅުން ހުރި އެއްވެސް އިދާރާއަކަށް އެންގުމަކާ ނުލައި ކަމަށެވެ.
ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓްރީގެ އެހީގައި ރަށަށް ގެންދިއުމަށް ފަހު އޭނާ ބެހެއްޓީ ހެލްތު ސެންޓަރުގަ އެވެ. ނަމަވެސް، އެޑްމިޓްނުކުރާތީ ދެވޭނެ ފަރުވާއެއް ނެތުމުން މިއަދުގެ ވަގުތެއްގައި އަންހެން މީހާގެ ގެއަށް ގެންދާނެ އެވެ. މީގެ ކުރިން އަމިއްލައަށް ހިނގައި އުޅުނަސް، އަނބުރާ ރަށަށް ގެންދިއުމުން އުޅެމުން އަންނަނީ އެހެން މީހުންގެ އެހީގަ އެވެ.
ކައުންސިލުން ބުނީ އެންގުމެއް ނެތި އަންހެން މީހާ ރަށަށް ގެންދިޔައީ ވެސް، އެ މީހާ މަރުކަޒުކޮށް ބެލެހެއްޓޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދި އާއްމު މީހެއްގެ ރިޕޯޓަކާ އެކު ހޯނޑެއްދޫ ކައުންސިލާއި ސިއްހީ މަރުކަޒުން، ހެލްތު މިނިސްޓްރީ އަދި ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓްރީއަށް ބަލި މީހާގެ މައުލޫމާތާ އެކު މިދިޔަ މަހުގެ 11 ގައި އެދިފައިވަނިކޮށް ކަމަށެވެ.
"މިނިސްޓްރީގެ ބެލުމުގެ ދަށުން އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު އޮކްޓޯބަރު 4، 2025 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ސީ އެމްބިއުލާންސްގައި ހޯނޑެއްދުއަށް ގެނެސް، މި ކައުންސިލާއި ހޯނޑެއްދޫގައި ގާއިމްވެފައިވާ އެއްވެސް އިދާރާއަކަށް ރަސްމީ އެންގުމަކާ ނުލައި ދޫކޮށްލާފައިވުމާއި ހެލްތު ސެންޓަރުގައި އެޑްމިޓުނުކޮށް ބޭއްވުމަކީ ކަންބޮޑުވާ ކަމެކެވެ،" ބަޔާނުގައިވެ އެވެ.
"އެހެންކަމުން، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ވީ އެންމެ އަވަހަކަށް މި ފަރާތާއި ހަވާލުވުމަށާއި އޭނާގެ ގާނޫނީ ބަލަދުވެރިޔާ ހޯދައި ޒިންމާ ހަވާލުކުރުމަށް ކައުންސިލުން ގޮވާލަމެވެ،"
ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި އަމިއްލައަށް ނޫޅެވޭ މީހުން ބެލެހެއްޓުމަކީ ސޯޝަލް މިނިސްޓްރީގެ ޒިންމާއަކަށް ވާއިރު އެފަދަ އެހީތެރިކަން ބޭނުންވާ މީހަކަށް އަޅާނުލައި ދޫކޮށްލުމުން ހޯނޑެއްދޫ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެކަމަށް އަވަސް އަދި ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުމަށް ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.
ސޯޝަލް މިނިސްޓްރީއާ ހަވާލައިދީ ކައުންސިލުން ބުނީ އެ މީހާ ރަށަށް ގެންދިޔައީ ފިރިމީހާއަށް ގުޅުމަށްފަހު ކަމަށެވެ. އެކަމަކު، އެ ފިރިހެން މީހާ ރަށުގައި ވެސް ނެތް ކަމަށާއި ފޯނު ނިއްވާލާފައި އޮތުމުން ގުޅޭނެ ގޮތެއް ނެތެވެ.
ސިއްހީ މަރުކަޒުގައި ހުރި ދުވަސްތަކުގައި އަންހެން މީހާއަށް ކާން ދީފައިވަނީ އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ. އަދި ގެއަށް ބަދަލުކުރާ ހިސާބުން ކައުންސިލްގެ މުވައްޒަފުން އެ ޒިންމާއާ ހަވާލުވާނެ ކަމަށް ކައުންސިލުން ވާހަކަދެއްކެވި މެމްބަރު ވިދާޅުވި އެވެ.
ކައުންސިލުން ބުނީ އެ އަންހެން މީހާއަށް ބޭނުންވާ އެހީތެރިކަމާއި އޭނާއަށް ބޭނުންވާ އަސާސީ ހިދުމަތްތައް އަދި އެހީތެރިކަން ފޯރުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ. އަދި އެ މީހާގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް މިނިސްޓްރީއާ ގުޅިގެން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާފައިވާނެ ކަމަށް ވެސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
100% ދިވެއްސެއް
07 October 2025
ހޯޑެއްދޫ ކައުންސިލް އިނގިލި ލައްވާތޯ މިހާރު އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒު ހުންނަނީ ހެލްތް މިނިސްޓްރީ ދަށުގަކަން. އަދި އެފަދަ މީހުން ބަލަހައްޓަނީ އެތަނުގަކަން. ކައުންސިލް އަކީ ވެސް ހަމަ ސަރުކާރު ، ކައުންސިލް އަކީ ކުޅޭ ކުޅޭ ތަނެއް ނޫން ކައުންސިލްގެ ވެސް ޒިންމާ އެއްއޮންނާނެ. އެ ރަށެއްގެ ކައުންސިލް އަކުން އެރަށެއްގެ ސޯޝަލް މައްސަލަ ތަކަށް އެ ރަށެއްގަ ހުންނަ ސަރުކާރުގެ އެހެން މުއައްސަސާތަގާ ގުޅިގެން ޙައްލު ހޯދެންވާނެ.
ކުދުބެއްޔާ
07 October 2025
ބެއްޔާ ހަމަ އަޖައިބުވެއްޖެ!!!! ކައުންސިލް ތަކަކީ ސަރުކާރުގެ ތެރޭގައި ނުހިމެނޭ ތަނެއްތަ!!!! ކައުންސިލްތައް ތިވަރަށް ނިކަމެތިކޮށްލާކަށް ނުވާނެދޯ!!!!
ޑޮނާޑްރަންޕް
07 October 2025
ސަރުކާރުގެ އިދާރާތަކަށް އެންގުމަކީ ކައުންސިލްގެ ޒިންމާއެއް. ވުޒާރާތަކުން އަޅާނުލިޔަަަަސް ލާމަރުކަޒީ ޤާނޫނުގެ ދަށުން އެމީހަކަށް އަޅާލަންޖެހެނީ ކައުންސިލް. ތިރަށު އަންހެނުންގެ ކޮމިޓީވެސް ލަދެއްް ގަންނަ ބައެއް ނޫންދޯ؟ ސަރުކާރުން އަޅާނުލިޔަސް ކަލޭމެން ޒިންމާ ނަގަންޖެހޭނެ. ތިފުޓްސަލް މުބާރާތާ އަނެކައްޗަކަށް ޚަރަދުނުކޮށް ރަށުގައި ދުވަަަސްވީ މީހުންބެލޭނެ އިންތިޒާމްވެސް ހަމަޖެއްސުމުގެ ބާރު ކައުންސިލަށް އޮވޭ. ކޮންމެ ކަމެއްގައިވެސް މައި ސަރުކާރު ކިޔާ
ކަނބުލޮ11
07 October 2025
ހޯޑެއްދޫ ކައުންސިލަރަކަށް ނޭނގޭތަ ސަރުކާރުން ކޮންމެ މަހަކު ތިޔަ ދައްތައަށް 5000 ރުފިޔާ ޚަރަދުކުރޭ. ހިލޭ ތިޔަރަށު ސިއްޙީ މަރުކަޒުން ފަރުވާކޮށްދޭ. އޭނާގެ ފިރިމީހާއަށްވެސް 5000ރުފިޔާ މަހުން މަހަށް ޚަަރަދުކުރޭ. ދައުލަތުން 10000 ރުފިޔާ ޚަރަދުކުރާއިރު އެ ރުފިޔާއިން އެމީހާއަށް ބޭނުންވާ ކަންކަން ރަށުގެ ކައުންސިލުން އިސްނަގައިގެން ކޮށްދިނިއްޔާ ވާނީ ކީއް؟ މާލޭންނާ ތިނަދޫންވެސް ބޭސްކޮށްދިނީ ސަރުކާރުން. އަދިވެސް ސަރުކާރު......ބޮޑުވަރު ތިޔަ ކައުންސިލަރުން.
...........1
07 October 2025
މާޝާﷲ ޗާލުކަމާއޭ ރަށް
އިހްސާސް
07 October 2025
ބަލަ ކައުންސިލުން ބެލެހެއްޓިޔަސް ހަމަ އެންމެ ރަގަޅުނު. ސަވާބު ލިބޭނެ.
ވިލެޖް
07 October 2025
ކައުންސިލުތަކުން ރުފިޔާ ހެސްކިޔާފަ އެބަ ބޭކާރުގޮތުގަ ދުއްވާލާ. ރަށުމީހަކަށް މުސާރައެއްދީގެން ބަލައިދީބަލަ. މިކަހަލަ ކަމެއް ކުރަންވީމަ ސަރުކާރުބޮލަށް ޖަހަންވީ. ސަރުކާރުވެސް ޒިންމާވާން ޖެހޭނެ. ކަލޭމެންގެވެސް ޒިންމާ. ލަދެއް ނެތިގެން މީޑިޔާއަށް ތި ނުކުތީ! ސަރުކާރުވެސް ކަލޭމެންވެސް ތިރަށު މީހުންވެސް ޒިންމާ ނަގަންޖެހޭ.
ރާއްޖެ
07 October 2025
ރަށުގެ ހަމަ އެންމެ ފަރުދަކަށް ދިމާވި ކަމެއް ހައްލު ކުރަން ނޭނގި މައި ސަރުކާރާއި ހަވާލު ކުރަނީ. ބޮޑު މުސާރަ ނަގައިގެން ކައުންސިލުންނާއި އަންހެނުން ކުރިއަރުވާ ކޮމިޓީ އަށް ކުރަން އެނގޭ ކަމަކީ ފުޓްސަލް އާއި ބަށި މުބާރާތް ބޭއްވުން. ޢަދިވެސް ބާރުވެރި ނުކުރެވިގެން ގޮވާ ނަގާނެ މި މީހުން.
ބަނދެފަ
07 October 2025
ބަލަގަ މި އޯގާތެރި ސަރުކާރުން އޮތީ ކައުންސިލްތަކަށް މުސާރައަށް މީހުން ނެގުން ހުއްޓުވާފައޭ!
ކެރިގަޑު
06 October 2025
ޑީސެންޓުރަލައިޒު ނުވެގެން އުޅޭއިރު މިކަމާ ކައުންސިލުން ހަވާލު ނުވަނީކީއްވެ؟%33 އިތުރަށް ނަގައިގެން ކަނބަލުންގެ ކޮމިޓީތައް ހަދައިގެން އެތަކެއް ކައުންސިލަރުންތަކެއް ތިބުމުގެ ބޭނުމަކީ ކޮބާ؟
ޑިދި
06 October 2025
އެމީހާގެ އެއްވެސް ތިމާގެ މީހަކު ހަމަ ނެތީ؟