10 ނޮވެމްބަރ 2025 - 23:19
ރައީސް ޑރ. މުހައްއްމަދު މުއިއްޒު، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ގެ މައި އިދާރާގެ އާ އިމާރާތް މިއަދު ރަސްމީކޮށް ހުޅުވައިދެއްވައިފި އެވެ.
ހުޅުމާލޭ ޖަލުގެ ގޯތިތެރޭގައި ބިނާކޮށްފައިވާ އެ އިމާރާތް ރައީސް މިއަދު މެންދުރު ހުޅުވައިދެއްވީ އެ ތަނުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ ރަސްމިއްޔާތަށް ވަޑައިގެންނެވުމާ އެކު އެމަނިކުފާނަށް މަރްހަބާ ވިދާޅުވީ ހޯމް މިނިސްޓަރު އަލީ އިހްސާނާއި އަދި ކޮމިޝަނަރު އޮފް ޕްރިޒަންސް ހުސައިން ޒަރީރެވެ. އެއަށްފަހު، އެމަނިކުފާނަށް ޝަރަފުގެ ގާޑެއް ވަނީ އަރުވައިފަ އެވެ.
އެ އިމާރާތް ހުޅުވައިދެއްވުމުގެ ގޮތުން، އިމާރާތުގެ ނަންބޯޑުގައި ދަމާފައިވާ ފޮތިގަނޑު، ރިމޯޓުން ކައްސަވާދެއްވީ ރައީސް މުއިއްޒެވެ.
ކަރެކްޝަނަލް ސާވިސްގެ އަމިއްލަ ބިމެއްގައި ފުރަތަމަ ފަހަރަށް ހުޅުވި، އެ އިދާރާގެ ހެޑްކުއާޓާސްގެ އިމާރާތަކީ، ދެ ފަންގިފިލާގެ މައްޗަށް އެކުލެވޭ، 12،000 އަކަފޫޓު ބޮޑުމިނުގެ އިމާރާތެކެވެ. އެ ހެޑްކުއާޓާސް އަށް ކުރެއްވި ޒިޔާރަތުގައި އެ މަނިކުފާނު ވަނީ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހެޑްކުއާޓާސްގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވައިފަ އެވެ.
ސޯޅަ މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމި މި އިމާރާތުގައި، އެމް.ސީ.އެސް ހެޑްކުއާޓާސްގެ 15 ސެކްޝަން އަދި ޑިވިޝަނާއި ކޮމާންޑް ހިމެނޭހެން، 170 އަށް ވުރެ ގިނަ އޮފިސަރުންނާއި މުވައްޒަފުން މަސައްކަތްކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސާއިރާ
13 November 2025
ޖަލުގައި އެންމެ ގިނައީ މަސްތު މީހުން އެމީހުންނަށް ޚިދުމަތްދޭ އޮފީސް އޮންނަނީ ބައިބައިވެ އެކި އިރު އެކި ތަނަށް ބަދަލުކުރަންޖެހޭ ހާލުގައި އެތަނަށް ތިކަހަލަ ޒަމާނީ ހައްލެއް ނުގެނެސް ޖަލުގެ ހާލަތު ރަނގަޅުވާނެ ކަމަށް މިނިސްޓަރ އަށް ގަބޫލުކުރެވޭބާ؟؟
15 ސެކްޝަން
11 November 2025
އެމް.ސީ.އެސް ހެޑްކުއާޓާސްގެ 15 ސެކްޝަން އަދި ޑިވިޝަނާއި ކޮމާންޑް ހިމެނޭތިޔަ އިމާރާތުން ކުށްވެރިންނާއި ހަމަ އަށް ޖަލަށް ސިނގިރެޓާއި ޑްރަގް އަދި އަގު ބޮޑު އިލެކްޓްރޯނިކްސް އާއި މޯބައިލް ފޯނު ވަންނަ ގޮތް ހޯދޭވަރު ވާނެބާ؟!! 15 ފަށަލަ ވީމާ ވަރަށް ސިންދަފާތު ބޮޑު އިދާރާ އެއްކަން ފާހަގަ ކުރެވޭ.