ކުށްވެރިންތަކެއްގެ ފައިގައި މޮނިކޮން ޓެގް އަޅުވާފައި.--
28 މެއި 2025 - 20:39
ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންނަށް ލުއި ދިނުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް ހައްލެއް ހޯދަން "ދައުލަތުގެ އިދާރާތަކުން ގުޅިގެން ކުރަންފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާ އެކު އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމުގެ ކަންކަން މިއަދު ވަނީ ފަށާފައި" ވާ ކަމަށެވެ.
ލުއި ދޭން ނިންމާފައިވަނީ ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާ އެކު، އިލެކްޓްރޯނިކް މޮނިޓަރިންގް ނިޒާމެއްގެ ތެރެއިން މީހުން ބަންދުން ދޫކުރާ ގޮތަށެވެ.
ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް ޙައްލެއް ހޯދުމަށްޓަކާ ދައުލަތުގެ އިދާރާތަކުން ގުޅިގެން ކުރަންފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމުގެ ކަންކަން…
— Dr Mohamed Muizzu (@MMuizzu) May 28, 2025
"މިއަދު މިފެށުނު މަސައްކަތުގެ ތެރެއިން ޒަމާންވީ މިމައްސަލައަށް ހައްލުތަކެއް ލިބި، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ބަންދަށް ލުއިތަކެއް ދެވޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ނަމަވެސް މި މަސައްކަތް ފެށުމާ ގުޅޭ ގޮތުން ކުރި މަސައްކަތުގެ ތަފްސީލެއް ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައެއް ނުވެ އެވެ.
ޕީޖީ އޮފީހުން ނިންމާފައި ވަނީ ބަންދަށް ލުއި ދިނުމުގެ ކުރިން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ދެނެގަތުމަށެވެ. އެގޮތުން، އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ދަށުން މީހުން މުޖުތަމައަށް ދޫކޮށްލުމުގެ ކުރިން ފުލުހުންނާއި ކަރެކްޝަންސް އިން އެސެސްމަންޓެެއް ހަދާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރުން ނުވަތަ "ވާނުވާ ބަންދު" ގެ މައްސަލަ ހައްލުކުރުމަކީ ރައީސްގެ ވައުދުފުޅެކެވެ.
ރައީސް ކުރިން ވިދާޅުވެފައިވާ ގޮތުގައި ވާނުވާ ބަންދުގައި މީހުން ބޭތިއްބުމުގެ މައްސަލައަށް އޮތް ދާއިމީ އެންމެ ރަނގަޅު ހައްލަކީ މައްސަލަ ބަލައި ނިންމުން އަވަސްކުރުން ކަމަށެވެ. އެކަމަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފީޓް
29 May 2025
ފީޓްޕިކްސް (,,♡ᵕ♡,,)
ކުޑަ ވަކީލު
28 May 2025
ތިގޮތަށް ދޫކުރިޔަސް ދައުވާއާމެދު ގޮތް ނުނިމި 5 އަހަރު 10 އަހަރު ހޭދަވުމަކީވެސް މީހާ ވާނުވާގައި ހުންނަންޖެހުން. ވާނުވާވަނީ ޖަލުގެ ހަތަރު ފާރުން ބޭރުނުވެވި ހުރީމަ އެކަންޏެއްނޫން. ވަޒީފާއެއް ހޯދުމަށްވެސް ހުރަސްއެޅި އެރެކޯޑުގައި މީހާ ބަނދެވި ހުރުމަކީވެސް ވާނުވާ. ހައްލަކީ އަވަހަށް ޝަރީއަތް ނިންމޭނެ ގޮތެއްވުން. ކޯޓުތަކުގެ ދުވެލި އަވަސްކުރުން. ކޯޓަތަކުގެ ތިބި ޕެންޓިއަމް 4 ގެ ފެންވަރުގެ ފަނޑިޔާރުންނާ މުވައްޒަފުން ބޭރުކުރުން. އެހެންނޫނީ ހައްލު ނުލިބޭނެ