ފަލަސްތީނުގެ 17 އަހަރުންދަށުގެ ޓީމުން މާލޭގައި ކުރިއަށްގެންދިޔަ ޓްރޭނިން ކޭމްޕްގެ ތެރެއިން: ފަލަސްތީނުގެ ފުޓްބޯޅަ އަށް އެހީވާން ސްވެނިއާ ޓިކެޓް ގަތުމުގެ ފުރުސަތު ހުޅުވާލައިފި --- ފޮޓޯ: އެފްއޭއެމް
13 ނޮވެމްބަރ 2025 - 09:18
އޭއެފްސީ 17 އަހަރުންދަށުގެ އޭޝިއަން ކަޕް ކޮލިފައިން އަށް ތައްޔާރުވާން ރާއްޖެ އާއި ފަލަސްތީނުގެ ޓީމުން ކުޅޭ ދެ މެޗަށް ސްވެނިއާ ޓިކެޓް ވިއްކަން އެފްއޭއެމުން ފުރުސަތު ހުޅުވާލާއިފި އެވެ.
މިރޭ އާއި އަންނަ ހޮނިހިރު ދުވަހުގެ ރޭ ކުޅޭ މެޗަށް އާންމުންނަށް ހިލޭ ވަނުމުގެ ފުރުސަތު އެފްއޭއެމުން ވަނީ ހުޅުވާލާއިފަ އެވެ.
އެކަމަކު ފަލަސްތީނުގެ ފުޓްބޯޅަ އަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދެ ކެޓަގަރީއަކުން ރަމްޒީ ޓިކެޓް ވިއްކަން އެފްއޭއެމުން ވަނީ އިއުލާންކޮށްފަ އެވެ.
އެއީ ޕްލެޓިނަމް ކެޓަގަރީ އާއީ ގޯލްޑް ކެޓަގަރީ އެވެ. ޕްލެޓިނަމް ކެޓަގަރީގެ ޓިކެޓެއް ވިއްކާނީ 1،000ރ. އަށެވެ. ޕެލެޓިނަމް ކެޓަގަރީން ޓިކެޓް ގަންނަ ފަރާތްތަކަށް ހަމަޖައްސާފައި ވަނީ ވީއައިޕީ އާއި ރޮސްޓްރަމް އެވެ. އެ ކެޓަގަރީން ވިއްކާނީ ޖުމުލަ 50 ޓިކެޓެވެ.
ޖުމުލަ 200 ޓިކެޓް ވިއްކާ ގޯލްޑް ކެޓަގަރީއަކީ ރޮސްޓްރަމް ވަށައިގެން އޮންނަ ގޮނޑިބަރި ސަރަހައްދުން މެޗު ބެލުމުގެ ފުރުސަތު ލިބޭ ކެޓަގަރީ އެވެ. އެ ކެޓެގަރީން ޓިކެޓް ވިއްކާނީ 500ރ. އަށެވެ.
"މި މެޗުތަކުގެ ޓިކެޓް ވިއްކައިގެން ލިބޭ ފައިސާ ހަދިޔާކުރުމަށް ހަމަޖެހިފައި ވަނީ ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްތީނުގެ ފުޓްބޯޅަ އަލުން ދިރުވައި ތަރައްގީކުރުމަށް ކުރާ މަސައްކަތުގެ ގޮތުން ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނަށެވެ.،" ޓިކެޓް ވިއްކަން ފެށިކަން ހާމަކުރުމުގެ ގޮތުން އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ޓިކެޓް ގަންނަން ބޭނުންވާ ފަރާތްތަކުން 7507006 އަށް ވައިބާ ނުވަތަ ވަޓްސްއެޕުން މެސެޖް ކުރުމުން ޓިކެޓް ހުރިނަމަ އެކަން އަންގާނެ ކަމަށެވެ. އަދި ބީއެއެމްއެލްގައި ހުޅުވާފައިވާ އެފްއޭއެމްގެ އެކައުންޓަށް ފައިސާ ޓްރާންސްފާ ކުރުމުން ޓިކެޓް ފޯރުކޮށްދޭނެ ކަމަށް އެފްއޭއެމުން ބުންޏެވެ.
ގަލޮޅުދަނޑުގެ އޮލިމްޕަސްފަލީގެ ޓިކެޓް ކައުންޓަރުން މިއަދު 9-12 ޖަހަދެން އަދި 2 ން 6 ޖަހައްދެން ޓިކެޓް ވިއްކާނެކަމަށް އެފްއޭއެމުން ބުންޏެވެ.
ރާއްޖެ އާއި ފަލަސްތީނުގެ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބެލެނިވެރިން
13 November 2025
ކިހިނެތް އިނގެނީ ފަލަސްތީން ޓީމައް ލާރިހަވާލު ކުރާނެކަމެއް
ޯޕެޕަރ ޕިގް
13 November 2025
އެހަގު ކުޅުންތެރިންނާއި އިންޓަވިއުކޮށް އެމީހުންނަށް ދިމާވި ބިރުވެރި އަނިޔާވެރި އެކި ހާދިސާތައް ރައްޔިތުންނަށް ހިއްސާ ކޮއްދެއްވަވާ
މޯރޑް
13 November 2025
އަހަރެމެން ނެތިން އެފް.އޭ.އެމް އާ ފައިސާ ހަވާލު ކުރާކަށް ޓިކެޓެއްނޫން ރިހަފޮޅި ވިއްކިޔަސް ހެޔޮ. އަހަރަމެންނަށް އެނގޭ ބައްސާމް އެކަނި ހުރިހާ ކަމެއް ނުވާނެކަން. ފުރަތަމަ އަމިއްލަ ހާލަތު ރަނގަޅު ކޮށްބަލަ.