ހަކުރު ބައްޔާ ގުޅޭ ގޮތުން އާއްމުން ހޭލުންތެރި ކުރުމަށް، ހއ. ދިއްދޫގައި އައިޖީއެމްއެޗުން މީގެ ކުރިން ބޭއްވި އައުޓްރީޗް ޕްރޮގްރާމުގައި ކަސްރަތު ކުރަނީ.-- ފޮޓޯ: އައިޖީއެމްއެޗް
18 ނޮވެމްބަރ 2025 - 11:22
ހަކުރު ބައްޔަށް މަޑުޖެހުމެއް ނައިސް، އެ ބަލީގެ ރިސްކް ބޮޑު މީހުން އިތުރުވަމުން ދާތީ ޑައިބެޓީސް ސޮސައިޓީން ކަންބޮޑުވެއްޖެ އެވެ.
އެ ސޮސައިޓީގެ ޗެއާޕާސަން އައިޝަތު ޝިރުހާނާ ވިދާޅުވީ އެ ޖަމިއްޔާ އިން ހިންގާ ކްލިނިކްގައި މާލެ ސަރަހައްދާއި ކައިރި ރަށްތަކުގައި ދިރިއުޅޭ 2،000 މީހުން ރަޖިސްޓްރީވެފައިވާ ކަމަށެވެ.
އޭގެ ތެރެއިން، ކުޑައިރު ޖެހޭ ޓައިޕް 1ގެ ހަކުރު ބަލި ކުރިއަށް ވުރެ އިތުރުވަމުން އަންނަ ކަމަށާއި އެ ކްލިނިކުން އެކަނި ވެސް 200 އަށް ވުރެ ގިނަ ކުދިން މި ވަގުތު ވެސް ފަރުވާ ހޯދަމުން އަންނަ ކަމަށް ޝިރުހާނާ ވިދާޅުވި އެވެ.
އޭގެ ހަކުރު ބަލި އެންމެ ގިނައީ ކުޑަކުދިންގެ މެދުގަ އެވެ. އެއީ، އިންސިއުލިންއަށް ބަރޯސާވާން ޖެހޭ ވައްތަރުގެ ހަކުރު ބައްޔެވެ. އެ މީހުންގެ ހަށިގަނޑުގައި އިންސިއުލިން އުފައްދައިދެނީ ވަރަށް މަދުންނެވެ. އެހެންވެ، ހަކުރު ކޮންޓްރޯލް ކުރަން އާންމު ގޮތެއްގައި އިންސިއުލިން އިންޖެކްޝަން ފަށަން ޖެހެ އެވެ.
ބޮޑެތި މީހުންނަށް ޖެހޭ ޓައިޕް 2 ގެ ހަކުރު ބައްޔަކީ، ހަށިގަނޑުގައި އިންސިއުލިން އުފައްދައި ދިން ނަމަވެސް ކޮންމެ ވެސް ސަބަބަކާ ހުރެ ސެލްތަކުން އިންސިއުލިން ބޭނުން ނުކުރެވުމެވެ. އެއާއެކު، ހަށިގަނޑުގެ ސެލްތައް އިންސިއުލިންއަށް ރެސިސްޓް ވާގޮތް ވާނެ އެވެ. އަދި ބައެއް މީހުންގެ ހަށިގަނޑުގައި އިންސިއުލިން އުފައްދައި ނުދެ އެވެ.
ޓައިޕް 2 ގެ މީހުންނަށް ބޭސް ދީގެންނާއި ކެއުން ބުއިމަށް ބަދަލުގެނެސްގެން ހަކުރު ކޮންޓްރޯލް ކުރެވެ އެވެ. އަދި އިންސިއުލިން އިންޖެކްޝަން ޖަހަން ޖެހޭ ހާލަތްތައް ވެސް އާދެ އެވެ.
ޝިރުހާނާ ވިދާޅުވީ އާސަންދައިގެ ހިދުމަތް ވެސް ލިބޭ އެ ކްލިނިކުން އެ ހުރިހާ ފަރުވާއެއް ލިބޭ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ހާލަތުތައް ފަސޭހައިން ބަދަލުކުރެވޭ ވަރަށް ކަންކަން ކުރިއަރައިގެން ދިޔަ ނަމަވެސް، ހަކުރު ބަލީގެ ރިސްކު ބޮޑު މީހުން އިތުރުވެ، ފަރުދީ ޒިންމާ އަދާކުރާ މިންވަރު ކުޑަވުމަކީ ކަންބޮޑުވުމެކެވެ.
"ސްކްރީން ކޮށްފައި ވެސް މި ކިޔައިދެނީ ކުރަންޖެހޭ ކަންކަން. އެކަމަކު އެކަމަށް އަމަލުނުކުރަންޏާ ނަތީޖާއެއް ނުފެންނާނެ،" ޝިރުހާނާ ވިދާޅުވި އެވެ.
ޑައިބެޓީސް ސޮސައިޓީން މި ފަހުން ވަނީ މ. ދިއްގަރުގައި ލައިފްސްޓައިލް އިންޓަވެންޝަންގެ ޕްރޮގްރާމެއް ހިންގައިފަ އެވެ. އެއް އަހަރަށް ދެމިގެންދިޔަ އެ ޕްރޮގްރާމްގައި 120 މީހުން ބައިވެރިވި އެވެ.
ހަކުރު ބަލީގައި ރާއްޖޭގައި މި ވަގުތު ތިބި މީހުންގެ ޖުމްލަ އަދަދެއް ނޭނގުނަސް، އެ ޖަމިއްޔާއިން 2021 ވަނަ އަހަރު ހެދި ދިރާސާއިން ދައްކަނީ، އެ ބަލީގެ 10،000 މީހުން ތިބި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖެރާ
20 November 2025
ހަކުރުބޯ މީހުންގެ އަދަދުވެސް ވަރަށް ބޮޑަށް އިރުވެއްޖެ
އިބިރިހިން ބެއްޔާ
18 November 2025
އަހަރުމެން ބޮޑުވީ ހަކުރުތެރެއަށް. %99:99 މީހުން ތިންވަގުތު ކަނީ ބަތް ނުވަތަ ރޮށި. ފޮނިގަދަކޮށް ސައިނުބޯނަމަ ސައިބުއިކަމަކަށްނުވޭ. ތަރުކާރީ ފަސޭހައިން ލިބެންނުހުރޭ. ދެން ކަލޭމެންނެއްނުން ކިޔައިދޭންވީ ކާންވީގޮތް ކޯޗެއްތޯ ގިނަކުރަންވީ ކޯޗެއްތޯ މަދުކުރަންވީ. ކަންބޮޑުވިޔަކަސް ކަމެއް ހައްލެއްނުވާނެދޯ. ތިއޭސީ ކޮޓަރިތަކުން ނިކުމެ ފެތުރިގަނެބަލަ. އެތަންމިތަނަށް ރަށްރަށަށް. ކިއަދީ ނަސޭހަށް ދީބަލަ. ޓީވީތަކުންނާ ސޯޝަލްމީޑިއާއިން މައުލޫމާތު ދީބަލަ.
ހަކުރު ބޭބެ
18 November 2025
އެމީހެއްގެ އަމިއްލަ ހަށިގަޑު ދެކެ ލޯބިނުވާބަޔަކާމެދު ތިބޭފުޅުން ކޮންކަންބޮޑުވުމެއް. އެމީހުން ކުރާކަމެއް ކުރަނީ އެމީހުންގެ ފުރީ ވިލްގައި. ކިތަންމެވަރަކަށް ނަސޭހަތްދިނަސް އަޑުނާހާ ބަޔަކު އަޑުނާހާނެ. ދިވެހިންނަކީ އެކަހަލަ ބައެއް. އަޅާނުލާ. އެމީހަކު ފޭހުނު އިލޮށިގަޑެއް ހެރޭނީ އެމީހެއްގެ ލޮލަށް.
ބޭޗޭނާ
18 November 2025
އެއްވެސް އެވެއާނަސް ފްރޮގްރާމެއް ނުހިންގާ ކޮން ބޭކާރު އަނަގަތެޅުމެއް. ކަންބޮޑު ވާނަނަމަ ތިސޮސައިޓީއެއްވެސް އޮންނާނީ ތަންކޮޅެއް ޕްރޮއެކްޓިވްކޮށް.
ބިންދާލި ރާޅު މަތިން ދިޔަ
18 November 2025
ސަބުސިޑީ ދީފަ ބަހައްޓާ ހަކުރުންވެސް. ގައިމު ބަެއއް ޒާތު ޑުރަގަށްވުރެ މީދާވެސް ހަކުރަށް ފޯރި ހުންނަ ކަމަށް ދިރާސާތަކުން ދައްކާ
ޔޫކޭ
18 November 2025
ހަކުރު ބަލި ގިނަވިވަރަކަށް ޑައިބެޓިކްސް ސޮސައިޓީގެ ވަޒީފާ އިތުރުވާނެ ނޫންތަ؟!!!
އިނބިރާ
18 November 2025
ބަލަ ތިބޭފުޅުންނަށް ނޭގޭތަ ދިވެހިން އުޅެނީ ސްޓްރެސްބޮޑު ދިރިއުޅުމެއްގައި. އަމިއްލަގެދޮރެއްނެތް. އަބަދުކުލިނުދެެއްކިގެން ބިލްތައްނުދެއްކިގެން އުޅެންޖެހެނީ. ދެތިން ޖޮބް އަދާކޮށްގެންވެސް ދެކޮޅުނުޖެހޭ. ދެން ބަނޑުހާއިވީމަ، ސްޓްރެސްވީމަ، ރުޅިއައިމަ ކިހިނެއްވާނީ. ހަކުރުނުން ދެން ހުރިއެއްޗެއްވެސް މައްޗަށްދާންވީ. އެއްވެސް އެއްޗެއް ތިރިއަށް އަންނާނެކަމެއްނެތް. ސަރުކާރުން މިހިރި މިހިރަކަންތައްތަކަށް ލުއިފަސޭހަ ގޮތެއް ހޯދައިދީ އޭރުން....
ޕެރަސެޓަމޯލު
18 November 2025
ދެން ކާންވީ ހަކުރުތަ؟
އަބްޑޫޅް +
18 November 2025
ޙުކުރު ބަލި ގިނަވާތީ ކަންބޮޑުވޭ.