ިފިނޭންސް މިނިސްޓްރީ: އެސްޑީއެފް ފަންޑަށް ޖަމާކޮށްފައިވާ އަދަދު 2.2 ބިލިއަނަށް
22 ނޮވެމްބަރ 2025 - 14:05
ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް)އަށް މި އަހަރު 2.2 ބިލިއަން ރުފިޔާ ޖަމާކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން މިއީ މިއަހަރުގެ ބަޖެޓުގައި ޖަމާކުރަން ކަނޑައެޅި އަދަދަށް ވުރެ އިތުރު އަދަދެކެވެ. މިއަހަރުގެ ބަޖެޓުގައި އެސްޑީއެފް އަށް ޖަމާކުރުމަސް ކަނޑައަޅާފައި ވަނީ 2.1 ބިލިއަން ރުފިޔާ އެވެ.
އެސްޑީއެފް ފަންޑުން އަންނަ އަހަރުގެ ދަރަނި އަދާ ކުރުމަށް 4.1 ބިލިއަން ރުފިޔާ ބޭނުން ކުރަން ބަޖެޓު ފޮތުގައި ކަނޑައަޅާފައިވެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިވާ ގޮތުން، ދަރަނި ދެއްކުމަށް 12.9 ބިލިއަން ރުފިޔާ ހޭދަކުރާ އިރު އިންޓްރެސްޓް ހަރަދުގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ހިމަނާފައި ވެ އެވެ. އެހެންވެ، ދަރަނި ދެއްކުމުގެ ޖުމްލަ ހަރަދަށް 18.4 ބިލިއަން ރުފިޔާ ހޭދަވާނެ އެވެ. އެއީ މުޅި ބަޖެޓުގެ 29 ޕަސެންޓެވެ.
ދަރަނި އަދާކުރަން ބޭނުންވާ އެންމެ ބޮޑު ބައެއް ހޯދަނީ ރީފައިނޭންސިން ކޮށްގެންނެވެ. އެގޮތުން ލޯނު މެދުވެރިކޮށް 2.9 ބިލިއަން ހޯދަން ކަނޑައަޅާފައިވެ އެވެ. އަދި ސުކޫކާއި ނުވަތަ ބޮންޑު މެދުވެރިކޮށް 6.9 ބިލިއަން ރުފިޔާ ހޯދާ އިރު މަލްޓިލެޓްރަލް ބަޖެޓް ސަޕޯޓަށް ހަތް ބިލިއަން ރުފިޔާ ހޯދަން ބަޖެޓުގައި ހިމަނާފައިވެ އެވެ. އަދި ރާއްޖޭގެ މާލީ އިދާރާތަކުން 5.1 ބިލިއަން ރުފިޔާ ހޯދަން ވެސް ކަނޑައަޅާފައިވެ އެވެ.
އެސްޑީއެފްގެ ސައިޒު 10.9 ބިލިއަން ރުފިޔާގައި ހުރި އިރު އޭގެ ތެރެއިން 8.3 ބިލިއަން ރުފިޔާ ހުރީ ޑޮމެސްޓިކް ސެކިއުރިޓީ ނުވަތަ ސަރުކާރުގެ ޓީބިލްގައި އިންވެސްޓްކޮށްފަ އެވެ. އެއީ މުޅި ފަންޑުގެ 76 ޕަސެންޓެވެ. ބާކީ ބޭނުން ކުރެވޭ ގޮތަށް މިވަގުތަށް ހުރީ 2.4 ބިލިއަން ރުފިޔާ އެވެ.
އެ ފަންޑަށް ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން އެއާޕޯޓު ޑިވަލޮޕްމެންޓް ފީގެ ގޮތުގައި 6.5 ބިލިއަން ރުފިޔާ މިހާތަނަށް ޖަމާކޮށްފައިވެ އެވެ.
އަންނަ އަހަރު ވެސް އެ ފަންޑަށް 2.5 ބިލިއަން ރުފިޔާ ޖަމާކުރަން ބަޖެޓުގައި ކަނޑައަޅާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެސްޑީ
22 November 2025
ބައްލަވާ އެސްޑީއެފް އަށް ޖަމާ ކުރަން އޮންނަނީ ޑޮލަރުން ބަލައިގަންނަ އެއާޕޯޓް ޑިޕާޗާ ޓެކްސް އަދި ޑެވެލޮޕްމަންޓް ފީ. ދެން ކީއްވެ ރުފިޔާ އިން މި ރިޕޯޓު ކުރަނީ އެސްޑީއެފް އަށް ޖަމާ ކުރާ ވަރު. ޑޮލަރުން ވަންނަ ފައިސާ ހުންނަންވާނީ އަދި ރިޕޯޓްކުރަން ވާނީ ޑޮލަރުން. ކުރިން ކުރަމުން އައީ އެހެން. ކޮވިޑުގައި އެސްޑީއެފްގައި ހުރި ޑޮލަރު މާރުކޮށް ރުފިޔާއިން ރިޕޯޓު ކުރަން ފެށީ. މިހާރު އަމުދުން މާރުކުރާނަމަ އެއީ ވަރަށް ބޮޑު ގޯހެއް.
އެކްސިް
22 November 2025
ތީގެ ތެރެއިން ކިހާވަރެެެއްތަ ހުރީ ބޭރު ފައިސާއިން. ކިތަންމެ ރުފިޔާއެއް ޖަމާ ކުރިޔަސް ބޭރުފައިސާ އިން ނަގާފަ ހުރި ބޮޑެތި ލޯނު ތަކެއް ނުދެއްކޭނެ ދޯ.
ގުންޒަރު ގާސިމް
22 November 2025
ސާބަސް. މިއަދުގެ ސަރުކާރުން ތިޔަ ކުރާމަސައްކަތް ސުކުރިއްޔާ..