ނައިޖީރިއާގައި މީގެ ކުރިން ދަރިވަރުން ރަހީނުކުރި ހާދިސާއެއް ހިނގި ސްކޫލެއްގެ ބޯޑިން އިމާރާތެއްގެ ތެރެ އެ ހާދިސާއަށް ފަހު އޮތް ގޮތް: އެ ގައުމުގައި ދަރިވަރުން ރަހީނުކުރުމުގެ ހާދިސާތައް ގިނަ. -- ފޮޓޯ: އޭއެފްޕީ
22 ނޮވެމްބަރ 2025 - 19:08
އެފްރިކާގެ އެންމެ ބޮޑު އާބާދީ އޮންނަ ނައިޖީރިއާގައި ހަތިޔާރު އެޅި ބަޔަކު ކްރިސްޓިއަން ސްކޫލަކަށް ވަދެ 300 އަށް ވުރެ ގިނަ ދަރިވަރުންނާއި ޓީޗަރުން މިއަދު ރަހީނުކޮށްފި އެވެ.
ނައިޖީރީގައި މިފަދަ އަމަލުތައް ގިނަވެ ސަލާމަތީ ކަންކަމާ މެދު ވަރަށް ބޮޑަށް ސުވާލު އުފެދިފައި އޮއްވައި މިއަދު ރަހީނުކުރީ އެ ގައުމުގެ މެދުތެރޭގައި އޮންނަ ނައިޖާ ސްޓޭޓްގައި ހުންނަ ސްކޫލެއްގެ ދަރިވަރުންނާއި ޓީޗަރުންނެވެ. އަދި މިދިޔަ ހޯމަ ދުވަހު ވެސް ސްކޫލަކުން 25 އަންހެން ދަރިވަރުން ރަހީނުކުރި އެވެ.
މިއީ ދަރިވަރުން ރަހީނުކުރުމުގެ ހާދިސާތައް ގިނަ ނައިޖީރިއާގައި ހިންގި މިފަދަ އެންމެ ބޮޑު އެއް ހާދިސާ އެވެ.
ކްރިސްޓިއަން އެސޯސިއޭޝަން އޮފް ނައިޖީރިއާ (ސީއޭއެން) އިން ފުރަތަމަ ބުނީ 227 ދަރިވަރުންނާއި ޓީޗަރުން ރަހީނުކޮށްފައިވާ ކަމަށެވެ. ނަމަވެސް އަދަދުތައް ކަށަވަރުކުރުމަށް ފަހު ބުނީ 303 ދަރިވަރުންނާއި 12 ޓީޗަރުން ރަހީނުކޮށްފައިވާ ކަމަށެވެ. މިއީ މުޅި ސްކޫލްގެ ގާތްގަނޑަކަށް ދެ ބައިކުޅަ އެއްބަ އެވެ.
މުޅި ސްކޫލްގެ އާބާދީ އަކީ 629 އެވެ.
ނައިޖާ ސްޓޭޓްގެ ގަވަރުނަރު މުހައްމަދު އުމަރު ބާގޯ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އިންޓެލިޖެންސް ޑިޕާޓްމެންޓާއި ފުލުހުން، ރަހީނުކުރި އަދަދު ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ސްޓޭޓްގެ ސަރުކާރުން ކުރިން ވެސް ވަނީ ރަހީނުކުރުމުގެ ހާދިސާއަކާ ގުޅިގެން ހުރިހާ ސްކޫލެއް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ. އަދި މައި ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ 47 ސެކަންޑަރީ ބޯޑިން ސްކޫލެއް ބަންދުކުރުމަށް އަންގައިފަ އެވެ.
ނައިޖީރީއާގެ ރައީސް ބޯލާ ޓިނޫބޫ ވަނީ މި ހާދިސާއާ އެކު، ޖޮހަނަސްބާގްގައި މިހާރު ކުރިއަށްދާ ޖީ20 ސަމިޓުން ވެސް ވަކިވެ ވަޑައިގެން ބައިނަލްއަގުވާމީ ބައްދަލުވުންތައް ކެންސަލް ކުރައްވައިފަ އެވެ.
ނައިޖީރިއާގެ ކްރިސްޓިއަނުންނާ ދެކޮޅަށް ހިންގާ މިފަދަ އަމަލުތައް ހުއްޓުވަން އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވަނީ ނައިޖީރިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ނޫހޫ ރިބާޑޫއާ އެކު ބޭއްވި މަޝްވަރާތަކުގައި ގޮވާލައްވާފައި ކަމަށް ޕެންޓަގަން އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މީގެ 10 ވަރަކަށް އަހަރު ކުރިން ބޯކޯ ހަރާމްގެ ހަނގުރާމަވެރިން 300 އަށް ވުރެ ގިނަ އަންހެން ކުދިން ރަހީނު ކުރި ހާދިސާގެ ބިރުވެރިކަން ނައިޖީރިއާގައި އަދިވެސް އެބަ އޮތެވެ. އެފަހަރު ރަހީނުކުރި ބައެއް ކުދިން އަދިވެސް ނުފެނެ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޥޯލޯޑް
23 November 2025
ޢަލްޤަައިދާ ނަންވާހެން މިހާރު ބޯކޯ ހަރާމްއެވެ.އަދި އެހެން ނަންވެސް އަންނާނެއެވެ. މިޑިއާގައި ނަންވާނީ މުސްލިމުންނެވެ. ޙަޤީޤަތް ބަލާއިރު ވޯލޯޑުންނާ ޑްރަގް ލޯޑުންނެވެ.
ހަލޯ
23 November 2025
މީކީ ދީނީ ބަޔަކު ކުރާކަމެއް ނޫން، މީ ވަކި ގައުމުތަކެއް އަޑީގައި ތިބެގެން ފަންޑުކޮއް އަދި ހަތިޔާރުދީގެން ބަޔަކު ލައްވާކުރުވާކަމެއް. މަގުސަދަކީ އެސަރަހައްދު ހަލަބޮލި ކުރުވާ ގައުމުގައިވާ މައުދަނާއި ތެޔޮ އަދި ފައިސާ ގެ ނިޒާމައް އަތްގަދަކުރުން. ތެޔޮ ނުނީ މައުދަން އުފައްދާ ގައުމެއްވިއްޔާ މިމީހުން މިގައުމުތަކުގައި ޓެރަސްޓުން އުފައްދާ އެގުރޫޕުތަކައް ހަރަރުކުރާނެ. މިކަން ކޮއްގެއް މިމީހުނައް ތާއަބަދު މުއްސަންދި އަދި ބާރުގަދަ ގައުމުތައެއް ގޮތުގައި އޮވެވޭނީ.
ދެރަ
22 November 2025
ދީނުގެ ނަމުގައި މިފަދަ ވިޔާނުދާ ކަންކަން ކުރާ މީހުންނަކީ ދީނަށް އޮތް ބޮޑު ނުރައްކަލެއް. އެފަދަ މީހުން އެ ހުޅުވާލަނީ އިސްލާމްދީނުގެ ސޫރަ ހުތުރުކުރަން ތިބި ދުޝްމަނުންނަަށް ބޮޑު ފުރުސަތެއް.
އައިއާސްކްޔޫ
22 November 2025
ނައިޖަރ ގައި ކުޑަކުދިން ވަގަށް ނެގުމަކީ ބަކޯހަރާމް އިންކުރާ ބޮޑުވިޔާފާރި މިކުދިން ތައް ވަގަށް ނެގުމަށް ފަހު ކޮންޓެއިނަރ ތަކުގައި ބޭރުކުރަނީ މިޑިލް ޔޫރަޕް އަށޭ ދެން އިންޓަރނެޓް މެދުވެރިކޮށް ހަށިވިއްކާ ފިލްމް ކުޅުވުމަށް ޓަކައި އެކުދިން ބޭނުންކުރަނީ އެވިޔާފާރިކުރާ މީހުން އެކުދިންނަށް މަސްތުވާތަކެތި ދީގެން ނައިޖަރ އިން މިކަން ކުރުމުގައި އެގައުމުގެ ސަރުކާރުގެ އަތެއް ވަރަށް ބޮޑަށް އޮވެއޭ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރެޓް ގެއްލުން ނަމޫނާ