ގދ. ތިނަދޫ ސިޓީ ކައުންސިލް އިދާރާ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
27 ނޮވެމްބަރ 2025 - 10:30
ގދ. ތިނަދޫގެ ރަށްވެހިކަން ދޫކޮށްލާ ނަމަ 5،000ރ. ގެ ފީއެއް ނަގަން ޖެހޭ ގޮތަށް އެ ރަށު ކައުންސިލުން އަނެއްކާވެސް ނިންމައިފި އެވެ.
ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ސިޓީގެ އާބާދީ ހިފެހެއްޓުމުގެ ބޭނުމުގައި ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަތުން ފީ ނަގަން ނިންމުމުން، އިޖުރާއަތްތައް ފުރިހަމަކޮށްފައި ނޫނީ އެ ފީ ނުނެގުމަށް އެލްޖީއޭ އިން ލަފާދިން ކަމަށެވެ.
އެހެންވެ، މިދިޔަ ޖުލައި 9 ގައި އެލްޖީއޭ އިން ފޮނުވި ސިޓީއާ އެއްގޮތަށް، އެ ފީ ނެގުން ހުއްޓާލައި ރަށުގެ އާއްމުންނާ އެކު މިދިޔަ އޮގަސްޓް 10 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި 5،000ރ. ގެ ފީއެއް ނަގަން ހިޔާލު ދީފައިވާ ކަމަށް އިއުލާނުގައި ބުންޏެވެ.
ކައުންސިލުން އެކަން ކުރީ ރަށްވެހިކަން ދޫކޮށްލުމުން ފީގެ ގޮތުގައި ނަގާނެ އަދަދުތަކުގެ ގޮތުގައި 0-5،000ރ. އާ ދެމެދުގެ ފީ ހިމެނޭ ގޮތަށް އިހުތިޔާރު ދީފައިވާ ގޫގުލް ފޯމެއް މެދުވެރިކޮށް، އާއްމުންގެ ހިޔާލަށް ހުށަހެޅުމުން މެޖޯރިޓީ ރައްޔިތުން އެގޮތަށް ނިންމުމުން ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
އެއާ އެއްގޮތަށް، ކުރީގެ އިއުލާން ބާތިލްކޮށް، އަލުން އެ ފީ ނެގުމަށް މިދިޔަ އާދިއްތަ ދުވަހު ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ.
ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަތުން ފުރަތަމަ ފުރަތަމަ ފީ ނަގަން ފެށީ ޖެނުއަރީ، 2024 ގަ އެވެ. ނަމަވެސް، އެލްޖީއޭގެ އެންގުމާއެކު ވަކި ހިސާބަކުން އެކަން ހުއްޓުނީ އެވެ.
އާބާދީގައި 10،000 ހަމަ ނުވަނީސް ތިނަދޫ އަކީ ސިޓީއެއް ކަމަށް ކަނޑައެޅީ ރިޔާސީ އިންތިހާބުގެ ކެމްޕޭނާ ދިމާކޮށް އޮގަސްޓު 30، 2023 ގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެއީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 51 ވަނަ މާއްދާގައި ރައީސަށް ލިބިދޭ ބާރުގެ ދަށުންނެވެ.
ނަމަވެސް ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހެ އެވެ. އެހެންވެ، އެ މަސައްކަތް މަޖިލީހުން މިހާރު އަންނަނީ ކުރަމުންނެވެ. އާ ސަރުކާރުން ވެސް ވަނީ އެ މަސައްކަތަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފަ އެވެ.
ތިނަދޫގެ އާބާދީގައި މިހާރު އުޅެނީ 7،000 މީހުންނެެވެ. މި އަދަދު އިތުރުކުރަން އެހެން ރަށްރަށުގެ މީހުން ވެސް އެ ރަށުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ކައުންސިލުން ހުޅުވާލި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކިމް
30 November 2025
ތިވަރުންވެސް ސޓީ ކިޔަންވޭ؟
ރަށު މީދާ
27 November 2025
ރަށުން ގެދޮރު ނުލިބެންޏާ ރައްވެހިކަން ދޫކޮށް ނުލާންވީ ސަބަބެއް ނެއް....
މުލޭ
27 November 2025
ތިޔައީ އިދާރީ ފީއެއް ނޫން. އިދާރީ ފީ އަކީ އެ ޚިދުމަތަކަށް ކުރަންޖެހޭ ޚަރަދުތައް ފޫ ބެއްދުމަށް ނަގާ އެއްޗަކަށް ވާންޖެހޭނީ. މިކަމުގައި މިއޮތީ އަދަބަކަށް ނުވަތަ ޖޫރިމަނާ އެއްގޮތަށް ދޭހަވާ ވަރުގެ ބޮޑު ޢަދަދެއް. ރައްވެހިކަން ބަދަލުކުރުން ހުއްޓުވަން އަޅާ ރައްޔިތުންނާމެދު އަޅާ ފިޔަވަޅެއް ގޮތަށް ދޭހަވަނީ. މިކަން ބަލައި ނުގަނެވޭ.
އޮނަރަބްލް އަކަޔަންބޯ
27 November 2025
ގާނޫނޫނު އަސާސީއާއި ހިލާފު ފީއެއް. އަސާސީހައްގަކަށް އުނިކަން ލިބޭ އެއް ވެސް ފީއެއް ރައްޔިތެއްގެ އަތުން ނުނެގޭނެ.
ސަމާ ޒިޔާން
27 November 2025
ތިނަދޫ ކައުންސިގެ މުއަށްޒަފެން ބުނީ، ހިޔާލު ހޯދީ ގޫގުލް ފޯމަކުންނޯ. އެފުރީ ކައުންސިގެ ރައީސްގެ އައިލާ ބޭފުޅުން އެކަނިއޯ. 20 މީހުންވެސް އެ ފޯމް ފުރާލަން ނުވިއޯ. ފުރި މީހުން އެއްބަހެއް ނުވިއޯ ފައިސާ ނަގާކަށް. އެންމެ ފަހުން ޖެހުނީ ކައުންސިލް މުއަށްޒަފުން ލައްވާ އެކި މީސް މީހުން ނަމުގަ ފޯމް ފުރާ ހަމަކުރާށޯ. މިއީ ތި ކައުންސިލް ފެންވަރު. މިފަހަރު އިންތިހާބުވެސް ވޯޓް ނަގަންވެސް ގޫގުލް ފޯމެއް ބޭނުން ކޮށްފާނެ.
ށަލި
27 November 2025
ހަހަ 5000 ނަގައިގެން އާބާދީ ކޮންޓްރޯލް ކުރެވޭނެ ވިއްޔާ، މިނިވަންކަމަށް ހުރަސް އެޅުން މީ
އަހުމަދުު
27 November 2025
ގާނޫނުގަ އޮވޭދޯ ކޮންމެ ދިވެއްސަކީ، އޭނާ ބޭނުންވާ ރަށަކަށް ގޮސް އާބާދުވުމުގެ ހައްގު އޮންނަންޖެހެއޭ، އޭގަ އޮވޭތަ ފީެއް ނަގާވާހަކަ، ކައުންސިލުގަ ތިބީ ހުސް ދުންމާރިން ދޯ؟
އަނާބެ
27 November 2025
ޤާނޫނު އޮތީ އެކަން އެގޮތަށް ކުރެވޭ ގޮތަށްތޯ؟ ކޮންމެ ރަށުކައުންސިލަކީ ވަކި ސަރުކާރަކަށް ވީތޯ؟ ނަފުސުގެ މިނިވަންކަމާއި ގުޅުންހުރި މިފަދަ ކަންކަމުގައި އެކި ކައުންސިލްތަކުން އެކި ޤަވާޢިދު ހެދުމުން އެކިރަށުގެ އެކިރައްޔިތުން އަމަލުކުރަންޖހޭ އާއްމު ޤަވާޢދުތަކުގައި ބޮޑެތި ފަރަޤު ތަކެއް އުފެދިގެން ހިނގައިދާނެ.
ޒިޔާން
27 November 2025
ތިފަދަ ހަމަ މަގުން ގެއްލިފަ ހުރި ރަށްރަށް ހަމަމަގަށް އަޅުވާލަން އިބްރާހިމް ނާސިރު ވަރެއް ނެތް. އެއީ އަޅުވެތިކަމުން ސަލާމަތް ކޮށްދިން ބަތަލެއް.
ލަބީނާ
27 November 2025
ދެން މާދަމާ ފާސްކޮށްލާ ރަށަށް އަރާ ހުރިހާ މެހެމާނުން ރަށުން ފުރައިގެން ދެވޭނީ އިދާރީ ފީ އެއްގެ ގޮތުގައި 3000 ރުފިޔާ ދައްކައިގެންނޭ. #ގާނޫނުން ދިވެހި ރައްޔިތަކަށް ލިބިދޭ މިނިވަންކަން ހަނިކުރާ އިރުވެސް ތިނަދޫ ރައްޔިތުން ތިބެންވީ އަތްޖަހަން ؟ މުޅި ރަށުގެ ހައިބަތު ދުއްވާލާ ތިނަދޫ އަކީ ޖޯކަކަށް ހަދާލާފަ މިއޮތީ.