ކުޅިވަރު / ޔޫރޮޕާ ލީގް

ވެން ޕާސީގެ ދަރިފުޅު: ބައްޕަގެ ކޯޗުކަމުގައި ސީނިއާ ފުރަތަމަ މެޗު

ސެލްޓިކާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ފެއިނޫޑްގެ ކޯޗު ރޮބިން ވެން ޕާސީ (ކ) އަދި އޭނާގެ ދަރިފުޅު ޝަކީލް (ވ).--

29 ނޮވެމްބަރ 2025 - 10:54

1 comments

ޔޫއެފާ ޔޫރޮޕާ ލީގުގައި ނެދަލެންޑްސްގެ ފެއިނޫޑާއި ސެލްޓިކް ބައްދަލުކުރި މެޗުގައި، ފެއިނޫޑްގެ ކޯޗު ރޮބިން ވެން ޕާސީ، އޭނާގެ 19 އަހަރުގެ ދަރިފުޅު ޝަކީލް ވެން ޕާސީ ފުރަތަމަ ފަހަރަށް ކުޅެން އަރުވައިފި އެވެ.

ފެއިނޫޑްގެ ދަނޑުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މި މެޗު ސެލްޓިކް ވަނީ ފަހަތުން އަރައި 3-1 އިން ކާމިޔާބު ކޮށްފަ އެވެ.

ޔޫރޮޕާ ލީގުގެ މި މެޗުގައި ޝަކީލް ކުޅެން އެރީ 81 ވަނަ މިނިޓުގަ އެވެ. ސެލްޓިކުން ތިންވަނަ ލަނޑު ޖެހީ އޭނާ ކުޅެން އެރިތާ މިނިޓެއްހާއިރު ތެރޭގަ އެވެ.

ސެލްޓިކާ ދެކޮޅަށް ކުޅުނު މެޗުގައި ޝަކީލް ވެން ޕާސީ.--

މެޗުން ބަލި ވިއަސް، ބެންޗުން ކުޅެން އެރި ފެއިނޫޑްގެ ކުޅުންތެރިންގެ ތެރެއިން އެންމެ ރަނގަޅަށް ކުޅެފައި ވަނީ ޝަކީލް އެވެ. އޭނާ ވަނީ ގޯލު ޖަހަން ރަނގަޅު ފުރުސަތެއް ވެސް ތަނަވަސް ކޮށްފަ އެވެ.

މިއާ އެކު ފެއިނޫޑް ވަނީ ޔޫރޮޕާ ލީގުގެ ލީގު ބުރުގައި މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، ހަތަރު މެޗުން ބަލިވެފަ އެވެ. ލީގު ބުރުގައި ބާކީ ތިން މެޗު އެބަ އޮތެވެ. ނަމަވެސް ނެދަލެންޑްސް ލީގުގައި އެ ޓީމު އޮތީ ތާވަލްގެ ދެވަނައިގަ އެވެ.

މެންޗެސްޓާ ސިޓީ އާއި ތުރުކީގެ ފެނަބާޗޭގެ އެކަޑަމީން ތަމްރީނު ވެގެން ޝަކީލް ފެނަބާޗޭގެ އެކަޑަމީއާ ގުޅުނީ 2017 ގަ އެވެ. ނެދަލެންޑްސްގެ 16 އަހަރާއި 17 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކުޅެފައިވާ ޝަކީލް، ފެނަބާޗޭގެ ސީނިއާ ޓީމުގެ މެޗެއްގައި އެންމެ ފުރަތަމަ ބެންޗުން ފުރުސަތު ލިބުނީ މިދިޔަ ހަފުތާގައި އެންމެ ފަހުން ލީގުގައި އެންއީސީ ނިޖްމެގެންއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

ޝަކީލް (މ) ފެއިނޫޑްގެ އެކަޑަމީއާ ގުޅުނު ދުވަހު.--

އެ މެޗުގައި ކުޅުމުގެ ފުރުސަތު ނުލިބުނު ނަމަވެސް، ބުރާސްފަތި ދުވަހުގެ ރޭ ޝަކީލް ކުޅެން އެރުވީ އޭނާގެ ފަރާތުން ގޯލެއް ފެންނާނެ ކަމުގެ އުންމީދު އޮވެގެން ކަމަށް ވެން ޕާސީ ވަނީ ބުނެފަ އެވެ.

"އޭނާ ކުޅެން ނެރެން ނިންމީ ބައްޕައެއްގެ ހައިސިއްޔަތަކުން ނޫން، ކޯޗެއްގެ ގޮތުގައި ނިންމި ނިންމުމެއް، އެއީ އަހަރެމެން އޮތީ ގޯލަކަށް ބޭނުންވެފައި. ޝަކީލަކީ ކޮންމެ އޭންގަލަކުން ވެސް ގޯލެއް ޖެހިދާނެ ކުޅުންތެރިއެއް، އެހެންވެގެން އޭނާ އެރުވީ،" ކުރިން އާސެނަލް އާއި މެންޗެސްޓާ ޔުނައިޓެޑަށް ވެސް ކުޅުނު ފޯވާޑް ވެން ޕާސީ ބުންޏެވެ.

"ބައްޕައެއްގެ ހައިސިއްޔަތުން ވާހަކަ ދައްކާ ނަމަ ދަރިފުޅު ފުރަތަމަ ފަހަރަށް ސީނިއާ މެޗެއް ކުޅޭތަން ފެނުމަކީ ވަރަށް ހާއްސަ ކަމެއް. އެކަމަކު އަހަރެން ހުރީ އެ ވަގުތު އެންޖޯއި ކުރާކަށް ނޫން. އަހަރެން ހުރީ އަހަރެންގެ ވަޒީފާ އަދާކުރަން. ހަމަ އެގޮތަށް ޝަކީލް ވެސް އޭނާގެ ވަޒީފާ އެ އަދާކުރަނީ."

ބައްޕަގެ ކޯޗުކަމުގައި ކުޅުނު ބައެއް ކުޅުންތެރިން

ކްރައިފް (ވ) އާއި އޭނާގެ ދަރިފުޅު ޖޯޑީ އާއެކު ބާސާގައި

ވެން ޕާސީ އަކީ، ދަރިފުޅުގެ ސީނިއާ ކެރިއަރު ފަށައިދިން ހަމައެކަނި ކޯޗެއް ނޫނެވެ. ބާސެލޯނާ އަށް ކުޅުނު ނެދަލެންޑްސްގެ ލެޖެންޑް ޔޯހާން ކްރައިފް ވަނީ އޭނާގެ ކޯޗުކަމުގައި ދަރިފުޅު ޖޯޑީ އަށް ކުޅެން ފުރުސަތު ދީފަ އެވެ. އޭރު 1996 ގައި ދެ ބަފައިން ކްލަބް ދޫކޮށްލީ ވެސް އެކުގަ އެވެ.

ހެރީ ރެޑްނެޕް އޭނާގެ ދަރިފުޅު ޖެމީ (ވ) އާއެކު ބޯންމަތުގައި.--

ނުވަދިހައިގެ އަހަރުތަކުގައި ލިވަޕޫލަށް ކުޅެ، މިހާރު ފުޓްބޯޅަ އެނަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރާ ޖެމީ ރެޑްނެޕް، ލިވަޕޫލަށް ބަދަލުވުމުގެ ކުރިން އުމުރުން 16 އަހަރުގައި އޭނާގެ ސީނިއާ ކެރިއަރު ފެށީ، ބޯންމަތުގައި އޭނާގެ ބައްޕަ، އިނގިރޭސި ޕްރިމިއާ ލީގުގެ ކުރީގެ މަގުބޫލު ކޯޗު ހެރީ ރެޑްނެޕްގެ އިރުޝާދުގެ ދަށުންނެވެ. އަދި އަނިޔާގެ ސަބަބުން އޭނާ 2005 ގައި ރިޓަޔާ ކުރީ ބައްޕަގެ އިރުޝާދުގެ ދަށުން ޕްރިމިއާ ލީގުގައި ސައުތެމްޓަނަށް ކުޅެމުންނެވެ.

ޒިދާން އާއި އޭނާގެ ދަރިން؛ ލޫކާ (ކ) އަދި އެންޒޯ (ވ).--

ފްރާންސްގެ ލެޖެންޑް ޒައިނުއްދީން ޒިދާން ވަނީ ރެއާލް މެޑްރިޑްގެ ކޯޗުކަމުގައި އޭނާގެ ދެ ދަރިން ކަމަށްވާ މިޑްފީލްޑަރު އެންޒޯ ޒިދާން އާއި ގޯލްކީޕަރު ލޫކާ ޒިދާން ކުޅެން ނެރެފަ އެވެ. އެންޒޯ ވަނީ 2023 ވަނަ އަހަރު އުމުރުން 29 އަހަރުގައި ކުޅުން ހުއްޓާލައިފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް ފާގަސަން އޭނާގެ ދަރިފުޅު ޑެރެން އާއެކު.--

މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް ސާ އެލެކްސް ފާގަސަންގެ އެއްމާބަނޑު ދެ ކުދިންގެ ތެރެއިން ޑެރެން ފާގަސަން ސީނިއާ ކެރިއަރު ފެށީ ޔުނައިޓެޑްގަ އެވެ. ނަވާރަސަތޭކަ ނުވަދިހަ ވަނަ އަހަރު ސީނިއާ ކެރިއަރު ފަށައި، ޑެރަން ވަނީ ޔުނައިޓެޑާ އެކު 1992/1993 ގެ ޕްރިމިއާ ލީގު ކާމިޔާބު ކުރުމަށް ފަހު ވުލްވްސް އަށް ބަދަލުވެފަ އެވެ. މިދިޔަ މަހުގެ ފަހުކޮޅު އިނގިރޭސި ލީގް ވަންގެ ޕީޓަބޯރޯގެ ކޯޗުކަމުން އޭނާ ވަނީ ވަކިކޮށްފަ އެވެ.

ޑިއޭގޯ ސިމިއޯނީ (ވ) އޭނާގެ ދަރިފުޅު ގުއިލިއާނޯ ކުޅެން އެރުވުމުގެ ކުރިން.--

އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީގެ ތިން ފިރިހެން ކުދިންނަކީ ވެސް ފުޓްބޯޅަ ކުޅުންތެރިންނެވެ. ދޮށީ ދެ ކުދިންނާ ހިލާފަށް އެންމެ ހަގު ދަރިފުޅު، މިހާރު އުމުރުން 22 އަހަރުގެ ފޯވާޑް ގުއިލިއާނޯ ސިމިއޯނީ 2022 ވަނަ އަހަރު ސީނިއާ ކެރިއަރު ފެށީ ސިމިއޯނީގެ އިރުޝާދުގެ ދަށުންނެވެ.

ބްލިންޑް އަދި އޭނާގެ ބައްޕަ ޑެނީ (ވ)، ނެދަލެންޑްސް ގައުމީ ޓީމާ އެކު

ޔުނައިޓެޑަށް ކުރިން ކުޅުނު ނެދަލެންޑްސްގެ ޑެލީ ބްލިންޑް ވަނީ އޭނާގެ ބައްޕަ ޑެނީ ބްލިންޑްގެ ކޯޗުކަމުގައި 2015 އިން 2017 އަށް ނެދަލެންޑްސްގެ ގައުމީ ޓީމަށް ކުޅެފަ އެވެ.

މަލްޑިނީ އާއި ބައްޕަ ސެޒާ (ވ)، އިޓަލީ ގައުމީ ޓީމާ އެކު

މީގެ އިތުރުން އޭސީ މިލާނަށް ކުޅުނު އިޓަލީގެ ލެޖެންޑަރީ ޑިފެންޑަރު ޕައުލޯ މަލްޑިނީ ވަނީ 1996 އިން 1998 އަށް އޭނާގެ ބައްޕަ ސެޒާ މަލްޑިނީގެ ކޯޗުކަމުގައި ކުޅެފަ އެވެ. ފީފާ ވޯލްޑް ކަޕް 1998 ގައި ސެޒާގެ އިރުޝާދުގެ ދަށުން ކުޅުނު އިޓަލީގެ ކެޕްޓަނަކީ ވެސް ޕައުލޯ އެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮން ހަސަނު

29 November 2025

ޝަކީލް ތީ މުސްލިމެއްބާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454