ޚަބަރު / ހިލްޓަން ހޮޓަލްސް

ހިލްޓަނަށް ބަދަލު ދޭން އާބިޓްރޭޝަނުން އެންގި އެންގުން ތަންފީޒެއް ނުކުރެވޭނެ: ސަން ޓްރެވަލްސް

އިރުފުށި ރިސޯޓް: އެތަން ހިންގުމުގެ އެއްބަސްވުން އުވާލި މައްސަލާގައި ހިލްޓަނަށް 24 މިލިއަން ޑޮލަރު ދައްކަން ސިންގަޕޫރު އާބިޓްރޭޝަނުން ވަނީ ސަން ޓްރެވަލްސަށް އަންގާފައި --ފޮޓޯ/އިރުފުށި ރިސޯޓް

ނ. އިރުފުށި ރިސޯޓް ހިންގަން ހިލްޓަން އިންޓަނޭޝަނަލާ އެކު ހެދި އެއްބަސްވުން އުވާލި މައްސަލާގައި ހިލްޓަނަށް 24 މިލިއަން ޑޮލަރު ދޭން ސަން ޓްރެވަލްސް އެންޑް ޓުއާސްގެ މައްޗަށް ސިންގަޕޫރު އާބިޓްރޭޝަނުން އެންގި އެންގުމަކީ ތަންފީޒު ނުކުރެވޭނެ ބާތިލް އެންގުމެއް ކަމަށް ސަން ޓްރެވަލްސް އިން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްގެ ސަން ޓްރެވަލްސް ކުންފުނިން އެގޮތަށް ބުނީ އިރުފުށި ރިސޯޓް ހިންގަން ހިލްޓަނާ އެކު ހެދި އެއްބަސްވުން 2013 ގައި އުވާލި މައްސަލާގައި ހިލްޓަނަށް ލިބުނު ގެއްލުމަށް ދޭން ޖެހޭ ކަމަށް އާބިޓްރޭޝަނުން ނިންމި ބަދަލު ތަންފީޒު ކުރުމުގެ މައްސަލަ ސިވިލް ކޯޓަށް ބެލޭނެ ކަމަށް ކަނޑައަޅައިދޭން އެދި ހިލްޓަނުން ހުށަހެޅި މައްސަލާގަ އެވެ. އެ ނިންމުން ތަންފީޒު ކުރަން ހިލްޓަނުން ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމީ އެ ނިންމުން ތަންފީޒު ކުރެވޭނީ ހައި ކޯޓަށް ކަމަށެވެ.

އާބިޓްރޭޝަންގެ ގާނޫނު އޮންނަ ގޮތުން އާބިޓްރޭޝަންގެ ނިންމުންތައް ތަންފީޒު ކުރެވޭނީ ސިވިލް ކޯޓަށް ކަމަށް ހިލްޓަނުން ހައި ކޯޓުގައި ފާހަގަކުރާ ނުކުތާ އަށް ސަން ޓްރެވަލްސް އިން ވެސް އެއްބަސްވި އެވެ. އެކަމަކު ހިލްޓަންގެ މައްސަލާގައި އާބިޓްރޭޝަނުން ނިންމި ނިންމުމަކީ ތަންފީޒު ނުކުރެވޭނެ ނިންމުމެއް ކަމަށް ސަން ޓްރެވަލްސް އިން ބުންޏެވެ.

ހައި ކޯޓުގައި ވާހަކަ ދައްކަވަމުން ސަން ޓްރެވަލްސްގެ ވަކީލް އަހުމަދު މުއިއްޒު ވިދާޅުވީ ސިންގަޕޫރު އާބިޓްރޭޝަންގެ އެ ނިންމުމަކީ ރާއްޖޭގެ އާންމު ނިޒާމާ ޚިލާފް ބާތިލް ނިންމުމެއް ކަމަށާއި އެ ނިންމުން ތަންފީޒު ނުކުރެވޭނެ ކަމަށެވެ.

މުއިއްޒު އެހެން ވިދާޅުވުމުން، ހިލްޓަންގެ ވަކީލް ޝަހުދީ އަންވަރު ވިދާޅުވީ އާބިޓްރޭޝަންގެ ނިންމުން ގަބޫލު ނުކުރާ ނަމަ އެ މައްސަލަ ތިން މަސް ތެރޭގައި ހައި ކޯޓަށް ހުށަހަޅަން ގާނޫނު ލާޒިމްކުރާ ކަމަށެވެ. އެކަމަކު ސަން ޓްރެވަލްސް އިން އެކަން ކޮށްފައިނުވާ ކަމަށާއި އެހެންވެ، މިހާރު އެ ނިންމުން ގަބޫލުނުކުރާ ކަމަށް ބުނެ ސަން ޓްރެވަލްސް އަށް އެ ވާހަކަ ދެއްކޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ޝަހުދީ ވިދާޅުވި އެވެ.

އެ ވާހަކައަށް ރައްދު ދެއްވައި، މުއިއްޒު ވިދާޅުވީ އާބިޓްރޭޝަންގެ ނިންމުން ގަބޫލުނުކުރާ ނަމަ އެއަށް ޗެލެންޖް ކުރުމުގެ ފުރުސަތު ދެ ގޮތަކަށް އޮންނަ ކަމަށެވެ. އެއް ގޮތަކީ، އޭނާ ވިދާޅުވި ގޮތުގައި، ވަކި މައްސަލައެއްގެ ގޮތުގައި ކޯޓަށް ހުށަހެޅުމެވެ. ދެވަނަ ގޮތަކީ އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރަން ހުށަހެޅުމުން އެ މަރުހަލާގައި އެއަށް ޗެލެންޖް ކުރުން ކަމަށް ވެސް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ސިވިލް ކޯޓުގައި އެކަމަށް ޗެލެންޖް ކޮށްފައިވާނެ ކަމަށާއި ނަމަވެސް އޭގެ ތަފްސީލަށް މިވަގުތު ދާން ބޭނުންނުވާ ކަމަށެވެ.

މީގެ އިތުރުން ހިލްޓަނާ އެކު ހެދި އެއްބަސްވުމަކީ ބާތިލް އެއްބަސްވުމެއް ކަމަށް މިދިޔަ ފެބްރުއަރީ މަހު ސިވިލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭނާ އިޝާރާތް އެ ކުރެއްވީ ސަން ޓްރެވަލްސް އަށް 16 މިލިއަން ޑޮލަރު ދައްކަން ހިލްޓަންގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމަށެވެ.

އެ ވާހަކައާ ގުޅިގެން ޝަހުދީ ވިދާޅުވީ ސިވިލް ކޯޓުގެ އެ ހުކުމް ހިލްޓަނުން ގަބޫލުނުކުރާ ކަމަށެވެ. އެހެންވެ އެ މައްސަލަ މިހާރު އެ ކުންފުނިން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޝަހުދީ ވިދާޅުވި ގޮތުގައި މިހާރު ހައި ކޯޓުގައި ހިނގަމުންދާ މައްސަލައަކީ އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރުމުގެ މައްސަލަ ސިވިލް ކޯޓަށް ބެލޭނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ މައްސަލަ އެވެ. އަދި އެ މައްސަލަ ސިވިލް ކޯޓަށް ބެލޭނެ ކަމަށް ސަން ޓްރެވަލްސް އިން ވެސް އެއްބަސްވާ ކަން ޝަހުދީ ފާހަގަކުރެއްވި އެވެ.

ޝަހުދީ ވިދާޅުވީ އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރަން މަސައްކަތް ކުރާތާ ދޮޅު އަހަރުވެއްޖެ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ސިވިލް ކޯޓަށް ބެލޭނެ ކަމަށް ނިންމައިދޭން އޭނާ އެދިވަޑައިގަތެވެ.

އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރު ބައްލަވާ އެ މައްސަލާގެ މިއަދުގެ އަޑުއެހުން ނިންމާލީ ދެން އޮންނަ އަޑުއެހުމެއްގައި ހުކުމް ކުރައްވާނެކަން އިއުލާން ކުރެއްވުމަށް ފަހު އެވެ.

13 ކޮމެންޓް, 58 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 2%
icon angry icon angry 88%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮރި ބޯށި

18 April 2017

އިންވެސްޓަރުންނަށް ޔަގީންކަން އޮންނަން އެބަޖެހޭ މި ރާއްޖޭގެ ސަރުއީ ދާއިރާ އަކީ މިނިވަން ތަނެއްކަން.

The name is already taken The name is available. Register?

GAN Island

17 April 2017

ދިވެހި ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުން ލިބޭ ޒާތުގެ ކަންކަން ކުރާ މީހުންނާއި މެދު ހަރުކަށި ފިޔަވަޅު އަލަން ވަރަށް ޔާމީން އަބުދުލް ޤައްޔޫމް ގެ ސަރުކާރުން މަޖިލީހަށް ހުށަހަޅައި އެބޭފުޅާގެ ޕާޓީމެންބަރުން ފާސްކުރެއްވި ޤާނޫނުގެ ދަށުން މިކަމުގައި ކުށްވެރިވެފައިވާ ކުންފުންޏާއި މެދު ފިޔަވަޅު އަޅާންޖެހޭ. . . . . ހަމަ އެކަނި ފަތުރުވެރިކަމަށް ގެއްލުންވަނީ ރާއްޖޭގައި ކުރަނީ ހުދުމުޙުތާރު ވެރިކަމެއްކަމަށް ނުވަތަ ރާއްޖޭގެ ޤުދުރަތީ ރަށްތަށް ވިއްކާލާފައިވަނީ ދައުލަތުގެ ޤާނޫނު އަސާސީ އާއި ހިލާފަށް ކަމަށް ޔޯރަޕްގައި ވާހަކަ ދެއްކުމުންޏެއްނޫން. . . . ވިޔަފާރީގައި ހަދާ ވައުދުނާމާ އަށް ހުރުމަތްތެރިކޮށް ނުހިތުމާއި ، އެއްބަސްވުމަށް ބާރުލިބޭ ގޮތަށް ދެފަރާތުން އެއްބަސްވާ އާބިޓްރޭޝަން ކޯޓުން ނިންމާ ނިންމުމަށް އިހްތިރާމް ނުކުރުމާއި އަދި މަކަރާއި ހީލަތް އާންމުކޮށްލުމީ ވެސް ފަތުރެރިކަމަށް ހުރަސް އެޅުމުގެ ގޮތުން ކުރެވޭނެ ކަންކަން.

The name is already taken The name is available. Register?

ހައިހޫނު

17 April 2017

އެހެން ކިހިނެރްވާނި ތަންފީޒު ވާން ޖެހޭނެ

The name is already taken The name is available. Register?

އަލީ

17 April 2017

އާބިޓްރޭޝަންގެ ނިންމުން ގަބޫލުކުރާނެ ކަމަށް އެގްރީމެންޓުގައި ލިޔެ ސޮއިކުރީ ކީއްވެގެންތޯ؟ ދެން އެހެންވިއްޔާ ތިޔަށް ކިޔާނީ މަކަރާއި ހީލަތް ހަދާ އޮޅުވާލުން؟؟

The name is already taken The name is available. Register?

އަލިފުތާ

17 April 2017

އަލީ އެބުނީ ރަގަޅު ވާހަކައެއް. ކޮންޓްރެކްޓްގައި އޮތް ކަމަށް ލަަފާކުރެވެނީ މައްސަލައެއް އުފެދިއްޖެނަމަ އާބިޓްރޭޝަން އަށްދާން. އަދި އާބިޓްރޭޝަން އޮންނާނީ ސިންގަޕޫރުގައޭ. އަދި ހީވެސް ވަނީ މި ކޮންޓްރެކްޓްގެ ކަންތަކުން ޝަރީއަތަށް ދާންޖެހިއްޖެނަމަ ދާންޖެހޭނީ ސިންގަޕޫރުގެ ކޯޓަކަށޭ. މިސާލެއް ޖީއެމްއާރުގެ މައްސަަލަ. ސަންޓްރެވަލްސް އިން މިހަދާކަމަކުން ފަތުރުވެރިކަމަށް އިންވެސްޓްކުރުމަށް ބުރޫ ނާރައިފިއްޔާމު ވަރަށްވެސް ރަގަޅު

The name is already taken The name is available. Register?

ނޫނީ

17 April 2017

އެމީހުންގެ ތޮބީއަތާ އެއްގޮތަށް އަމަލުކުރުން.

The name is already taken The name is available. Register?

ދޫނި ރާއްޖެ

17 April 2017

ފަނޑިޔާރުގޭގެ ހާލަތު މިއިން އެނގޭނެ. ދެން އަނެއްކާ އިތުރު ޓްރެންޑެއް އުފަންވަނީހެން ހީވަނީ.

The name is already taken The name is available. Register?

ޤުއްޓޭ

17 April 2017

ކޮންމެ ކޯޓަކަށް ތި މައްސަލަ ލިޔަސް ތި ފައިސާ އެވެރިން ހޯދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް. މީގެ ކުރިންވެސް ހަމަ ބަޔަކު ބުނި އެއަރޕޯޓް މައްސަލާގައި ޖީ އެމް އާރ އަށް ފައިސާ ދޭކަށް ނުޖެހޭނެޔޭ. ކަންތައް ނިމިގެން ދިޔައީ އެހެންތޯ! ބަލަ ބޭރުމީހުންގެ އިންވެސްޓްމަންޓް އެއް ދުނިޔޭގެ ހުރިހާ ކޯޓުތަކުންވެސް ހިމާޔަތް ހޯދާދޭން. ދިވެހިން މިހާރު ވަރަށް ރަގަލަށް ބޭރުމީހުން ދަސްކޮއްފި. އެވެރިން މިހާރު ބިރުގަނޭ މި ރާއްޖޭގައި ބޮޑެތި ބޮޑެތި އިންވެސްޓް ކުރަން.

The name is already taken The name is available. Register?

ޚިޔާލް123

17 April 2017

ތިޔަހުކުމްތަށް މިވަގުތު މާހައުލު އޮތްގޮތުން ނިމޭނީ ސަންޓްރަވަލްގެ ކޮޅަށްް ކަމަށް ބޮޑައްލަފައި ކުރެވެނީ

The name is already taken The name is available. Register?

ކުޑަދޫއަހްމަދު

17 April 2017

ހިލްޓަންގެ މައްސަލައަކީ އެންމެންނަށްވެސް އިނގޭ މައްސަލައެއް! ހިލްޓަން އާއެކު ދިވެހި ކުންފުންޏަކުން ވަރަށް ޒަމާނުއްސުރެ އެބަ މަސައްކަތްކުރޭ! ކްރައުން ކުންފުނިން އެދަނީ ރަންގަލި ހިންގަމުން ހިލްޓަން ކުންފުންޏާއި ގުޅިގެން. އެއްވެސް މައްސަލައެއް ނުޖެހޭ! ނަމަވެސް ކުއްލިއަކަށް، ސަންޓްރަވެލްގެ އަމަލުތަކުގެ ސަބަބުން، ދުނިޔޭގެ ބޮޑު ހޮޓެލް ޗެއިން އަކުން ދިވެހިރާއްޖެ ބޯއިކޮޓް ކުރާ ދަރަޖައަށް ދިޔައީމާ ދިވެހިރާއްޖެގެ ފަތުރުވެރިކަން ހަލާކުވެގެންދަނީ. ދިވެހިރާއްޖޭގެ ބޭރުގެ އިންވެސްޓަރުންނަށް ހިމާޔަތްނެތް ކަން ހާމަވަނީ. ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކުރަންޖެހޭ ބޭރުގެ އިންވެސްޓަރުން ގެންނަންޏާއި. އެހެން ނޫނީ މިކަމެއްނުވާނެ! ފަތުރުވެރިކަން ހަލާކުވެގެންދާ ކަހަލަ ކަމެއްމިއީ. ސަންޓްރަވަލް އެބަޖެހޭ ހަގީގަތް ގަބޫލުކުރަން.

The name is already taken The name is available. Register?

modaf

17 April 2017

ތިމައްސަލައަށް އިންސާފެއް ލިބޭނީ މިހާރު މިއޮތް ސަރުކާރު ބަދަލުވި ދުވަހަކުން. އެދުވަހަކަށް މަޑުކޮއްލުމަށް ހިލްޓަންއަށް ދަންނަވާލަން.

The name is already taken The name is available. Register?

ސިންތިލީ ވޫމް

17 April 2017

މިހާޜު ތިޔަ ގޮތައްބުނެވިދާނެ އެކަމަކު ބާރުދާ ދުވަހަކުން ތިކަން އަބުރާ އިޔާދަ ވާނެ ކަން ސަން ސިޔާމައް އެގޭނެ ކަން ހަދާން ކުރާތި.

The name is already taken The name is available. Register?

އަލީ

17 April 2017

އެހެންވެތާ ތިމީސްމީހުން ކޮންމެ ގޮތެއް ހަދާފަވިޔަސް ރައްޔިތުންގެ ނުރުހުމުގަ ވިޔަސް ބާރުގަ ތިބެން އެވަރައް މަސައްކަތް ކުރަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454