ދިރާގުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ (ކ-2) ވާހަކަ ދައްކަވަނީ. ދިރާގުގެ އަހަރީ ޖަލްސާގައި ހިއްސާދާރުންނަށް ބަހަން ނިންމި އަދަދު ފާސް ކުރާނެ. - ފޮޓޯ: ދިރާގު
19 އެޕްރީލް 2017 - 17:32
ދިރާގުގެ އަހަރީ ޖަލްސާ މާދަމާ ރޭ ބާއްވަން ނިންމައިފި އެވެ.
އެ ކުންފުނިން މިއަދު ބުނި ގޮތުގައި އާޓް ގެލެރީގައި ބާއްވާ ޖަލްސާގައި، މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުތަކާއި މާލީ ހިސާބުތައް ފާސް ކުރުން އޮންނާނެ އެވެ. އަދި ދިރާގުގެ ބޯޑުން ހިއްސާދާރުންނަށް ބަހަން ނިންމި ރުފިޔާގެ އަދަދު ފާސް ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ދިރާގަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި ލިބުނު 1.1 ބިލިއަން ރުފިޔާ ބެހުމަށްޓަކައި ހިއްސާދާރުންނަށް ހުށަހެޅުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމައިފަ އެވެ. ދިރާގުގެ ބޯޑުގެ ނިންމުމާއެކު މި ފަހަރުގެ ބައްދަލުވުމުގައި ހިއްސާއަކަށް 14.3ރ. ބަހާނެ އެވެ.
މިއީ މިދިޔަ އަހަރު ހިއްސާދާރުންނަށް ބެހި އަދަދަށް ވުރެ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މެދު ތެރޭގައި ލިބުނު ފައިދާ އިން އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 5.92ރ. ބެހިއިރު، އަހަރުގެ ހާއްސަ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި 8.45ރ ހިއްސާދާރުންނަށް ވަނީ ބަހައިފަ އެވެ.
ދިރާގުން ބުނީ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި އަހަރީ އާންމު ޖަލްސާގައި ފާސްކުރާ ފައިދާ ބެހުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ މިދިޔަ އަހަރުގެ އާންމު ޖަލްސާ އަށް އިއުލާން ކުރާ "ބުކް ކޯލްޝާ ޑޭޓް" ގައި ކުންފުނީގެ ރަޖިސްޓްރީގައި ލިސްޓް ކޮށްފައިވާ ހިއްސާދާރުންނަށް ކަމަށެވެ.
ދިރާގުގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ޒަމާނީ ފެންވަރުގައި ހިދުމަތް ފޯރު ކޮށްދިނުމަށް 1.6 ބިލިއަން ރުފިޔާއާ ގާތަށް އިންވެސްޓް ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. ދިރާގުގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު ވަނީ ފަސް ލައްކަ އަށް އަރައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy