ވެޓެރަންސް ކަޕްގައި މިއަދު ނިއުގެ ކުޅުންތެރިއަކު ކައިރިން ވެލެންސިއާގެ އިސްމާއިލް މުހައްމަދު (އިއްސޭ) (ކ) ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު
16 ޖޫން 2016 - 22:04
ވެޓެރަންސް ކަޕްގައި މިއަދު ކުޅުނު މެޗުން ނިއު ރޭޑިއަންޓް 3-1 އިން ބަލިކޮށް ކްލަބް ވެލެންސިއާ ގްރޫޕް އެއް ވަނައިގެ ގޮތުގައި ދެ ވަނަ ބުރަށް ގޮސްފި އެވެ.
ވެލެންސިއާ އަށް ގްރޫޕްގެ އެއް ވަނަ ލިބުނީ ކުޅުނު ތިން މެޗުން ވެސް މޮޅުވެގެންނެވެ. މިއަދުގެ މެޗަށް ނުކުތްއިރު ވެސް އެ ޓީމަށް ވަނީ ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފަ އެވެ.
ޓާފް އެއް ނަންބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގައި ވެލެންސިއާގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކުރީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ނިހާން ނަސީރު އެވެ. އޭނާ އަކީ ކުރިން ނިއު އަށް ގިނަ ދުވަސްތަކެއް ވަންދެއް ކުޅުނު ފޯވާޑެކެވެ. ވެލެންސިއާގެ އަނެއް ލަނޑު ޖެހީ އިސްމާއިލް މުހައްމަދު (އިއްސޭ) އެވެ. ނިއުގެ ހަމައެކަނި ލަނޑު ކާމިޔާބުުކުރީ މުހައްމަދު ޒެނިތެވެ.
މެޗުގެ 15 ވަނަ މިނިޓްގައި ނިހާން ވެލެންސިއާ އަށް ލީޑު ނަގައިދިނީ އޭރިއާ ތެރެއިން ލިބުނު ބޯޅައެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެންނެވެ. މި ހާފްގައި ނަތީޖާ ހަމަހަމަކުރަން ނިއުގެ އަލީ ޝަމީމް (ކޮޔަރު އައްޔަ) އަށް ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް އޭނާ އަށް ބޭނުމެއް ނުކުރެވުނެވެ.
ދެ ވަނަ ހާފް ފެށިގެން ހަތަރު ވަނަ މިނިޓްގައި ވެލެންސިއާގެ ދެ ވަނަ ލަނޑު އިއްސޭ ކާމިޔާބުކުރީ ނިއުގެ ކީޕަރު އިއްސާގު އީސާ ކައިރިން ނައްޓާލުމަށް ފަހު އެވެ. އޭގެ އަށް މިނިޓް ފަހުން ނިހާން ވަނީ ވެލެންސިއާގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ.
މުހައްމަދު ނިޒާމް ދިން ބޯޅަ އަކުން ޒެނިތު ނިއުގެ ލަނޑު ކާމިޔާބުކުރީ މެޗު ނިމެން ފަސް މިނިޓަށް ވެފައި ހުއްޓަ އެވެ.
މުބާރާތުގައި މާދަމާ ހަވީރު ކުޅޭނީ ވިކްޓަރީ އާއި ބީޖީ ސްޕޯޓްސް އެވެ. މެޗު ފަށާނީ ހަވީރު 16:30 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy