ޝިފާޒް ރެޑްބުލް ރޭސް ނިންމަނީ.
16 މެއި 2017 - 11:50
އަހުމަދު ޝަރަފް ގާއިމްކޮށްފައިވާ ގައުމީ ހާފް މެރެތަން ދުވުމުގެ ރެކޯޑް ހަތް ސިކުންތުގެ ފަރަގަކުން ޝިފާޒް މުހައްމަދު މުގުރާލައިފި އެވެ.
މިދިޔަ އަހަރުގެ މޮރޮކޯގެ ނަޑޯ މެރެތަންގައި 1 ގަޑި 16:17 މިނެޓުން ރޭސް ނިންމައިގެން ޝަރަފް ހަދާފައިވާ ރެކޯޑް ޝިފާޒް މުގުރާލީ ނޭޕާލުގެ ބިރްގުންޖް ހާފް މެރެތަންގައި އޭޕްރިލް 22 ވަނަ ދުވަހު 1 ގަޑި 16:10 މިނެޓުން ދުވެގެންނެވެ. މި ރެކޯޑް މޯލްޑިވްސް އެތުލެޓިކްސް އިން ވަނީ މިއަދު ވެރިފައިކޮށްދީފަ އެވެ. ޝިފާޒް ރެކޯޑް މުގުރާލީ ނޭޕާލުގައި ތިން މަސް ދުވަހު ކުރިއަށްގެންދިޔަ ވަރުގަދަ ތަމްރީންތަކަށް ފަހު އެވެ.
ނަސީރު އިސްމާއިލް 1994 ވަނަ އަހަރު 1 ގަޑި 19:23 މިނެޓުން ހެދި ހާފް މެރެތަން ރެކޯޑް އެންމެ ފުރަތަމަ މުގުރާލީ 2014 ވަނަ އަހަރު ޕުކެޓް މެރެތަންގައި 1 ގަޑި 19:05 މިނެޓުން އަހުމަދު ރިޒާ އެވެ.
ނަސީރުގެ ރެކޯޑް ހެދިތާ 23 އަހަރުވީ އިރު ރާއްޖޭގެ އެތުލީޓުން މި ހޯދީ 3 މިނެޓު 13 ސިކުންތުގެ ކުރިއެރުމެކެވެ. ހާފް މެރެތަން އަކީ 21 ކިލޯމީޓަރު (މާލެ ވަށައި ނަމަ ހަތަރު ބުރު) ޖަހަން ޖެހޭ ރޭހެކެވެ.
ސިފައިންގޭގައި މަސައްކަތްކުރާ ޝިފާޒަކީ ދިގު ރާސްތާ މުބާރާތްތަކުގައި ގަވާއިދުން ބައިވެރިވަމުން އަންނަ ދުވުންތެރިއެކެވެ. އޭނާ ވަނީ ދިރާގު ރޯޑްރޭސް ވެސް މީގެ ކުރިން ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ރާއްޖޭގައި ބާއްވާ އެންމެ އުނދަގޫ އެއް ރޭސް ކަމަށްވާ ރެޑްބުލް ކެޗް ދަ ފެރީ ރޭސް 2015 ވަނަ އަހަރު ކާމިޔާބުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޫލޭ
16 May 2017
މަރުހަބާ ޝިފާޒް.. އޮލިމްޕިކް ކޮމިޓީގެ މަރޭމެން ޝަަރަފު ރާއްޖެއިން ބޭރުގައި ބަހައްޓައިގެން ދޭ ތަމްރީނުގެ ބޭނުމެއް ނެތެއްނު..
އިބްރާހިމް
16 May 2017
ޝިފާޒް ބޭރަށް ފޮނުވީވެސް ހަމަ މަރޭ އިނގޭތޯ