ކުޅިވަރު / މާލޭ ލީގް 2017

ނިއު އަތުން ލިބޭ ޕޮއިންޓަކީ ބޯނަހެއް: ސޮބާ

ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާ: މިރޭ މުހިއްމު މެޗެއްގައި ނިއުއާ ދެކޮޅަށް ނުކުންނާނެ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ވަގުތު އެސްޓީއޯ މާލޭ ލީގުގެ މަގާމުތައް އޮތްގޮތުން ނިއު ރޭޑިއަންޓް އަތުން ޕޮއިންޓެއް ލިބިއްޖެނަމަ އެއީ ލިބޭ ބޯނަހެއް ކަމަށް އެ ޓީމާ ދެކޮޅަށް މިރޭގެ މެޗުގައި ނުކުންނަ ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނެފި އެވެ.

ލީގުގެ އެއް ވަނައިގައި މި ވަގުތު މާޒިޔާ އޮތީ އަށް މެޗުން 21 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ނިއު އޮތީ އަށް މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އިއްޔެ ވެލެންސިއާ އަތުން ހޯދި މޮޅާ އެކު އޮތީ ޓީސީ އެވެ. ޓީސީ އާއި ހަތަރު ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް 14 ޕޮއިންޓް ލިބިފައިވާއިރު، މިރޭ ނިއު އަތުން ބަލިނުވެ ފަރުޖައްސާލައިފިނަމަ ގްރީން ސްޓްރީޓްސް އަށް ތިން ވަނަ ލިބޭނެ އެވެ.

މެޗުގެ ކުރިން ސޮބާ ބުނީ ނިއު އަތުން ޕޮއިންޓެއް ލިބިއްޖެނަމަ އެއީ މަގާމު ދަމަހައްޓައި ކުރިއަށްދާން ލިބޭ ހިތްވަރެއް ކަމަށެވެ.

"ބޭނުންވަނީ ގަދަ ހަތަރަަކަށް ވާދަކުރަން ގާތުގައި މިއޮތް ޓީމުތައް އަތުން ޕޮއިންޓެއް ނުގެއްލި ކުރިއަށްދާން. ނިއު އާއި މާޒިޔާ ގާތްގަނޑަކަށް 90 ޕަސެންޓް އެއޮތީ ގަދަ ހަތަރެއްގައި. ހަގީގަތުގައި ނިއު އަތުން ޕޮއިންޓެއް ލިބިއްޖިއްޔާ މިއީ ބޯނަހެއް. އަޅުގަނޑުމެން މަސައްކަތް ކުރާނީ މޮޅުވާން. ގޭމަކީ 50-50 އެއްޗެއް،" ސޮބާ ބުންޏެވެ.

ފުރަތަމަ ބުރުގައި ނިއު އަތުން ގްރީން ސްޓްރީޓްސް ބަލިވީ 2-1 އިންނެވެ. ސޮބާ ބުނީ އެ މެޗާ މިރޭ ކުޅޭ މެޗު މުޅިން ތަފާތު ކަމަށެވެ.

"ދެ ވަނަ ބުރު އުނދަގޫވާނެޔޭ ބުނިން. މާޒިޔާ އާއި ނިއު އަކީ ތަށްޓަށް ވާދަކުރާނެ ދެ ޓީމު. އެންމެ ފަހުން މެޗާ މި މެޗު ތަފާތު ވާނެ. އެންމެ ފަހުން މެޗުގައި ހެދުނު ގޯސްތައް މި މެޗުގައި ރަނގަޅުކުރަން ބޭނުން. އެކަން ކާމިޔާބު ކުރެވިއްޖެނަމަ ނިއު އަތުން މޮޅުވުމުގެ ފުރުސަތު އެބައޮތް،" ސޮބާ ބުންޏެވެ. "މަދުވެގެން ޕޮއިންޓެއް މި މެޗުން ބޭނުން. ބޭނުންވަނީ މެޗު ފަސޭހަ ނުކޮށްލައި ފަރުވާ ބަހައްޓައިގެން ކުޅެން."

ގްރީން ސްޓްރީޓްސްގައި ތިބި ގިނަ ކުޅުންތެރިންނަކީ ކުރިން ފުރަތަމަ ޑިވިޝަނުގައި ކުޅެފައިތިބި ކުޅުންތެރިންނެވެ. އެ ޓީމުގައި ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިން ނެތް ނަމަވެސް ލީގުގައި ނަތީޖާ ނެރުމުގައި އެ ޓީމުން އަންނަނީ ކުރިހޯދަމުންނެވެ. ސޮބާ ބުނީ އެ ޓީމުގައި ނަން މަޝްހޫރު ކުޅުންތެރިން ނެތް ނަމަވެސް މިހާތަަނަށް ފެނުނު ތަފާތަކީ ޓީމެއްގެ ގޮތުގައި ކުރާ ހިތްވަރު ކަމަށެވެ.

"ނަމަކުން ވާ ކަމެއް ނެތް. މެޖޯރިޓީ މީހުން ގަބޫލެއް ނުކުރޭ ކުރިން ދުވަހު ވިކްޓަރީ އަތުން މާޒިޔާ ބަލިވާނެ ކަމަށް. އެކަމަކު އެކަން ވެސް އެވީ. އަޅުގަނޑު ގަބޫލުކުރަނީ ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ކާމިޔާބު ކުރެވޭނެޔޭ. ކުޅުންތެރިންނަށް ވެސް މިދެނީ އެ ހިތްވަރު. އެ ގޮތަށް މަސައްކަތް ކޮށްފިނަމަ ޓާގެޓް ހާސިލްކުރެވޭނެ،" ސޮބާ ބުންޏެވެ.

ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅޭ ކޮންމެ ޓީމަކުން މިހާރު އެންމެ ޖެހިލުންވާ އެއް ކުޅުންތެރިއަކީ އެ ޓީމަށް ކުޅޭ ޔޫކްރޭންގެ މިޑްފީލްޑަރު ސޮބޮލް އިލިއާ އެވެ. އޭނާ ވަނީ މިހާތަަނަށް ހަ ލަނޑު ޖަހައިފަ އެވެ. ގްރީން ސްޓްރީޓްސް މިހާތަަނަށް ލީގުގައި ދެ މެޗުން ބަލިވެފައިވާއިރު، އެ ދެ މެޗުގައި ވެސް ކާޑު ހަމަވުމުގެ ސަބަބުން އިލިއާ ނުކުޅެ އެވެ.

"އިލިއާ ގެނައީ އަޅުގަނޑަށް ރަނގަޅު ލޯކަލް މިޑްފީލްޑަރެއް ނުލިބިގެން. ވަރަށް މަސައްކަތްކުރިން މެސީ (އީސަ) ގެންނަން. އެކަމަކު އޭނަ ނުލިބުނު. ޕްލޭ މޭކަރެއް ގެންނަން ވެގެން. ވީޑީއޯ ބަލައިގެން އިލިއާ ގެނައީ. އަނިޔާގައި ހުރެގެން މި ވަގުތު އެ ކުޅެނީ. ފިޓްނަސް ދަށްކޮށް އުޅެނީ އެކަމަކު މި މެޗުގައި ވެސް ފެންނާނެ،" ސޮބާ ބުންޏެވެ.

މިރޭގެ މެޗުގެ ކުރިން ނިއުގެ ކޯޗު ބެނާޑޯ ޓަވަރޭސް ބުނީ ސަސްޕެންޝަނުގައި ތިބި ކުޅުންތެރިންނުލައި ވެލެންސިއާ އަތުން މޮޅެއް ލިބުނު ނަމަވެސް މި މެޗު މުޅިން ތަފާތު ކަމަށެވެ.

ނިއުގެ ކޯޗު ޓަވަރޭސް: މެޗު ފަސޭހަނުކޮށްލާނެ ކަމަށް ވަނީ ބުނެފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ވެލެންސިއާ އަތުން އެ ކުޅުންތެރިންނާ ނުލައި މޮޅުވިޔަސް މިއީ ތަފާތު މެޗެއް. ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅެން މާ ބޮޑަށް އުނދަގޫވާނެ. ވަރަށް ރަނގަޅު ކުޅުންތެރިންނާ އެކު އޮތް ވަރުގަަދަ ޓިމެއް މިއީ. މި ޓީމުގައި އެބަހުރި ބިދޭސީ ފެންވަރު ރަނގަޅު ކުޅުންތެރިން. އެ ޓީމުގެ ނަންބަރު 10 (އިލިއާ) އަކީ ހިލޭ ޖެހުން ޕެނަލްޓީ ހެން ކާމިޔާބުކުރާ ކުޅުންތެރިއެއް،" ޓަވަރޭސް ބުންޏެވެ.

ގްރީން ސްޓްރީޓްސް ވަނީ މި ފަހަރު ލީގުގައި ކުޅުނު އަށް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެފަ އެވެ. އޭގެ ތެރޭގައި ވިކްޓަރީ، އީގަލްސް އަދި ޓީސީ އަތުން މޮޅުވި މެޗުތައް ހިމެނެ އެވެ. ޓަވަރޭސް ބުނީ ގްރީން ސްޓްރީޓްސް ލީގުގައި ތަފާތު ދައްކާނެކަން އޭނާ އަށް އެނގޭ ކަމަށެވެ.

"ގްރީން ސްޓްރީޓްސް ލީގުގައި އޮތް މަގާމަކުން އަހަރެން ހައިރާނެއް ނުވޭ. އެ ޓީމުގެ ކުޅުމަށް ބަލާއިރު އެ ތަފާތު ފެނޭ. އަހަރެން އަބަދުވެސް ބުނަން އަހަރެން އެ ޓީމު ދެކެނީ މިދިޔަ އަހަރު ދެ ވަނަ ޑިވިޝަންގައި ކުޅުނު ޓީމެއްގެ ގޮތުގައި ނޫނޭ،" ޓަވަރޭސް ބުންޏެވެ.

އޭނާ ބުނީ ސަސްޕެންޝަންގައި ތިބި ކުޅުންތެރިންނާ މެދު ނުވިސްނާ ކަމަށާއި މި މެޗަށް ވެސް ނެރޭނީ މޮޅުވެވޭ ފެންވަރުގެ ޓީމެއް ކަމަށެވެ.

"މެޗުގައި ނުކުޅެވޭ ކުޅުންތެރިންނަށް އަހަރެން ނުވިސްނަން. އަހަރެންނަށް މުހިއްމީ އެ ވަގުތެއްގައި އަރާ ކުޅުންތެރިން މަސައްކަތް ކޮށްގެން ޓީމު މޮޅުކޮށްދިނުން. މުހިއްމީ ނަންތަކެއް ވެސް ނޫން. ބޭނުންވަނީ ދަނޑު ބޭރުގައި ވާހަކަ މަދުކޮށް ދަނޑުމަތީގައި މޮޅަށް ކުޅެގެން މޮޅުވާން،" ޓަވަރޭސް ބުންޏެވެ.

އެންމެ ފަހުން ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ނިއު ލީޑުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރީ އަލީ ފާސިރު (ސެންޓޭ) އެވެ. ވެލެންސިއާ ކޮޅަަށް ނިއުއިން ޖެހި ހަމައެކަނި ލަނޑު ޖަހައި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ވެސް ސެންޓޭ އެވެ. ސެންޓޭ ރަނގަޅު ފޯމަކަށް އެޅުމަކީ ނިއު އަށް ލިބޭނެ ހިތްވަރެކެވެ.

"ސެންޓޭ އެކޭ ޓީމުގެ އެހެން ކުޅުންތެރިއެކޭ އަހަންނަށް ވަނީ އެއްވަރު. ތެދެއް އެންމެ ފަހުން މެޗުގައި ސެންޓޭ ވަރަށް މޮޅަށް ކުޅުނު. ލަނޑު ޖެހީމަ ކޮންމެ ކުޅުންތެރިއެއްގެ ވެސް ކޮންފިޑެންސް ރަނގަޅުވާނެ. އަހަންނަށް އެނގޭ ސެންޓޭގެ ފަރާތުން ލަނޑެއް ނުފެނުނަސް އޭނާ ޓީމަށް ކޮށްދޭ މަސައްކަތް. އެންމެ ގިނައިން އެހެން ކުޅުންތެރިން ލަނޑު ޖަހަން އެހީވެދީފައި ހުރީ ސެންޓޭ،" މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިއާއާ ބެހޭ ގޮތުން ޓަވަރޭސް ބުންޏެވެ.

ނިއު އިން ވަނީ އަލީ އަޝްފާގު (ދަގަނޑޭ) އާއި އިބްރާހިމް ފަޒީލް (އޮއްޕޮ) އެ ޓީމަށް ގެނެސްފަ އެވެ. މި ދެ ކުޅުންތެރިންނަށް އެންމެ އަވަހަށް ވެސް މެޗެއް ކުޅެވޭނީ ޖުލައި 14 ގައި ހުޅުވޭ ޓްރާންސްފާގަ އެވެ. ޓަވަރޭސް ބުނީ މި ދެ ކުޅުންތެރިން ގުޅުމަކީ ކްލަބަށް ލިބޭ ހިތްވަރެއް ކަމަށެވެ.

"އޮއްޕޮ އާއި އަޝްފާގު ޓީމާ ގުޅުމަކީ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް އަދި ކްލަބަށް ވެސް ލިބޭ ހިތްހަމަ ޖެހުމެއް. މިއީ ވަރަށް ތަޖުރިބާކާރު ދެ ކުޅުންތެރިން. މި ދެ ކުޅުންތެރިންގެ ފަރާތުން ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް ވަރަށް ފައިދާކުރާނެ،" ޓަވަރޭސް ބުންޏެވެ.

ނިއު އާއި ގްރީން ސްޓްރީޓްސް ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

7 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 25%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮމެންޓްސް

26 May 2017

ގްރީން ސްޓްރީޓްގެ ސަޕޯޓަރުން ދައްކާ ހިތްވަރާ ކުޅުންތެރިން ދައްކާ ހިތްވަރުން ކިތަންމެ އަގުބޮޑު ޓީމެއްވެސް ދުއްވާލެވޭނެ !! ގޯ ގްރީންގޯ

The name is already taken The name is available. Register?

ޖަމަލޭ

26 May 2017

ނިއުއާ އެންމެ ފަހުން ގުޅުނީ ފުޓްބޯޅައިގެ ގޮތުން ބަލާއިރު ދެކާފައިން. އެހެންވީމާ މުސްތަގުބަލް މާކަ އުޖާލާއެއް ނޫނޭ ބުނަން ޖެހެނީ. ގްރީން ސްޓްރީޓް ހޮޕް ހޮޕް.

The name is already taken The name is available. Register?

ޓޮޓީ

26 May 2017

ފީއެސްއެމުން ކުޅިވަރު ޗެނަލުހަދާފަ މެޗެއް ދައްކަނީއަކީ ނޫން. މޮޅުވާހަކަ ދައްކާނެ އަދިވެސް. ހިތާމަޔަކީ އެފްއޭއެމުން ވެސް މިކަންކަމާ ނޫޅޭތީ

The name is already taken The name is available. Register?

ާާއަލީ

26 May 2017

ނިއު މޮޅުވެއްޖެ ނަމަ ވަރަށް އުފާވާނެ.

The name is already taken The name is available. Register?

މަންމަ

26 May 2017

ސޮބާގެ ރާގު ވެސް ދެވަނަ ބުރަށް ދިޔައިރު މިއޮތީ ބަދަލު ވެފަ. ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކާމިޔާބު ލިބޭނެ.

The name is already taken The name is available. Register?

ކުކުޅު ކަތީބު

26 May 2017

ނިއުގެ ސަފޯޓަރުންގެ ޔޫނިއަށްނުގެ ވަރަށް ހަރަކާތްތެރި ޒުވާނެއް ކަމުގައިވާ ޒަހީން ތި ކުރަށްވާ ބުރަމަސައްކަތަށް ސަފޯޓަރެއްގެ ހައިސިއްޔަތުން އައްސަރިބަހާ ސުކުރުދައްނަވަށް. ސުކުރިއްޔާ ޒަހީން..

The name is already taken The name is available. Register?

މޯޑް

26 May 2017

ނިއު މޮޅުވާނެ އިރާދަކުރެއްވިންޔާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454