ސްލޮވާކިއާ ގޯލަށް އިންގްލެންޑުގެ ސްޓަރިޖް (މ) ހަމަލާއެއް ފޮނުވާލަނީ. --ފޮޓޯ: އޭއެފްޕީ
21 ޖޫން 2016 - 03:12
ސެއިން-އެޓިއެން، ފްރާންސް (ޖޫން 21) - ރަޝިއާ އަތުން 3-0 އިން މޮޅުވެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީ ގެ އެއް ވަނަ ޓީމުގެ ގޮތުގައި ވޭލްސް ދެ ވަނަ ބުރަށް ކޮލިފައިވި އިރު ސްލޮވާކިއާއާ 0-0 އިން އެއްވަރުވެ އިންގްލެންޑް ދެ ވަނަ ޓީމުގެ ގޮތުގައި އަނެއް ބުރުން ޖާގަ ހޯދައިފި އެވެ.
މި ނަތީޖާއާ އެކު، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާ ރަޝިއާ ވަނީ މުބާރާތުން ކަޓައިފަ އެވެ. ސަޕޯޓަރުންގެ ހަމަނުޖެހުމާ ހެދި މުބާރާތުން ވަކިކޮށްފާނެ ކަމުގެ ބިރާ ކުރިމަތިވެފައި އޮތް ރަޝިއާ ދިޔައީ އެއް ޕޮއިންޓާ އެކު ގްރޫޕުގެ ފުލަށެވެ.
ހަތަރު ޕޮއިންޓާ އެކު ތިން ވަނަ ހޯދި ސްލޮވާކިއާ އަށް އަދި ފުރުސަތެއް ނުގެއްލެ އެވެ. އެ ޓީމަށް އަނެއް ބުރަށް ދެވޭނީ ގްރޫޕްތަކުގެ ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ހަތަރު ޓީމުގެ ތެރޭ ހިމެނިއްޖެ ނަމަ އެވެ.
މިރޭ ސްލޮވާކިއާ އަތުން މޮޅުވެގެން އެއް ވަނަ ހޯދަން އިންގްލެންޑް ފުރުސަތު އޮތްއިރު ދެ ވަނަ އަށް ދިއުމުން ދެ ވަނަ ބުރުގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ގްރޫޕް އެފް ގެ ދެ ވަނަ ޓީމާ އެވެ. އެ ގްރޫޕުގައި ހިމެނެނީ ޕޯޗުގަލާއި އޮސްޓްރިއާ އާއި ހަންގޭރީ އަދި އައިސްލެންޑެވެ. ދެ ވަނަ ބުރުގައި ވޭލްސް ވާދަކުރަން ޖެހޭނީ އޭ، ބީ ނުވަތަ ސީ ގްރޫޕުގެ ތިން ވަނަ ޓީމާ އެވެ.
މިރޭގެ މެޗަށް އިންގްލެންޑް ނުކުތީ ހަ ބަދަލާ އެކު އެވެ. އާއްމުކޮށް ފުރަތަމަ 11 ގައި ހިމެނޭ ކެޕްޓަން ވޭން ރޫނީ އާއި ރަހީމް ސްޓާލިން އަދި ހެރީ ކޭން ނާރުވަ އެވެ. މިރޭގެ މެޗުގައި އިންގްލެންޑުގެ ފޯވާޑް ލައިން ބެލެހެއްޓީ ވޭލްސް އަތުން މޮޅުވި މެޗުގައި ލަނޑު ޖެހީ ޑެނިއަލް ސްޓަރިޖާއި ޖެމީ ވާޑީ އެވެ.
ވޭލްސްގެ ބޭލް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
މި މެޗުގައި އިންގްލެންޑުގެ ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތު ލިބުނީ ވާޑީ އާއި އެޑަމް ލަލާނާ އަދި ނެތަނިއަލް ކްލައިން އަށެވެ. ތިން ކުޅުންތެރިން އޭރިއާ ތެރެއިން ފޮނުވާލި ބާރު ތިން ހަމަލާ ވެސް ސްލޮވާކިއާ ގޯލްކީޕަރު މެޓުސް ކޮޒަސިޗް ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ.
އިންގްލެންޑުގެ ކޯޗު ރޯއީ ހޮޖްސަން ބުނީ އެއް ވަނަ ނުލިބުމުން ހިތްހަމަނުޖެހޭ ކަމަށާއި އެކަމަކު ދެ ވަނަ ޓީމުގެ ގޮތުގައި ވެސް ދެ ވަނަ ބުރަށް ދިއުމަކީ ކާމިޔާބެއް ކަމަށެވެ.
ފަހަކަށް އައިސް ކުރިއެރުން ހޯދަމުން އަންނަ ރަޝިއާ މި ފަހަރުގެ ޔޫރޯގައި ހޯދަމުން އަންނަ ދަށް ނަތީޖާތަކަށް މިރޭ ބޮޅެއް އިތުރުވި އިރު އެ ޓީމު ކޮޅަށް ވޭލްސް އިން ލަނޑު ޖެހީ އާރޮމް ރަމްސޭ އާއި ނީލް ޓޭލާ އަދި ބޭލް އެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ރެއާލް މެޑްރިޑުގެ ބޭލް ވަނީ ގްރޫޕް ސްޓޭޖުގައި ވޭލްސް ކުޅުނު ތިން މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy