ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް. --ފޮޓޯ:އޭއެފްޕީ
15 ޖޫން 2017 - 13:10
ދަ ހޭގު (ޖޫން 15) - ލީބިއާގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ ދެ ވަނަ ދަރިކަލުން ސައިފުލް އިސްލާމް ގައްޒާފީ ވަގުތުން ހައްޔަރު ކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ލީބިއާގެ ކަމާބެހޭ ފަރާތްތަކަށް އަންގައިފި އެވެ.
އައިސީސީ އިން މި އެންގުން އެންގިއިރު ސައިފުލް އިސްލާމް ވަނީ އަފޫއާއްމެއްގެ ދަށުން މިނިވަންކޮށްފަ އެވެ.
އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގަވާފައިވާ ކަމަށް ބުނެ ސައިފަކީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ހޯދަން ބޭނުންވެފައިވާ މީހެކެވެ. އިންސާނިއްޔަތާ ޚިލާފު އަމަލުތައް އޭނާ ހިންގަވާފައި ވަނީ ލީބިއާ ސަރުކާރާ ދެކޮޅަށް 2011 ވަނަ އަހަރު ހިންގި ހަރަކާތްތަކުގަ އެވެ.
"ސައިފުލް އިސްލާމް ހައްޔަރު ކުރަން ނެރުނު އަމުރު އަދިވެސް ދެމިއެބައޮތް. ލީބިއާ އިން ކޮންމެ ކަހަލަ އަފޫއާއްމެއް ދިން ނަމަވެސް އޭނާ އައިސީސީއާ ހަވާލު ކުރަން ޖެހޭ،" އައިސީސީގެ ޕްރޮސެކިއުޓާ ފަތޯއޫ ބެންސޫދާ ވިދާޅުވި އެވެ.
ލީބިއާގައި 2011 ވަނަ އަހަރު ކުރި މުޒާހަރާތަކުގައި ހިންގި މަރުގެ ހާދިސާތަކާ ގުޅިގެން ސައިފް އިސްލާމުގެ މައްޗަށް އެ ގައުމުގެ ކޯޓަކުން ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ.
ގައްޒާފީ އަށް ފަހު ވެރިކަމަށް ވަޑައިގަންނަވާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު ސައިފް ވޭތުވެދިޔަ ހަ އަހަރެއްހާ ދުވަހު ހިފަހައްޓާފައި ވަނީ ޒިންޓާން ޓައުނުގައި ހަނގުރާމަވެރި ޖަމާއަތަކުންނެވެ. އަބޫބަކްރު އަލް ސިއްދީގު ބެޓެލިއަން އިން ބުނީ ހުކުރު ދުވަހު ސައިފް މިނިވަންކޮށްފައިވާ ކަމަށެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ސައިފް މިހާރު ހުންނެވީ އިރުމަތީގެ ބޭދާ ސިޓީގަ އެވެ.
ސައިފް ހިފެހެއްޓި ޖަމާއަތުން ބުނެފައި ވަނީ އޭނާ މިނިވަން ކުރީ ލީބިއާގެ "ވަގުތީ ސަރުކާރުގެ" އެދުމުގެ މަތިން ކަމަށެވެ. ލީބިއާގެ އިރުމަތީގައި ގާއިމްކޮށްފައިވާ ސަރުކާރުން ވެސް ސައިފަށް ވަނީ މައާފް ދީފަ އެވެ. ނަމަވެސް ލީބިއާގެ ހުޅަނގުގައި ގާއިމްކޮށްފައިވާ ސަރުކާރުން ވަނީ ސައިފްގެ ޣައިރު ހާޒިރުގައި އޭނާ އަށް މަރުގެ ހުކުމް އިއްވައިފަ އެވެ.
ސައިފް ދޫކޮށްލި ކަމަށް މީގެ ކުރިން ހާމަކުރި ރިޕޯޓްތައް ފަހުން ވަނީ ދޮގުކޮށްފަ އެވެ.
ސައިފް ހައްޔަރުކުރީ ނޮވެމްބަރު 2011 ގައި ނައިޖަރަށް ވަޑައިގަންނަވަނިކޮށް ސަހަރާގެ ތެރޭންނެވެ. އަދި ފަހުން ވަނީ އޭނާގެ އިނގިލިތައް ބުރިކޮށްލާފައި ވަނިކޮށް ފެނިފަ އެވެ. އޭނާ ހައްޔަރުކުރީ ގައްޒާފީގެ ވެރިކަން ވެއްޓުނު ފަހުން ފިއްލަވައިގެން އުޅުއްވާތާ ތިން މަސް ފަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސސ
15 June 2017
ނޫސްތަކުން އެއްދުވަހު މީނާ ދޫކުރާނެ އަނެއްދުވަހު ނޫސްތަކުން މީނާ ހައްޔަރު ކުރާން ކޯޓް އަމުރު ނެރޭނެ!
ޟުހާޓޯ
15 June 2017
ސައިފަށް ތިހެން ނުހަދާ.
ނޫންނޫން
15 June 2017
ގައްޒާފީގެ ދަރިކަލުން ވަގުތުން ހައްޔަރުކުރަން އައިސީސީން އަންގައިފި ނަމަވެސް މަމެން އައިސީސީގެ އަމުރަށް ތަބާ ނުވާނަމެވެ. އައިސީސީ އަކީ އެއީ ގަނެލެވޭ ތަނެއް ވަރަށް ފަސޭހައިން. އެއީ ޔޫއެން ގޮތަށް ވަރަށް ކޮރަޕްޓް އިންޑިއަނުން އަދި ބޭރޫތް އާމާލް ފަދަ ކޮރަޕްޓް އެއްޗެހި ތައް އުޅޭ ތަނެކެވެ. އެއްގޮތަކަށް ވެސް ގައްޒާފީގެ ދަރިފުޅު ހައްޔަރު ކުރަން އައިސީސީން އެންގިނަމަވެސް އެކަން ކޮށްގެން ނުވާނެއެވެ، ގަތަރުގައި ތިބި ހަމާސް ގެ ލީޑަރުން ހައްޔަރު ކުރަން އައިސީސީ އަށް އަމުރު ނުނެރެވެނީ އެއީ ކީއްވެގެންތޭ. ޔޫ ނެވަރ ނޯ އެނީތިންގް.