17 ޖޫން 2017 - 11:10
މޮރިޝަސްގައި ކުރިއަށްދާ މޮރިޝަސް ބެޑްމިންޓަން ސީރީސްގައި ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުން ތިން އިވެންޓެއްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ވިމެންސް ސިންގަލްސް ކުއާޓާ ފައިނަލުން ޖާގަ ހޯދާފައިވަނީ ފާތިމަތު ނަބާހާ އެވެ. ވިމެން ޑަބަލްސް އިން ޖާގަ ހޯދި ދެ ޕެއާއަކީ ދެބެން ކަމަށްވާ ނަބާހާ އާއި އައިމިނަތު ނަބީހާގެ ޕެއާ އާއި މައިސާ ފަތުހުﷲ އާއި ނަފްހާ ނަސްރުﷲ ގެ ޕެއާ އެވެ. މިކްސް ޑަބަލްސް އިން ރާއްޖޭގެ ތިން ޕެއާ އަކު ވަނީ ކުއާޓާގެ ޖާގަ ހޯދައިފަ އެވެ. އެއީ އަޖުފާން ރަޝީދާއި ނީލާ ނަޖީބުގެ ޕެއާ އާއި ނިބާލް އަހުމަދާއި މައިސާގެ ޕެއާގެ އިތުރުން ޒަޔާން ޒަކީ އާއި ނަބާހާގެ ޕެއާ އެވެ.
މި ކުޅުންތެރިން ކުއާޓާ އިން ޖާގަ ހޯދީ އިއްޔެ ކުޅުނު މެޗުތައް ކާމިޔާބުކޮށްގެންނެވެ. އެހެން އިވެންޓުތަކުން ވާދަކޮށްގެން ކުރިއަށްދެވޭ ގޮތެއްނުވި އެވެ.
ފިރިހެން ސިންގްލަސްގައި އަޖުފާން ވަނީ ކުޅުނު ފުރަތަމަ މެޗުން މޮރިޝަސްގެ ތިއެރީ ބެލެފެއު 21-19، 21-9 އިން ބަލިކޮށްފަ އެވެ. އެހެން ނަމަވެސް ދެ ވަނަ މެޗުން އޭނާ ވަނީ ހަތް ވަނަ އަށް ސީޑްކޮށްފައިވާ ލަގްޒެމްބާގްގެ ރޮބަޓް މަން އަތުން ބަލިވެފަ އެވެ. ފުރަތަމަ ސެޓު އަޖުފާން 21-18 އިން ގެންދިޔަ ނަމަވެސް މަން ވަނީ ދެ ކުޅުނު ދެ ސެޓު 10-21، އަދި 6-21 އިން ގެންގޮސް މެޗުން މޮޅުވެފަ އެވެ.
އުއްމީދީ ކުޅުންތެރިއާ ނިބާލް ފިރިހެން ސިންގަލްސްގައި ކުޅުނު ފުރަތަމަ މެޗުން ވަނީ 27-25، 21-13 އިން މޮރިޝަސްގެ ހުޒައިރު އަސްރާފް ބަލިކޮށްފަ އެވެ. އެހެން ނަމަވެސް ދެ ވަނަ މެޗުން މި މުބާރާތުގައި ދެ ވަނަ އަށް ސީޑްކޮށްފައިވާ އިޓަލީގެ ރޮޒާރިއޯ މަލްޑޯނީ އަތުން ބަލިވެ ނިބާލް އަށް ކުރިއަށް ދިއުމުގެ ފުރުސަތު ބަންދުވީ އެވެ. ދުނިޔޭގެ ރޭންކިން 91 ވަނައިގައި އޮތް ރޮޒާރިއޯ އަތުން ނިބާލް ބަލިވީ 5-21، 9-21 އިންނެވެ. ރާއްޖޭގެ ޒަޔާން ވެސް ކެޓީ ރޮޒާރިއޯ އަތުންނެވެ.
އަންހެން ސިންގަލްސްގައި ރާއްޖޭގެ ނީލާ ބަލިވީ ޖާމަނީ ހަނާ ޕޯލްއާ ވާދަކޮށް 11-21، 18-21 އިންނެވެ. މި ބައިގައި ރާއްޖޭގެ އައިމިނަތު ޝަހުރުނާޒާއި ނަބާހާ، ނަފްހާ އަދި ނަބީހާ ކުޅުނު ފުރަތަމަ މެޗުން ވަނީ މޮޅުވެފަ އެވެ. ނަބާާހާ މޮޅުވީ މޮރިޝަސްގެ ޝާނިއާ ލިއުން އަތުންނެވެ. އެ ގައުމުގެ ސެންޑިލާ މޯރަތު އަތުން ޝަހުރުނާޒް މޮޅުވިއިރު، ނަބީހާ ބަލިކުރީ ޖެމިމާ ލިއުގެވެ. އަދި ނަފްހާ ވަނީ ނައުޝީން ބަހެމިއާ ބަލިކޮށްފަ އެވެ.
ނަބާހާ ކުއާޓާ އިން ޖާގަ ހޯދީ ދެ ވަނަ މެޗުގައި ޝަހުރުނާޒްގެ މައްޗަށް 21-18، 21-14 އިން ކުރިހޯދައިގެންނެވެ. މި ބައިން ނަބީހާ ކެޓީ މޮރިޝަސްގެ ކޭޓް ފޫ އަތުން 10-21، 3-21 އިން ބަލިވެގެންނެވެ. އަދި މައިސާ ކެޓީ އިންޑިއާގެ ސިކާ ގޯތަމް އަތުން 11-21، 8-21 އިން ބަލިވުމުންނެވެ.
މިކްސް ޑަބަލްސް ބައިން ރާއްޖޭގެ އަރްސަލާން އަލީ އާއި ނަބީހާގެ ޕެއާ ބަލިވީ ކޭޓް ފޫ އާއި ޖޮނަތަން ޕާސަންގެ ޕެއާ އަތުން 14-21، 8-21 އިން ބަލިވުމުންނެވެ.
އަޖްފާން އާއި ނީލާގެ ޕެއާ ވަނީ އޮލިވިއޭ ހަރެލް އާއި މާތޭ ހުއިޗާޑްގެ މައްޗަށް 21-18، 16-21، 21-12 އިން ކުރިހޯދައިފަ އެވެ. ޒަޔާން އާއި ނަބާހާގެ ޕެއާ މޮޅުވީ ނެވިން ލުފޯ އާއި ނިކޮލަ ވަސެފޯގެ ޕެއާއާ ވާދަކޮށް 21-7، 21-2 އިންނެވެ. އަދި ނިބާލް އާއި މައިސާގެ ޕެއާ އިން ވަނީ 21-18، 18-21، 23-21 އިން ސަބެސްޓިއަން އަމެޑީ އާއި އިސަބެލެ ލައިޝެންގެ ޕެއާ ބަލިކޮށްފަ އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް އޮންނާނީ މިއަދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޯލްޑްފޭން
17 June 2017
ޤައުމީ ބެޑްމިންޓަން ޓީމު ތިޔަކުރާ ހިތްވަރަށް ސާބަސް. ޚާއްޞަކޮށް މުޅިން އަލަށް ޤައުމީ ޓީމުން ޖާގަހޯދި ޒުވާން ދެކުޅުންތެރިން ކަމަށްވާ ނިބާލް އަދި އަރުސަލާން އަށް ވަރަށް ބޮޑަށް މަރުޙަބާކިޔާ ކާމިޔާބީއަށް އެދެން. ބެޑްމިންޓަނުން ރަން މެޑެއްޔަކަށް އަމާޒު ހިފާފައިވާއިރު، ރާއްޖޭގެ ސީނިއަރ އަދި ކުރީގެ ބައެއް ކުޅުންތެރިން މިކަމުގައި އުޅޭތަން ނުފެނުމަކީ ހިތާމަހުރި ދެރަކަމެއް. ބެޑްމިންޓަނުގައި ވެސް ރަނގަޅުކުރަންޖެހޭ ބައިވަރު ކަންތައްތައް އެބަހުރި. އެކަމަކު އެކަންކަން ރަނގަޅުކުރެވޭނީ ބެޑްމިންޓަނުގެ މީހުން އެސޯސިއޭޝަނަށާއި ކުޅުންތެރިންނާއި ގުޅިގެން އެހީތެރިކަންދޭ މިންވަރަކުން. ބެޑްމިންޓަން ޓީމުން ވަރަށް ޒުވާން އުންމީދީ ކުޅުންތެރިން ފެނިގެންދިއުމަކީ އެންމެންވެސް އުފާކުރަންޖެހޭ އަދި އެކުދިންނަށް ހިތްވަރުދޭންޖެހޭ ކަމެއް.
އެކުވެނި ގާރޑް
17 June 2017
އަސްތާ ދަރިންނޭ އެންމެ ތަންފުކެއްވެސް ހިތްވަރު ދޫކޮށްނުލާތި! ބޭރުކަރައެއްގައި މިއޮއްފަދަ ރޯދަމަހު ޤައުމަށްޓަކައި މަގޭދަރިން ތިޔަކުރާ މަސައްކަތަށް އައްސަރިބަހާއި ސާބަސް.
ޔޮނެކްސް 2017
17 June 2017
ޤައުމީ ބެޑްމިންޓަން ޓީމު ތިޔަކުރާ ހިތްވަރަށް އައްސަރިބަހާއި ސާބަސް! ޒުވާން ކުޅުންތެރިޔާ ނިބާލްގެ ފަރާތުން މިމުބާރާތުގައިވެސް ފެނިގެން މިދަނީ އާދަޔާ ޚިލާފް ހިތްވަރެއް. ގޯ ނިބާލް.