ކޮލަމްބިއާގެ ސަންޓިއާގޯ އަރިއާސް (ކ) ކައިިރިން ޗިލީގެ އަލެކްސިސް ސަންޗޭޒް ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ
23 ޖޫން 2016 - 10:33
ޝިކާގޯ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 23) - ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ރޭ ކޮލަމްބިއާ އަތުން 2-0 އިން މޮޅުވެ، މުބާރާތުގެ ފައިނަލުގައި އާޖެންޓީނާއާ ވާދަކުރުމުގެ ފުރުސަތު ޗިލީ ހޯދައިފި އެވެ.
މިދިޔަ އަހަރު ޗިލީގައި އޮތް މުބާރާތް އެ ޓީމުން ކާމިޔާބުކުރީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ ބަލިކުރުމަށް ފަހު އެވެ.
ކުއާޓާ ފައިނަލުގައި މެކްސިކޯ ކޮޅަށް ހަތް ލަނޑު ޖެހުމަށް ފަހު ރޭ ކޮލަމްބިއާ ކޮޅަށް ޗިލީން ވަނީ ފުރަތަމަ އެގާރަ މިނިޓް ތެރޭގައި ދެ ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު މެޗުގެ ހަތް ވަނަ މިނިޓްގައި ކާމިޔާބުކުރީ ހުއަން އަރަންހުއީޒް އެވެ. އޭގެ ތިން މިނިޓް ފަހުން ދެ ވަނަ ލަނޑު ޖެހީ ހޯސޭ ޕެޑްރޯ ފުއެންޒަލީޑާ އެވެ.
މި މެޗުގެ ފުރަތަމަ ހާފަށް ފަހު، މޫސުން ގޯސްވުމުގެ ސަބަބުން މެޗުގެ ދެ ވަނަ ހާފްގެ ކުޅުން ލަސްކުރި އެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑު ތެރޭގައި ތާށިވެފައި ތިބިއިރު، ދެ ވަނަ ހާފްގެ ކުޅުން ފެށީ ދެ ގަޑިއިރަށް ފަހު އެވެ.
ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ކޮލަމްބިއާ އިން މެޗުގެ ތެރެއަށް އެނބުރި އައުމަށް ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެ ޓީމުގެ ކެޕްޓަން ޖޭމްސް ރޮޑްރިގޭޒްގެ ފަރާތުން މޮޅު ކުޅުމެއް މި ހާފްގައި ފެނުނެވެ.
މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހު އެވެ. އަދި ތިން ވަނަ ހޮވާ މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެސީ
23 June 2016
ހަމޭސް ނޮޓް ޖޭމްސް