ނިއުގެ ކޯޗު އޮސްކާ (ވ) އެ ޓީމުގެ މިދުހަތު އަށް ބުނެދެނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
05 ޖުލައި 2017 - 12:41
ސީޒަނުގައި ކުރިއަށް ހުރި މެޗުތަކުގައި ނިއު ރޭޑިއަންޓްގެ ފަރާތުން ތަފާތު ކުޅުމެއް ފެންނާނެ ކަމަށް އެ ޓީމުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.
އޮސްކާގެ ކޯޗުކަމުގައި ނިއު އިން ކުޅުނު ފުރަތަމަ މެޗުން އިއްޔެ ވަނީ 2-0 އިން ޔުނައިޓެޑް ވިކްޓަރީ އަތުން މޮޅުވެފަ އެވެ. އިއްޔެގެ މެޗުގައި ނިއުގެ ފަރާތުން ފެނުނު ކުޅުމާ މެދު ޖުމްލަކޮށް ހިތްހަމަ ޖެހޭ ކަމަށް އޮސްކާ ވަނީ ބުނެފަ އެވެ.
"ފުރަތަމަ މެޗުގައި ވެސް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ފެނިއްޖެ. ބޯޅަ ހިފަހައްޓައިގެން ކޮންމެވެސް ވަރަކަށް ކުޅުންތެރިން ކުޅުން މަސައްކަތްކުރި. ހަނދާން ނައްތާލައިގެން ނުވާނެ މިއީ އަހަރެން ހަވާލުވިތާ ހަތަރު ވަރަކަށް ދުވަސް ފަހުން ކުޅުނު މެޗެއްކަން،" ސްޕެއިނުގެ ދެ ވަނަ ޑިވިޝަނާއި އިންޑިއާ ލީގުގައި މަސައްކަތްކޮށްފައިވާ އޮސްކާ ބުންޏެވެ.
"މިއީ ކުރެވެމުންދާ މަސައްކަތްތަކެއްގެ ފެށުން. ކުރިއަށް އޮތްތާގައި ނިއު އިން އަހަރެން ބޭނުންވާ ތަފާތު ދައްކާނެ."
ނިއު އަށް މީ ސީޒަނުގެ ފުރަތަމަ 10 މެޗުގައި އިރުޝާދު ދިނީ ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭސް އެވެ. އޭނާގެ ކޯޗުކަމުގައި ނިއު އިން ހަތް މެޗުން މޮޅުވިއިރު، ތިން މެޗުން ވަނީ ބަލިވެފަ އެވެ. ނިއު އިން ސީޒަނަށް ނުކުތީ ހުރިހާ ތަށްޓަކަށް ޓާގެޓް ކޮށްގެންނެވެ.
އޮސްކާ އަކީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ނިއު އަށް އިރުޝާދުދޭނެ ދިހަ ވަނަ ކޯޗެވެ. އޮސްކާ ބުނީ ނިއު އަކީ ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބްގެ ގޮތުގައި ދަމަހައްޓަން ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
"އަހަރެން ބޭނުންވަނީ ހުރިހާ މެޗަކުން މޮޅުވާން. މެނޭޖްމަންޓުން އަހަރެން ގެނައިރު ވަރަށް ރަނގަޅަށް ކިޔައިދިން މާލޭ ލީގުގެ ހުރިހާ މެޗަކާއި ޕްރިމިއާ ލީގުގެ ހުރިހާ މެޗަކުން މޮޅުވާން ޖެހޭނެކަމަށް. ބޭނުމީ ނިއު އަކީ އެންމެ ކާމިޔާބު ކްލަބުގެ ގޮތުގައި އެ މަގާމު ދަމަހައްޓަން،" އޭނާ ބުންޏެވެ.
އިއްޔެގެ މޮޅާ އެކު ނިއު ވަނީ ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާއާ ޕޮއިންޓަކަށް ގާތަށް ޖެހިލައިފަ އެވެ. އަދި ގަދަ ހަތަރެއް ކަށަވަރުކޮށް ޕްރިމިއާ ލީގުން ޖާގައެއް ހޯދުމުގެ ފުރުސަތު ނިއު އަށް ވަނީ ބޮޑުވެފަ އެވެ. ލީގުގައި ބާކީ ކޮންމެ ޓީމަކަށް ތިން މެޗު އޮތްއިރު މާޒިޔާ އެއް ވަނައިގައި އޮތީ 11 މެޗުން 25 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ނިއު އަށް 11 މެޗުން ލިބިފައިވަނީ 24 ޕޮއިންޓެވެ.
އޮސްކާ ބުނީ އެ ޓީމުން ހަމައެކަނި ވިސްނަނީ މާޒިޔާ މެޗަށް ނޫން ކަމަށެވެ.
"މާޒިޔާ އަކީ އެންމެ މެޗެއް. އެކަމު އަހަރެމެންގެ ގާތުގައި އެބައޮތް ވަރަށް ވާދަވެރި އެހެން ތިން ހަތަރު ޓީމެއް. އިދިކޮޅަށް ނުކުންނަ ޓީމުތަކަކީ އަހަރެންގެ ކޮންޓްރޯލްގައި އޮތް ޓީމުތަކެއް ނޫން. އަހަރެން ހަމައެކަނި ވިސްނާނީ އޭރަކު ކުޅެން އޮންނަ މެޗަކަށް،" އޭނާ ބުންޏެވެ.
އޮސްކާގެ ކޯޗުކަމުގައި ނިއު ކުޅޭ ދެ ވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ހަވީރު ނުކުންނާނީ ވިކްޓަރީއާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަހީން ކޮންކޮ ޖަބީން
06 July 2017
ދޮންކަލޯ މާޒިޔާ އޮތީ ނޭވާ ހޮޅިއަށް އެޅިފަ.މިފަހަރު ލީގު ނަގާނި ނިއުރޭޑިޔަންޓް ސުފޯޓުސް ކުލަބު. ސާފް ވެއްޖެބާ.
މުތޭ
06 July 2017
ނިއުއަށް ލީގު ލިބޭނީ މާޒިޔާއިން ނަގާފަ ބަކީ ހުރިއްޔާ
ހުންގާނު
06 July 2017
ހުރިހާ މެޗަކުން މޮޅުވެގެން ލީގު ނަގާ ދުނިޔޭގެ ރެކޯޑްހެދި ހަމައެކަނި ޓީމަކީ ނިއުރޭޑިއންޓް، ބާސާ، ރެއާލް މެޑްރިޑަށްވެސް އަދި އެކަމެއްނުވޭ
ދިވެހިފުޓުބޯޅައިގެ ކިންގ
05 July 2017
ދިވެހި ފުޓުބޯޅަ ދަނީ ދުވަހެއް ދުވަހަކަށް ދަށަށް
މުތޭ
05 July 2017
ނުވާނެ ތިކަމެއް. ތިޔަ ޓީމް އޮތީ ވަރަށް ސާފުކޮށް ސެންޓޭ އަތްދަށުލާފަ. އިއްޔެވެސް އެވަރަށް ހަޑި ހޭވިއިރުވެސް ނުކެރުނެއްނު ބާލާކަށްވެސް. ކޯޗުތީ ނަމަކަށް ހުންނަ މީހެއް
އާރިފް
05 July 2017
ކުޅުންތެރިންނަށް މުސާރަނުދީ ބޯލާނި ފެންފޮދެއް ނުދީ ކުޅުންވި އިރު މާރަގަޅު. ޓީމް މޮޅުވަށް މަސައްކަތްކުރޭ. ރޫހު ރަގަޅު. މިހާރު ހުރިހާކަމެއް ބަރާބަރަށް ކޮށްދޭ އިރު ހަގީގަތުގަ ޓީމްތެރޭ އޮންނަށް ޖެހޭވަރަށް ޓީމްރޫހު ނޯވޭ. މަސައްކަތުރޭޓް ދަށް.
ވިސްނާލީމާ
05 July 2017
އުންމީދަކީތީ! ވާންބޭނުމީ ތިހެން! އެކަމަކު ކަންވަނީކީ ތިހެނެއްނޫން! އިރާދަކުރެއްވިއްޔާ ދެން ނިއުރޭޑިއަންޓުވެސް ހަމަޔަކަށްއެޅި ރަނގަޅުވެދާނެ! އިންޝާﷲ! -އިބްރާހީމް-