އިއްޔެގެ މެޗުގެ ތެެރެއިން ނަޑާލް.-- ފޮޓޯ: އޭއެފްޕީ
11 ޖުލައި 2017 - 10:04
ލަންޑަން (ޖުލައި 11) - ވިމްބަލްޑަން ޓެނިސް މުބާރާތުގެ ހަތަރު ވަނަ ބުރުގައި ލަގްޒެމްބާގްގެ ގައިލްސް މުލާ އަތުން ބަލިވެ ސްޕެއިނުގެ ރަފައެލް ނަޑާލް މުބާރާތުން ކަޓައިފި އެވެ.
މިއީ މި މުބާރާތް ދެ ފަހަރު ކާމިޔާބު ކޮށްފައިވާ ނަޑާލް މި މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ނުލިބި ޖެހިޖެހިގެން ކެޓި ހަތަރު ވަނަ ފަހަރެވެ. މިދިޔަ އަހަރުގެ މުބާރާތުގައި އަނިޔާގެ ސަބަބުން ނަޑާލް ނުކުޅެ އެވެ.
މުލާ އަތުން ނަޑާލް ކެޓިއިރު ސެޓުތައް ދިޔައީ 6-3 6-4 3-6 4-6 15-13 އިންނެވެ. މިއީ މި ފަހަރުގެ މުބާރާތުގައި އެންމެ ގިނަ ވަގުތު ހޭދަވި މެޗެވެ. މި މެޗު ނިމުނީ ހަތަރު ގަނޑިއިރާއި 47 މިނިޓުންނެވެ.
މި ފަހަރުގެ މުބާރާތުން ކެޓުމާ އެކު ނަޑާލަށް ވަނީ އެއް އަހަރެއްގައި ޖެހިޖެހިގެން ފްރެންޗް އޯޕަން އާއި ވިމްބަލްޑަން ކާމިޔާބު ކޮށް ރެކޯޑަކާ ހަމަކުރުމަށް ލިބިފައި އޮތް ފުރުސަތު ގެއްލިފަ އެވެ.
މިއީ 2008ގެ ޔޫއެސް އޯޕަން އަށް ފަހު މުލާ ގްރޭންޑްސްލޭމް މުބާރާތެއްގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އޭނާ ބުނީ މިއީ ޓެނިސް ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ އުނދަގޫ މެޗު ކަމަށެވެ.
އެންމެ ފަހުން ފްރެންޗް އޯޕަންގެ ކާމިޔާބީއާ އެކު އުމުރުން 31 އަހަރުގެ ނަޑާލް ވަނީ ދުނިޔޭގެ ރޭންކިންގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. މިއީ ފާއިތުވި ތިން އަހަރަށް ބަލާއިރު އޭނާ އަށް ރޭންކިންގައި ލިބުނު އެންމެ ބޮޑު ކުރިއެރުމެވެ.
"އަހަރެން މި ކެޓީ ހަތަރު ވަނަ ބުރުން. މިއީ އުއްމީދުކުރި ގޮތެއް ނޫން. ހަގީގަތުގައި މި މުބާރާތުގައި އަހަންނަށް މި އަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރެވޭނެ،" ނަޑާލް ބުންޏެވެ.
ކަކުލަށް ލިބުނު ސީރިއަސް އަނިޔާގެ ސަބަބުން ފާއިތުވި ދެ އަހަރުގެ ތެރޭގައި ނަޑާލްގެ ފޯމު ވަރަށް ބޮޑަށް ދަށްވި އެވެ. އެހެން ނަމަވެސް މި އަހަރު އޭނާ އަންނަނީ ކުރިން ދެއްކި މޮޅު ކުޅުން ތަކުރާރު ކުރުމަށް މަސައްކަތް ކުރަމުންނެވެ. މި އަހަރުގެ ޖެނުއަރީ މަހު އޮތް އޮސްޓްރޭލިއަން އޯޕަން ފައިނަލުން ނަޑާލް ބަލިވީ ރޮޖާ ފެޑެރާއާ ވާދަކޮށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy