17 ޖުލައި 2017 - 09:42
ލަންޑަން (ޖުލައި 17) - ކްރޮއޭޝިއާގެ މަރިން ސިލިޗްގެ މައްޗަށް ކުރި ހޯދައި އަށް ވަނަ ފަހަރަށް ވިމްބަލްޑަން ޓެނިސް މުބާރާތް ކާމިޔާބުކޮށް ސްވިޒަލެންޑުގެ ރޮޖާ ފެޑެރާ ރެކޯޑެއް ގާއިމްކޮށްފި އެވެ.
މިއީ 2012 ވަނަ އަހަރަށް ފަހު ފެޑެރާ މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި ކެރިއަރުގައި ކާމިޔާބުކުރި 19 ވަނަ ގްރޭންޑްސްލޭމް މުބާރާތެވެ. އަދި މި ކާމިޔާބީއާ އެކު އުމުރުން 35 އަހަރުގެ ފެޑެރާ ވެފައިވަނީ އޯޕަން އިރާގައި ވިމްބަލްޑަން ކާމިޔާބުކުރި އެންމެ ދުވަސްވީ ކުޅުންތެރިއާ އަށެވެ.
ސިލިޗްގެ މައްޗަށް ފެޑެރާ ކުރިހޯދީ މޮޅު ކުޅުމަކާ އެކު 6-3 6-1 6-4 އިން ސެޓުތައް ގެންގޮސްގެންނެވެ.
ފާއިތުވި އަހަރުތަކުގައި އަނިޔާގެ ސަބަބުން ފޯމު ގެއްލިގެން ފެޑެރާގެ ކުޅުން ވަރަށް ބޮޑަށް ދަށްވި އެވެ. އެހެން ނަމަވެސް މިދިޔަ އަހަރުގެ ފަހު ކޮޅު އަލުން ކުރީގެ ފޯމަށް އައިސް ފެޑެރާ އަންނަނީ ތަފާތު ދައްކަމުންނެވެ.
"އަބަދުވެސް އިތުބާރު އޮވޭ. މައްސަލަ އަކަށް ދިމާވަނީ ފިޓްނަސް ހިފެެހެއްޓުން. މި މެޗުގައި މަރިން (ސިލިޗް) ވަރަށް މޮޅަށް ކުޅުނު. އޭނާ އަށް ވެސް ތައުރީފް ހައްގު،" އިއްޔެގެ ފައިނަލަށް ފަހު ފެޑެރާ ބުންޏެވެ.
ސިލިޗް ބުނީ މެޗު އޭނާ އަށް ގެއްލުނީ މުހިއްމު ދަނޑިވަޅުތަކުގައި ބޭނުންވާ ވަރަށް މަސައްކަތް ނުކުރެވިގެން ކަމަށާއި ފެޑެރާ ކަހަލަ ތަޖުރިބާ ކަހަލަ ކުޅުންތެރިއަކާ ދެކޮޅަށް ކުޅޭއިރު ކުޑަ ވަގުތު ކޮޅަކަށް ސަމާލުކަން ގެއްލިއްޖެނަމަ ވެސް ބަލިވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އޭނާ ވަނީ މިހަރުގެ މިހާތަނަށް ދެ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ފެޑެރާ ޖެނުއަރީ މަހު އޮތް އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކުރީ ފައިނަލުގައި ރަފައެލް ނަޑާލް ބަލިކުރުމަށް ފަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންތަރީސް
17 July 2017
8 ފަހަރު ވިމްބަލްޑަން ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާއަކީވެސް ފެޑެރާ