ވިލާ ކޮލެޖަށް 10 އަހަރު ފުރުމާ ގުޅިގެން އެ ކޮލެޖުގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރެކްޓާ ޑރ. އަންވަރު (ވ) އަދި ވައިސް ރެކްޓާ ޑރ. ނަޖީބު ކޭކު ފަޅުއްވައިދެއްވަނީ.--- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
18 އޮކްޓޯބަރ 2017 - 06:50
ވިލާ ކޮލެޖަށް 10 އަހަރު ފުރުމުގެ ރަސްމިއްޔާތު ރޭގައި ބާއްވަފައިފި އެވެ.
ވިލާގެ ޗެއާމަން އަދި ރާއްޖޭގެ އެއް މަހުޖަނު ގާސިމް އިބްރާހީމް ވަރަށް އާދައިގެ ގޮތަކަށް ހުޅުވި ކޮލެޖުގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަކީ ނަޖީބު ވިދާޅުވީ، ގާސިމްގެ އެއްވެސް ނުފޫޒެއް އެތަނަށް ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ، ފަންނީ ތަނެއް ފަންނީ ތަނެއްގެ ގޮތުގައި ވިލާ ކޮލެޖު ހިންގުމުގެ ފުރުސަތު ގާސިމް ދެއްވާފައިވާ ކަމަށެވެ. އަދި އެއީ ވިޔަފާރިވެރިންނާއި ސިޔާސީ ފަރާތްތަކުގެ ކިބައިން ނުފެންނަ ސިފައެއް ކަމަށް ނަޖީބު ވިދާޅުވި އެވެ.
"މި ކޮލެޖު ފަންނީ ތަނެއްގެ ގޮތުގައި ހިންގުމަށް ޗެއާމަން އެއްވެސް ނުފޫޒެއް ނުފޯރުވޭ. އެއީ ވަރަށް ފާހަގަކޮށްލެވޭ ކަމެއް،" މަތީ ތައުލީމް ފޯރުކޮށްދޭ އެހެން މަރުކަޒުތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިި ހަފުލާގައި ނަޖީބު ވިދާޅުވި އެވެ،
ވިލާ ކޮލެޖުގެ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތަކުން ވަނަ ހޯދި މީހަކަށް (ކ) ރޭ ސެޓްފިކެޓް ހަވާލުކޮށްދެނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އޭނާ ވިދާޅުވި ގޮތުގައި ވިލާ ކޮލެޖު އުފެއްދުމާއެކު، ތައުލީމީ ދާއިރާ އަށް އިންގިލާބީ ބަދަލުތަކާއި ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފަ އެވެ. އެގޮތުން ކޯސްތަކުގެ ފެންވަރާއި ދަރިވަރުން ކިޔެވުމުގެ ވަގުތުތަކަށް ވެސް ބަދަލު އައިސްފައިވާ ކަމަށް ވިދާޅުވި އެވެ،
"ވިލާ ކޮލެޖު ފެށިއިރު އަމިއްލަ ކޮލެޖަކަށް ޑިގްރީއަކަށް ކިޔަވައިދެވިދާނެ ކަމަށް ގަބޫލުކުރަމުން ދިޔަ މީހުން ވަރަށް މަދު. އަޅުގަނޑުމެން އެކަން ބަދަލުކޮށްލީ. އަޅުގަނޑުމެން ޔަގީންކޮށްދީފިން ވިލާ ކޮލެޖު ފަދަ އެހެން މުއައްސަސާތަކަށް ވެސް ހަމަ ޑިގްރީ ހިންގިދާނެކަން. ޚާއްސަކޮށް އިންޓަނޭޝަނަލް ޑިގްރީ ހިންގިދާނެ ކަން ވަރަށް ގަބޫލު ނުކުރާނެ. އެކަން [ވިލާ ކޮލެޖުން] ކޮށްފައި އެއީ ވެސް ކުރެވިދާނެ ކަމެއް ކަން ދެއްކިއްޖެ،" ނަޖީބު ވިދާޅުވި އެވެ.
އެ ކޮލެޖު އުފެއްދުމުގެ ކުރިން، މަތީ ތައުލީމް ފޯރުކޮށްދޭ އެހެން މަރުކަޒުތަކުގައި ކިޔަވައިދެމުން ދިޔައީ ހެނދުނު ގަޑީގައި އެކަނި ކަމަށާއި ނަމަވެސް އެކަން ވެސް ބަދަލުކޮށްލީ ވިލާ އިން ކަން ނަޖީބު ފާހަގަކުރެއްވި އެވެ.
"ވަޒީފާގައި އުޅެމުން ވެސް ކިޔެވޭނެ ގޮތްތައް ވިލާ ކޮލެޖު ވުޖޫދުވުމާއެކު މިވަނީ ފަހިވެގެން ގޮސްފައި. އެއީ ހެނދުނުގެ ދަންފަޅީގެ އިތުރުން ހަވީރާއި ވެސް ރޭގަނޑު ހިމަނައިގެން،" އޭނާ ވިދާޅުވި އެވެ.
ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަންވަރު، ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އެ ކޮލެޖުގެ ސްޓްރެޓެޖިކް ޕްލޭން ފޮތް ރޭ ނެރެދެއްވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވެސް ވިދާޅުވީ ރާއްޖޭގައި ތިބެގެން އިނގިރޭސި ވިލާތުގެ ފެންވަރު ރަނގަޅު މަތީ ތައުލީމު އެ ކޮލެޖުން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ 20 އަތޮޅުގެ ތެރެއިން 14 އަތޮޅެއްގައި ވިލާ ކޮލެޖުގެ ކެމްޕަސް ގާއިމްކޮށްފައިވާކަން އަންވަރު ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް 10 އަހަރުގެ ވިލާ ކޮލެޖުގެ ތަސައްވަރަށް ބަލާއިރު، އެންމެ ބޭނުންވަނީ ފޯތު ޖެނެރޭޝަންގެ ތަނަކަށް ބަދަލުކުރުން ކަމަށެވެ. ނަމަވެސް އޭގެ ކުރިން ވިލާ ކޮލެޖު، ޔުނިވަސިޓީއަކަށް ބަދަލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ރޭގެ ބޭއްވި ރަސްމިއްޔާތުގައި ވަނީ ކުރިއަށް އޮތް ފަސް އަހަރަށް ވިލާ ކޮލެޖުގެ ސްޓްރެޓެޖިކް ޕްލޭނާއި އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި އެކި ހަރަކާތްތަކުން ވަނަ ހޯދި މީހުންނަށް ސެޓްފިކެޓް ހަވާލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރިޔަމް
18 October 2017
މިލިންކުން ހަބަރު ލިބުނީ ވިލާކޮލެޖުން އިނގިރޭސި ވިލާތުގެ ކޯސްތަކެއް ފެށިވާހަކަ، އެއީ ޖޫން 2017 ގެ ދުވަސްވަރުގައި، އެކަމަކު ވިލާއިންވަނީ މިމަގުގައި ހަމަ އެޔުނިވަސިޓީގެ ކޯސްތަކުގެ ޑިގްރީދިނުން ފާހަނގަކޮށްފައި، އެހެންކަމުން ކިހިނެއްތޯ މިވަނީ؟ އެއީ ޑިގްރީއެއްގެ މުއްދަތަކީ 2 ނުވަތަ ތިން އަހަރު، ސުވާލަކީ އަނެއްކާ، އޯޔޫއެމްގެ ކޯސްތަށް ޔޫކޭގެ ޕްރޮގްރާމަށް ބަދަލުކޮށް އޯޔޫއެމްގައި ކިޔަވަމުން އައިކުދިން ޔޫޑަބްލުއެލް އަށް ބަދަލުކުރީތޯ؟ https://mihaaru.com/news/20810
ހަމީދު
18 October 2017
ވިލާކޮލެޖަށް ތިޔަހެން ހިންގެނީ ސަރުކާރުން ހިލޭ ސާބަހަށް ބޮޑު ބިމެއްދީފައިވާތީ، ސަރުކާރުން ކަންކަން ކުރުމުގެ އެއްވެސް އުސޫލެއް ހަމައެއްނެއްކަން އެނގެނީ، 2007 ގައި އުފެދުނު ކޮލެޖަކަށް ޔުނިވަސިޓީގައި އޮތްވަރުގެ ބިމެއް މާލެއިން ލިބޭނީ ގައިމުވެސް ނުފޫޒްތަކެއް އޮވެގެން، މިހާރުވެސް އޭސީސީއިން އެންމެގިނައިން ބަލަމުން ގެންދަނީ ނާޖައިސް ފައިދާ ސަރުކާރުން ނަގާމައްސަލަ، އެހެންނޫނަސް ޕްރައިވަޓް ސެކްޓަރަށް ކުރިއަށް ދެވޭނީވެސް ސަރުކާރުގެ ނުފޫޒުން ކަމެއްކޮށްދީގެން، މަންދު ކޮލެޖަށް ދިން އިމާރާތާއި ބިންވަނީ ސިފައިން ފޮނުވައިގެން ނަގާފައި
ހާލިދާ އަނީސް
18 October 2017
ވިލާކޮލެޖަށް މަރުހަބާކިޔަން، ކޮބާ މިހާރު މެލޭޝިއާގެ އޯޔޫއެމް އެތަނުގެ ކޯސްތަށް ހުއްޓާލީތޯ؟ އަނެއްކާ އެކޯސްހެދި ކުދިންގެ ޑޭޓާތަށް ހުންނާނެތޯ؟ ވިލާކޮލެޖުން ކީއްވެގެންތޯ ކޮންމެ 5 އަހަރުން އެއްފަހަރު ޔުނިވަސިޓީ ބަދަލުކުރަނީ؟ ކުރިން ހިންގި ތަން ކަމުނުގޮސްގެންތޯ؟
ފަރީދާ
18 October 2017
ވިލާކޮލެޖުގެ ރާއްޖެތެރޭގެ ކެމްޕަސްތަކުގައި ކިޔަވައިދެނީ ކޮންބައެއްތޯ؟ ކުއްޖާ ބައިވެރިވީމަ ނިމުނީ، ދެން އެކުއްޖާގެ ހުރިހައި ކަމެއް ބަލަަހައްޓަނީ ލެކްޗަރާ، އޭނާ ފޮނުވާ ރިޕޯޓަކަށް ސަނަދުދެނީ، ބަލާނެ އެހެން މީހެއް ނުހުރޭ އޭނާއާއި ކުދިން ގުޅިގެން އެޓެންޑެންސް ނުބަލާ ގޭގައި ހުރެގެންވެސް މާކުކޮށްލާ، މިއީ އަހަރެންގެ ރައްޓެހި ކުއްޖަކަށް ދިމާވިކަމެއް
ނިޔާ
18 October 2017
އަޅުގަނޑުމެން ރަށުގަ (ފުވައްމުލަކަށް) ވަޑައިގަންނަވަނީ ހަމަ މާލޭގައިވެސް ކިޔަވާދެއްވާ ލެކްޗަރަރ އިން .. މިފަހަރު ގްރެޑުއޭޝަންގައި ޔޫކޭގެ އެމްބީއޭއިން އެއްވަނަ ހާސިލު ކުރީވެސް މިރަށުގައި ހުރެގެން ކިޔެވި މިރަށު ކުއްޖެއް .. އެވަރު ނަތީޖާއެއް ހާސިލު ކުރެވޭނީ ވަސީލަތްތައް ފޯރުކޮށްދެވިގެން އަދި ދަރިވަރުންވެސް މަސައްކަތްކޮށްގެން ހެން ހީވަނީ
ނަބީލު
18 October 2017
އިންޓަނޭޝަނަލް ޑިގްރީހިންގުމަކީ އުނދަގޫ ކަމެއްނޫން، އަމިއްލަ ޑިގްރީ ހިންގުމަކީ އުނދަގޫކަމަކީ، ވިލާއިން މެލޭޝިއާގެ އޯޔޫއެމް ގެނެސްގެން މުޅި ޤައުމަށް ޑިގްރީ ބަހާލި، އެއިން އެއްވެސް މީހެއްގެ ފެންވަރެއްނެއް، ދެން އެކަން އެނގިގެން މިހާރު ތިޔަ ހިންގަނީ ޔޫކޭގެ ޑިގްރީއެއް، ވިލާކޮލެޖަކީ އަމިއްލަ ޕްރޮގްރާމް ހިންގާ ކޮލެޖެއްނޫން، ބޭރުގެ ބައެއްގެ ކޯސްތަކެއް ހިންގުމަކީ މޮޅުކަމެއްނޫން، މެލޭޝިއާގައި އެތަނުގެ ޔުނިވަސިޓީތަކުން ބޭރުގެ ޑިގްރީ ހިންގުމަކީ މުޅިން މަނާކަމެއް މިހާރު،