18 އޮކްޓޯބަރ 2017 - 12:12
އަންނަ އަހަރުގެ އޭޝިއަން ގޭމްސްގައި ވާދަކުރުމުގެ ފުރުސަތު 12 ކުޅިވަރަކުން 20 ޓީމަކަށް ދޭނެ ކަމަށާއި އެކަމަކު އެ ފުރުސަތުތައް ކަށަވަރުވާނީ، މުޅިން އަލަށް އެކުލަވާލާ ކަނޑައަޅާ ޓެކްނިކަލް އަދި ފިޒިކަލް މިންގަނޑުތަކަށް ފެތޭ ނަމަ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ބުނެފި އެވެ.
އޮލިމްޕިކް ކޮމިޓީން ވަނީ ސްޕޯޓްސް ކައުންސިލުގެ މަޝްވަރާއާ އެކު އެސޯސިއޭޝަންތަކާ ބައްދަލުކޮށް، އެތުލީޓުން ސިލެކްޝަން އުސޫލެއް ކަނޑައަޅަން އަންގައިފަ އެވެ. މި އުސޫލުގައި ޓެކްނިކަލް އަދި ފިޒިކަލް މިންގަނޑުތަކެއް ހިމަނަން ޖެހޭނެ އެވެ.
އަންނަ ނޮވެމްބަރު 15 ވަނަ ދުވަހާ ހަމައަށް މިންގަނޑު އެކުލަވާލުމަށް އެސޯސިއޭޝަންތަކަށް ފުރުސަތު ދީފައިވާއިރު އޮލިމްޕިކް ކޮމިޓީ އާއި ސްޕޯޓްސް ކައުންސިލުން ނޮވެމްބަރު 30 ވަނަ ދުވަހު އެ މިންގަނޑަށް ގެންނަން ޖެހޭ ބަދަލެއް އޮތިއްޔާ ގެނެސް ފައިނަލްކުރާނެ އެވެ.
އޮލިމްޕިކް ކޮމިޓީން މިހާރު ނިންމާފައިވަނީ ޑިސެމްބަރު 15 ވަނަ ދުވަހު ހުރިހާ އެސޯސިއޭޝަނަކުން ވެސް ސްކޮޑް ހުށަހަށަން ޖެހޭ ގޮތަށެވެ. މި ސްކޮޑަށް ފަހުން ބަދަލު ގެނެވޭނެ އެވެ. އަދި އެ ސްކޮޑާ އެކު ގޭމްސް އަށް ތަމްރީންތައް ފަށާއިރު ތަމްރީންތައް ކުރިއަށްގެންދާއިރު ކުޅުންތެރިންގެ އަހުލާގީ މިންގަނޑާއި ހާޒިރީ ގަވާއިދުން ބަލައި މެޑިކަލް ޓެސްޓްތައް ފުރިހަމަކުރަން ޖެހޭނެ އެވެ.
ޖުލައި މަހާ ހަމައަށް ޓްރެއިނިން ކުރިއަށް ގެންދިއުމަށް ފަހު އޮގަސްޓް މަހު އޭޝިއަން ގޭމްސް އަށް ފުރާނެ އެވެ.
"އަޅުގަނޑުމެން މިހާރު ވަނީ 12 ކުޅިވަރަކުން 20 ޓީމަކަށް ފުރުސަތު ދޭން ނިންމާފައި. އަޅުގަނޑުމެން ބޭނުންވަނީ ވީހާ ވެސް ގިނަ އެތުލީޓުންނަށް ފުރުސަތު ހޯދައިދޭން. އެކަމަކު އެ ފުރުސަތު އަޅުގަނޑުމެން ދޭނީ އެސޯސިއޭޝަންތަކުން ކަނޑައަޅާ މިންގަނޑުތަކަށް ފެތެންޏާ،" އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރްޒޫގް ވިދާޅުވި އެވެ. "މީގެ ބޭނުމަކީ އޭޝިއަން ގޭމްސް އަށް ދާ އެތުލީޓުންނާއި ޓީމުތައް ރަނގަޅަށް ތައްޔާރުކުރުން. ނަމަކަށް ފުރުސަތު ދިނުމުގެ ބަދަލުގައި، ވީހާ ވެސް ރަނގަޅު ފެންވަރެއްގައި ތިބި އެތުލީޓުން ގެންދިއުން ބޭނުމަކީ."
އޮލިމްޕިކް ކޮމިޓީން ފުރުސަތު ދޭ ކުޅިވަރުތަކަކީ އެތުލެޓިކްސް، ރޯވިންގް، ޝޫޓިން، ޓޭބަލް ޓެނިސް، ބެޑްމިންޓަން، ޓެނިސް، ސްވިމިން، ސެއިލިން، ވޮލީބޯޅަ، ހޭންޑްބޯލް، ފުޓްބޯޅަ އަދި ބާސްކެޓްބޯލެވެ. މީގެ ތެރެއިން ބާސްކެޓްބޯޅައިން އިންޑޯ އަދި ތުރީއޮންތުރީ ގައި ވާދަކުރާނެ އެވެ. އަދި ވޮލީބޯޅައިން އިންޑޯ އާއި ބީޗްވޮލީބޯލްގައި ބައިވެރިވާނެ އެވެ.
މި އަދަދަށް ބައިވެރިވާނަމަ ރާއްޖޭގެ ކޮންޓިންޖެންޓުގެ އަދަދު 261 އަށް އަރާނެ އެވެ. އިންޑޮނީޝިއާގައި ބާއްވާ އަންނަ އަހަރުގެ އޭޝިއަން ގޭމްސް އޮންނާނީ އޮގަސްޓް 18 އިން ސެޕްޓެމްބަރު 2 އަށެވެ. ގޭމްސްގައި 40 ކުޅިވަރަކުން 462 އިވެންޓް ކުރިއަށްދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަދު
18 October 2017
ފުޓުބޯޅައަށް ފުރުސަތު ނުދޭތި. ދެޓްސް އަ ހޯޕްލަސް ކޭސް.
އަހުމަދުބެ
18 October 2017
އެބަ ރަނގަޅުވެއެވެ. ރާއްޖެތެރޭ ގަ އުޅޭ ހުނަރުވެރި ކުދީންނަށް ވެސް ވާދަކޮށްލުމުގެ ފުރުސަތު ދެއްވާށެވެ. އެއަށް ފަހު ބޭރަށް ދާނެ ބަޔަކު ކަނޑަ އެޅި ދާނެއެވެ.