މާލެ: 4 ޖުލައި 2016، ރަމަޟާން ވެޓެރަންސް ކަޕް ފައިނަލްގައި މިއަދު ވެލެންސިޔާ އާއި ނިއުރޭޑިއަންޓް ބައްދަލުކުރި މެޗުގެ ތެރެއިން. މިމެޗު ފެނަލްޓީ ޖަހައިގެން ޗެންޕިއަންކަން ހޯދީ ނިއުރޭޑިއަންޓް ސްޕޯޓްސް --. ފޮޓޯ: ނިޝާން އަލީ/ މިހާރު
05 ޖުލައި 2016 - 01:41
ޕެނަލްޓީ ޖަހައިގެން 4-2 އިން އެންމެ ފަހުގެ ޗެމްޕިއަން ވެލެންސިއާ ބަލިކޮށް ވެޓަރަންސް ކަޕްގެ ޗެމްޕިއަންކަން ނިއު ރޭޑިއަންޓުން ދެ ވަނަ ފަހަރަށް ހޯދައިފި އެވެ.
ވިއްސާރައިގެ ސަބަބުން ފަސްކުރި މެޗު މިއަދު ހަވީރު ޓާފް އެއް ނަންބަރު ދަނޑުގައި ކުޅުނުއިރު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރު ވެފަ އެވެ. ވެލެންސިއާ އަށް ލީޑު ނަގައިދިނީ އިސްމާއީލް އަނިލް އެވެ. ނިއު އަށް ފުރަތަމަ ހާފު ނިމުމުގެ ކުރިން އެއްވަރުކޮށްދިނީ އަލީ ޝަމީމް (ކޮޔަރު އައްޔަ) އެވެ.
ޕެނަލްޓީ ޖަހައިގެން ވެލެންސިއާ ބަލިވީ ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ނާކާމިޔާބު ވުމުންނެވެ. އެ ޓީމަށް ކާމިޔާބު ކުރެވުނީ އަނިލް އާއި އިސްމާއިލް މުހައްމަދު (އިއްސޭ) ޖެހި ޕެނަލްޓީ އެވެ. ވެލެންސިއާގެ އައްސަދު އަބުދުލް ގަނީ އާއި މުހައްމަދު ޖަމީލް ޖެހި ޕެނަލްޓީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ނިއުގެ ކީޕަރު އިސްހާގް އީސާ ވަނީ މަތަކޮށްފަ އެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ނިއުގެ އައްޔަ (ވ)އާ އެވޯޑް ހަވާލުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ނިއުގެ އިން މޮޅުވީ ހަތަރު ޕެނަލްޓީ ވެސް ކާމިޔާބު ކޮށްގެންނެވެ. ނިއުގެ ޕެނަލްޓީތައް ފޮނުވާލީ ކޮޔަރު އައްޔަ އާއި އަޝްރަފް ލުތުފީ (ސަމްޕަތު) އާއި އަހުމަދު ނިޔާޒް އަދި ވެލެންސިއާގެ ކުރީގެ ކެޕްޓަން ތޮއްޑޫ މުހައްމަދު ނިޒާމެވެ. މުބާރާތުގެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބުނު މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ނިއުގެ ކޮޔަރު އައްޔަ އެވެ. ފަންސާސް އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިއަކީ ވިކްޓަރީގެ އަބްދުﷲ މުފީދެވެ. އަދި 35 އަހަރުން މަތީގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ވެލެންސިއާގެ އިއްސޭ އާއި ކީޕަރު ހުސައިން ހަބީބާއި މާޒިޔާގެ މުހައްމަދު އަރީފާއި ބީީޖީގެ އާދަމް ލަރީފް (ރޮނާލްޑޯ) އާއި އަހުމަދު ފިރާޒް މޫސާ އެވެ. މުބާރާތުގެ 45 އަހަރުން މަތިގެ އެންމެ މޮޅު ކީޕަރަކީ މާޒިޔާގެ މުހައްމަދު ޝިނާން (ނާނި) އެވެ. އެންމެ މޮޅު ޑިފެންޑަރަކީ ވެލެންސިއާގެ ޔޫސުފް އަޒީމް (ޔޫއްޓޭ) އެވެ. އެންމެ މޮޅު މިޑްފީލްޑަރަކީ ނިއުގެ ސަމްޕަތެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީ ވެލެންސިއާ އެވެ. އެންމެ މޮޅު ކޯޗަކީ ވެލެންސިއާގެ ކޯޗު މުހައްމަދު ޝާހިދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާލީމާ
05 July 2016
މަރްހަބާ ނިއުރޭޑިއަންޓު! -އިބްރާހިމް-