ސްވިޑަން ކުޅުންތެރިން އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ/ ގެޓީ އިމޭޖަސް
11 ނޮވެމްބަރ 2017 - 11:56
ސްޓޮކްހޯމް، ސްވިޑަން (ނޮވެމްބަރު 11) - ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭއޮފުގެ ފުރަތަމަ ލެގުގައި ރޭ ސްވިޑަން އަތުން 1-0 އިން ބަލިވެ އިޓަލީ އަށް އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިނުވެދާނެ ކަމުގެ ހަގީގީ ބިރާ ކުރިމަތިވެއްޖެ އެވެ.
ދެ ވަނަ ލެގުގައި ހޯމަ ދުވަހުގެރޭ މިލާނުގެ ސެންސީރޯގައި އިޓަލީއާ ދެކޮޅަށް ކުޅޭ މެޗު އެއްވަރުކޮށްލައިގެން ވެސް ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ސްވިޑަން އަށް އޮތުމާ އެކު އިޓަލީ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. އެ މެޗުން އިޓަލީ 2-1 އިން މޮޅުވިޔަސް ފުރުސަތު އޮންނާނީ ސްވިޑަން އަށެވެ.
ރޭގެ މެޗުގައި ސްވިޑަންގެ ހަމައެކަނި ލަނޑު 61 ވަނަ މިނެޓުގައި ޖެހީ ޔަކޫބް ޔޮހަންސަން އެވެ. އޭނާ ޖެހި ބޯޅަ ގޯލަށް ވަނީ އިޓަލީގެ ޑެނިއަލް ޑި ރޮސީގެ ފައިގައި ޖެހިފަ އެވެ. އިޓަލީން ކޮންޓްރޯލްކޮށްގެން ކުޅުނު މި މެޗުގައި އެ ޓީމުގެ ދެ ހަމަލައެއް ގޯލް ދަނޑިއަށް އަމާޒުވި އެވެ. އެކަމަކު ޖުމްލަކޮށް ބަލާއިރު އެ ޓީމަށް މާގިނަ ހަމަލާތަކެއް ނުއުފެއްދުނެވެ.
ދެ ވަނަ ލެގަށް ނުކުންނައިރު އިޓަލީ އަށް އޮތް ކަންބޮޑުވުމަކީ މުހިއްމު މިޑްފީލްޑަރު މާކޯ ވެރާޓީ ސަސްޕެންޑްވެފައިވުމެވެ. އިޓަލީގެ ކޯޗު ޖިއަމްޕިއޭރޯ ވެންޗޫރާ ބުނީ ބަދަލުތަކެއް ފެންނާނެ ކަމަށެވެ. އެކަމަކު އޭނާ ބުނީ ކުޅޭ ސިސްޓަމް އެއް ފަރާތް ކުރަން ޖެހޭ ކަމަށެވެ. އަދި މި ވަގުތު އެންމެ މުހިއްމީ ކުޅުންތެރިން ވަރަށް ވަރުގަދަ އަޒުމަކާ އެކު ކުޅުން ކަމަށެވެ.
ޕްލޭއޮފުގައި އިޓަލީ ވާދަކުރަން ޖެހުނީ ކޮލިފައިން ގްރޫޕް ސްޓޭޖުގައި ސްޕެއިނާ ވާދަކޮށް ގްރޫޕުގެ އެެއް ވަނަ ނުލިބުމުންނެވެ. ވޯލްޑް ކަޕް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ އިޓަލީ ނެތި އެންމެ ފަހުން ވޯލްޑް ކަޕެއް ކުޅުނީ ސްވިޑަންގައި 1958 ވަނަ އަހަރެވެ. ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން ތިބެމެ ވޯލްޑް ކަޕުން އިޓަލީ އަށް ޖާގަ ނުލިބިއްޖެ ނަމަ އެއީ އެ ގައުމުގެ ފުޓްބޯޅައަށް ކުރިމަތިވާނެ ބޮޑު މައްސަލައަކަށް ވާނެ އެވެ. ރޭގެ ނަތީޖާއާ އެކު އެންމެ ބޮޑަށް ފާޑުކިއުން އަމާޒުވެފައިވަނީ ކޯޗު ވެންޗޫރާ އަށެވެ. ކްލަބް ލެވެލްގައި މާބޮޑު ކާމިޔާބެއް ނެތް ކޯޗަކާ އިޓަލީ ހަވާލުކުރުމުން އެންމެ ފުރަތަމަ ވެސް ފާޑުކިއުން އަމާޒުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުންގާނު
11 November 2017
ޖިއަމްޕިއޭރޯ ވެންޗޫރާ އިޓަލީގެ ކޯޗުކަމާ ހަވާލުވިފަހުން ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ވަރުގަދަ ގައުމުތަކުގެ ތެރޭގައި ހިމެނޭ އިޓަލީގެ ފެންވަރު ދުވަހުން ދުވަހަށް ދަށަށްދާކަމަށް ފާހަގަކުރެވޭ. ފެންވަރު ރަނގަޅު ސްކޮޑެއް އޮތްނަމަވެސް އިޓަލީ ޓިމުން ޑެލްޕިއެރޯ، ޓޮޓީ، ޕިރްލޯ، އިންޒާގީ، ޓޯނީ، ގަޓޫސޯ، ކަނެވާރޯ އަދި ނެސްޓާ ނެތްތަން ފޫބެއްދޭތަނެއް ނުފެނޭ. އިޓަލީގެ ކޯޗު ޖިއަމްޕިއޭރޯ ވެންޗޫރާ މިހާރުން މިހާރަށް އިސްތިއުފާ ދިނުމަށް ގޮވާލަން.
ނީނާ
11 November 2017
ފެށުން ގޯސްވީމަ ހުރޮހާކަމެއް ވެސް ގޯހުން ގޯހަށް.. ވެންޗޫރާ ކޯޗަކަާް ހަމަ ޖެއްސުން އެއީ ފެށުން.. މުޅިން ބަދު ނަސީބު އެފަހުން ދިމާވަނީ... ގުރުލީ އިރު ސްޕެއިނާ އެއް ގުރޫޕެއްގަ.. ޕުލޭ އޮފް ގަ ބީ ޕޮޓްގަ އޮތް އެންމެ ވަރުގަދަ ޓީމާ.. ފުރަތަމަ މެޗު އަވޭގަ މޮޅަށް ކުޅެ ގޯލެއް ނުޖެހުނު.. ތިޔަ ބޫމާ ހަފާ ކޯޗު ބޭރުކުރަން ނުވިސްނީމަ މައްސަލައަކީ.
އެންދެމޭ ބޭބެ
11 November 2017
ސްޕޭނާ އެއް ގްރޫޕްގައި ހިމެނުމާ ޕްލޭއޮފް ގަ ޕޮޓް ބީ ގެ އެންމެ ވަރުގަދަ ޓީމާ ޖެހުމާ ފުރަތަމަ މެޗް އަވޭގަ ކުޅެން ޖެހުމުގެ ޒިއްމާ ވެސް ނަގަން ޖެހެނީ ކޯޗު ތަ؟
ނީނާ
12 November 2017
ހޫން ބަދުނަސީބު މީހެއްލައިގެން ފެށީމަ ދިމާވާނި ހުސް ބަދު ނަސީބު.. ކޯޗު ނަގަންޖެހޭ ޒިންމާއަކީ އެޓީމުތަކާ ފައިޓްކުރެވޭ ފެންވަރުގެ ޓީމެއް ތައްޔާރު ކުރެވޭހާ ޤާބިލްކަން ތިމާގެ ގައިގަ ނެޔް އިރު ވެސް މަބޮޑޭ ވެފަ ގަދަ ފައިވިއްދާފަ އިސްތިއުފާ ނުދީ ހުރުން.. ގެޓު ވެއްޖެ ދޯ؟
ގޯލް
11 November 2017
ވެންޗޫރާ އަކަށް ނުވާނެ ތިކަމެއް .ސްޕެްިން އަތުން ބަލިވިރޭ އޭނާ ބޭރުކުރަން ޖެހޭ.. ޓީމު ސެލެކްޝަންސްއާ ފޯމޭޝަންވެސް ކަޑަ.. އެގެންވެ ކިތަންމެ މޮޅަށް ކުޅުނަސް ގޯލް ނުޖެހެނީ
ރިއަލްފުޓްބޯލަރ
11 November 2017
އިޓަލީގަ ނެތީ ކްރިސްޓިއަން ވިއޭރީއެއް އިންޒާގީއެއް.. ރޭގަ ވެސް 68 ޕަސެންޓް ބޯލް ޕޮސިޝަން މުޅިގޭމު ކޮންޓްރޯލްކޮށް އެޓޭކް ކުރިއިރު ނިންމާ ނުލެވުނު.. ހުސްކޮށް ލިބޭ އެއްޗެތިވެސް ދަނޑީގަ.. ކުަޅުން ގޯސްވެގެން ދިމާވާ މައްސަލައެއް ނޫން.. ލަނޑު ނުޖެހުމުގެ މައްސަލަ ތި އުޅެނީ
ހުންގާނު
11 November 2017
ކްރިސްޓިއަން ވިއޭރީއަށްވުރެ ބޮޑަށް އިޓަލީ އަށް މިސްވަނީ ޑެލްޕިއެރޯ، ޓޮޓީ، ޕިރްލޯ، އިންޒާގީ، ޓޯނީ، ގަޓޫސޯ، ކަނެވާރޯ އަދި ނެސްޓާ
ހަސަންފުތާ
12 November 2017
ތިމީހުން އަލުން ވިހަން ވީޔެއް ނުން މީހާދަ އިގޭބަޔެކޭ ކޮމެންޓް މިކުރަނީ
ރިއަލްފުޓްބޯލަރ
12 November 2017
ނޯވޭ ހަމަ ސެންޓަރ ސްޓްރައިކަރެއް މަދީ.. ވެރާޓީ މެން ސިންސީނިއޭ މެން ކަންޑަރޭވާ ފަދަ ކުޅުންތެރިން ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ ގިނަ ހުސް ޕާސްތަކެއް ފޯވާޑުންނަށް ތަނަވަސް ކުރިނަމަވެސް ވިއޭރީ މެން ފަދަ ފީވާޑެއް ނެތީމަ ގޯލް ނުޖެހޭ މައްސަލަ ހަމަ އެކަނި މައްސަލައަކީ.. މެޗުތައް ބަލާ މީހުންނަށް އެނގޭނެ ކުރިޔާ ހިލާފަށް ގޭމު ކޮންޓްރޯލްކޮށް ގިނަ ފާސް ޖަހާ ޕޮސިޝަން ފުޓުބޯޅައެއް އެމީހުން މިހާރުކުޅެނީ.. ނުކުޅެވިގެނެއް ނޫން ހަމަ ސްކޯރ ނުކުރެވިގެން ބަލުވަނީ.