ފަލަސްތީނާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން: ސެންޓޭ ފަލަސްތީން ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދަނީ--. ފޮޓޯ:ނިޝާން އަލީ/މިހާރު
14 ނޮވެމްބަރ 2017 - 10:18
އޭޝިއަން ކަޕް ކޮލިފައިންގައި މިރޭ ފަލަސްތީނާ ދެކޮޅަށް ނުކުންނައިރު އެ ޓީމަކީ ގްރޫޕުގެ އެންމެ ވަރުގަދަ ޓީމު ކަމަށާއި މި ވަގުތު ހާލަތު ހުރި ގޮތުން އެޓީމާ ދެކޮޅަށް ކުޅެ ނަތީޖާ ނެރެން ފަސޭހަނުވާނެ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ބުނެފި އެވެ.
ކޮންމެ ގްރޫޕަކުން ދެ ޓީމު ކޮލިފައިވާއިރު، ކޮލިފައިން ގްރޫޕް ޑީގެ އެއް ވަނައިގައި، ކުޅުނު ހަތަރު މެޗުން މޮޅުވެގެން، އޮތީ 12 ޕޮއިންޓާ އެކު ފަލަސްތީނެވެ. ދެ ވަނައިގައި އޮތް އޮމާނަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ރާއްޖެ އަށް ހަތަރު މެޗުން ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. އެންމެ ފުލުގައި އޮތް ބޫޓާނަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެވާޓް ބުނީ ފަލަސްތީނަށް އޭޝިއަން ކަޕުގެ ޖާގައެއް ޔަގީންވެފައި އޮތުމުން އެ ޓީމަށް މި މެޗު ޕްރެޝަރެއް ނެތި ކުޅެވޭނެ ކަމަށެވެ.
"އަހަރެން ފަލަސްތީން ޓީމަށް މަރުހަބާ ކިޔަން އެ މީހުން ކޮލިފައިވެފައި އޮތީމަ. ހަގީގަތުގައި އަހަރެމެން ވެސް އޮންނަން ބޭނުންވަނީ އެ މަގާމުގައި. މި މެޗަށް (ރާއްޖެ މެޗަށް) ނުކުންނައިރު ފަލަސްތީން ކޮލިފައިވެފައި އޮތުމުން އެ ޓީމަށް ފަސޭހަކޮށް ނެގޭނެ. މިދިޔަ އަހަރެއްހާ ދުވަހު އަހަރެން ހުރިހާ ކުޅުންތެރިން ގާތުގައި ބުނިން ހުރިހާ މެޗަކަށް ނުކުންނައިރު ވެސް ދެވެން ހުރި ހުރިހާ އެއްޗެއް ދޭން. އެކަމަކު މި މެޗަށް ނުކުންނައިރު 34 ގަޑިއިރު ދަތުރުކޮށްފައި އައިސް މި ކުޅުންތެރިންނަށް އުނދަގޫވާނެ ކަންތައްތަކެއް ހުންނާނެ،" ސްޓެވާޓް ބުންޏެވެ.
ގައުމީ ޓީމުގެ ކޯޗުކަމަށް ސްޓެވާޓް ދާއިމީ އެއްބަސްވުމެއްގެ ދަށުން ހަމަޖެއްސީ މައިގަނޑު ދެ ޓާގެޓެއް ހަވާލުކޮށްފަ އެވެ. އެއީ އޭޝިއަން ކަޕަށް ކޮލިފައިކޮށްދިނުމާއި ސާފް ޗެމްޕިއަންޝިޕެވެ. އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އަމިއްލަ ބާރު ގެއްލިފައިވާއިރު ސްޓެވާޓްގެ ވިސްނުން ހުރީ ނަތީޖާތައް ރަނގަޅު ކުރުމަށެވެ.
"ފުރަތަމަ ދުވަހުން ފެށިގެން ވެސް އަހަރެމެން މަސައްކަތް ކުރީ ކޮލިފައިވާން. ފަލަސްތީން ގޮތަށް. އެކަމަކު އަހަރެމެންނަށް އެނގޭ އުނދަގޫވާނެކަން. ދެން އަހަރެމެން މަސައްކަތްކުރީ ކޮލިފައި ނުވިޔަސް އެންމެ ފަހު މެޗާ ހަމައަށް ހިތްވަރުކުރަން. ރަނގަޅު ނަތީޖާތަކެއް ނެރެން،" ސްޓެވާޓް ބުންޏެވެ.
އޭނާ ބުނީ ބޭނުންވަނީ މިދިޔަ ސެޕްޓެމްބަރު މަހު އޮމާން އަތުން 5-0 އިން ބަލިވި ނަތީޖާ ތަކުރާރު ނުވުން ކަމަށާއި މި މެޗަށް ނުކުންނައިރު ވިސްނަން ޖެހޭ ކަމަށެވެ.
ގައުމީ ކޯޗު ޑަރެން ސްޓެވާޓް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ބޭނުންވަނީ އޮމާން މެޗުގައި ވީގޮތް ނުވަން. އެއީ އެ މެޗުގައި އަހަރެންގެ ގޭމްޕްލޭން ގޯސްކޮށް ދިޔައީ. ދެން މި ކޮޅަށް އައިއިރު އަހަރެމެން ރޭވިގޮތަށް މި މެޗުގައި މިހާރު ކަންތައްތައް ހުރި ގޮތުން ނުކުޅެވޭނެ. އާ ގޮތަކަށް ތައްޔާރުވާން މި ޖެހުނީ އެންމެ ފަހު ވަގުތުގައި،" ސްޓެވާޓް ބުންޏެވެ.
މި މެޗަށް ތައްޔާރުވުމަށް ރަހުމަތްތެރިކަމުގެ މެޗެއް ނުކުޅުނީ ވަގުތު ހުރި ގޮތުންނާއި ފަލަސްތީނަށް ދާން އޮތް ކުރަން ޖެހޭ ދަތުުރު ދިގުވުމުން ކަމަށް އެފްއޭއެމުން ވެސް އަދި ސްޓެވާޓް ވެސް ވަނީ ބުނެފަ އެވެ. ސްޓެވާޓް ބުނީ ގްރޫޕްގެ އެންމެ ވަރުގަދަ ޓީމަކާ ދެކޮޅަށް އުނދަގޫ ހާލަތެއްގައި ކުޅެން ޖެހުނަސް މެޗަށް ފަހު ބަލިވުމުން ޝަކުވާއެއް ނުކުރާނެ ކަމަށެވެ.
"ވަރަށް ރަނގަޅު ޓީމަކާ ދެކޮޅަށް މި ކުޅެނީ. ދެން 34 ގަޑިއިރު ދަތުރުކޮށްފައި އައިސް ދެ ދުވަހުން އެންމެ މޮޅަށް މެޗެއް ކުޅެން މިއީ ރޮބޮޓުންނެއް ނޫން. އެކަމަކު އަހަންނަށް އޮތް ޔަގީންކަމަކީ މި ކުޅުންތެރިން ހުރި ހިތްވަރާ އެކު ރަނގަޅު ނަތީޖާއެއް ހޯދަން މަސައްކަތް ކުރާނެކަން. އަހަރެން ވެސް ވަރުބަލިވެފައި މިހުރީ. ދުނިޔޭގެ އެއްވެސް ކޯޗަކަށް، މޮރީނިއޯ އަށް ވެސް ހިޔެއް ނުވޭ މި ހާލަތުގައި ކުޅުންތެރިން ގޮވައިގެން އެންމެ މޮޅު ނަތީޖާ ނެރެވޭނެހެން. އަހަންނަށް މި ހާލަތުގައި ނަތީޖާ ނެރެވިއްޖިއްޔާ އަހަރެން ހުންނާނީ ކޯޗުކޮށްދޭން ޔޫރަޕުގައި. ކޮންމެ ނަތީޖާއެއް ނިކުތަސް އަހަރެމެން ޝަކުވާއެއް ނުކުރާނަން،" ސްޓެވާޓް ބުންޏެވެ.
ގައުމީ ޓީމު ފަލަސްތީނަށް ދިޔައީ މަތިން ޖޯޑަން އަށް ދިއުމަށް ފަހު އެއްގަމު މަގުން ކިންގް ހަލީފާ ބްރިޖް ހުރަސްކުރުމަށް ފަހު އެވެ. މިއަދުގެ މެޗު ފަލަސްތީނުގެ ޖެނިންގައި ކުޅޭނީ 5000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެއްގަ އެވެ. މާލޭގައި މިދިޔަ މާޗް މަހު ކުޅުނު މެޗުން ފަލަސްތީން އަތުން ރާއްޖެ ބަލިވީ 3-0 އިންނެވެ.
މި މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 7 ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެއްކަލަ
14 November 2017
ފަސޭހަނުވާނެ ކަން އެނގިއްޖެ 0:8 ރާއްޖެ ބަލިވީ އެ ވަރަށް ދެރަގޮތެއް ތިވީ ފަހުން ރަނގަޅުވާނެ ކަމަށް އުންމީދު ކުރަން
ހަލާސް،،
14 November 2017
السلام عليكم ، بِسْمِ اللَّهِ الرَّحْمَنِ الرَّحِيم ، ބުނަން ރަންގަޅު ވާހަކައެއް އަޅުގަނޑަ ކީކޯޗެއްވެސް ނޫން މިކަމުގަ ކަންތައްތައް އެހާބޮޑައް އިގޭ އިންސާނެއްވެސް ނޫން އެކަމަކު ދިވެހިަބހުން އަމިބުނީ އެއްވެސް ޓީމަާކުޅޭކައް ފަސޭހައެއް ނުވާނެ އެކަަކު ިފަލަސް ތީނާ ކުޅޭކައް އެހާ އުދަގުލެއް ނުވާނެ ކޅުންތެރިންނައް ޅެން އިގިއްޖެ ނަމަ! ، إن شاء الله ، أمين ،،،،!.
ހުންގާނު
14 November 2017
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ގައުމީ ފުޓުބޯޅަ ޓީމޭ ކިޔައިގެން ދަށްކާ އެއްވެސް ވާހަކައެއް އަޑުއަހާކަށް އަހަރުމެން ނެތިން. ދިވެހިން ހިތުގައި ނުޖައްސައި ޓީމުގެ ކޯޗުކަމުން އިސްތިއުފާދިނުމަށް ގޮވާލަން.
ރަދީފް
14 November 2017
''އަހަންނަށް މި ހާލަތުގައި ނަތީޖާ ނެރެވިއްޖިއްޔާ އަހަރެން ހުންނާނީ ކޯޗުކޮށްދޭން ޔޫރަޕުގައި''. އޮސްޓްރޭލިޔާގެ ރަގްބީ ޓީމާއި ހަވާލްވުން ބުއްދިވެރި. ވ.ވެދުން
ކިއްސަރު
14 November 2017
އަނހަނ، މިޖެހުނީ ކޮންތާކު މިހާރު؟؟!!! ދިގުދަތުރު ކޮށްފަ ކުޅެން އާދަވެފަ ހުރި ބަޔަކު ޓިމަށް ނުނެގީ ކީއްވެ؟؟ ރާއްޖެތެރޭ ޓީމްތަށް ރަށުގަ ޕްރެކްޓިސްކޮށްފ ަމާލެ އަންނަނީ މެޗަށް، ނިންމާފ ައަނބުރާ ރަށަށް. މިގޮތަށް އުޅެން ފިޓްވެފަހުރި ޓީމެއްގެ އެއްވެސް މީހަކު ނުނަގާ، ދެން މިހާރު ދިގު ދަތުރޭ، ފަޅޮލޭ ތިކިޔަނީ ކީއްވެ؟؟؟!!!!
ބޯގަންވިލާ އަހުމަދުބެ
14 November 2017
ބަލަ ފަލަސްތީން ޓީމް ވެސް ރާއްޖެ އައީ 34 ދިގު ދަތުރެއް ކޮއްފަ ، ދެން ކީއްވެ އެމީހުން 3 ލަޑުން ރާއްޖެ އަތުން މޮޅުވީ ވ ޖޯކް
ރަދީފް
14 November 2017
ގުޑްލަކް.މޮޅުވާނެކަމަށް އުއްމީދުކުރަން.
އެޑަމް
14 November 2017
ދިވެހިން ފްޓްބޯޅަކުޅެން އުޅޭނެކަމެއް ނެތް ކޮންމެވެސް އެހެންކަމެއް ކުރަންވީ. މިހާރު ދެން ޤައުމީ ޓީމް ހަދައިގެން މުބާރާތްތަކުގަ ބައިވެރިވެވޭވަރުގެ ފެންވަރެއް ނެތް. މިހިސާބަށް މިކަން ދިޔައީ ގިނަ ބައެއްގެ އިޙްމާލުން ހުރިހާކަމަކަށް އަތްބާނާ ނުފޫޒު ފޯރުވާ ކަންކަން ކުރަންވީމަ މިހެންވީ، ކުރީގަ ރާއްޖޭގެ ޓީމާ ވާދަކުރަން މިސަރަހައްދުގެ ކޮންމެ ޓީމަކުންވެސް ޖެހިލުންވާނެ، އެކަމަކު މިހާރު އެމީހުނަށް ތިން ޕޮއިންޓް ޔަޤީންވާނެ ރާއްޖޭގެ މެޗްގެ ކުރިން...