ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޯ.-- ފޮޓޯ: އޭއެފްޕީ
05 ޖުލައި 2016 - 12:58
ޕެރިސް، ފްރާންސް (ޖުލައި 5) - ޔޫރޯގެ ސެމީ ފައިނަލުން ފްރާންސް ޖާގަ ހޯދުމުގައި އެ ޓީމުގެ ފޯވާޑް އޮލިވިއޭ ޖިރޯގެ ދައުރު ބޮޑު ކަމަށް ޖަރުމަނުގެ ކުރީގެ ކެޕްޓަން މައިކަލް ބަލަކް ބުނެފި އެވެ.
ޔޫރޯގައި މިހާތަނަށް ޖިރޯ ވަނީ ތިން ލަނޑު ޖަހައިފަ އެވެ. އޭގެ ތެރެއިން ދެ ލަނޑަކީ ކުއާޓާ ފައިނަލުގައި އައިސްލެންޑް ކޮޅަށް ޖެހި ދެ ލަނޑެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބުނީ ވެސް އޭނާ އަށެވެ. ބަލަކް ބުނީ ޖިރޯ އަށް ފާޑުކިއުންތައް އަމާޒުވި ނަމަވެސް އޭނާ އަކީ އެ ޓީމުގެ މުހިއްމު ކުޅުންތެރިއެއް ކަމަށެވެ.
"ޖިރޯ އަކީ އެހާ ފާސްޓް ކުޅުންތެރިއަކަށް ނުވީމަ އޭނަ އަށް ވަރަށް ގިނަ ފާޑުކިއުން ވަނީ އަމާޒުވެފައި. އެކަމަކު އަހަންނަށް އޭނާ ވަރަށް މޮޅު. ފްރާންސަށް ވަރަށް އޭނާގެ މުހިއްމުކަން ބޮޑު. ޖިރޯ ކުޅޭ މަގާމަށް އޭނާ އަށް ވުރެން މޮޅަށް ކުޅޭ އެހެން ކުޅުންތެރިއަކު ޔޫރޯގައި ނެތް،" ބަލަކް ބުންޏެވެ.
އޭނާ ބުނީ ސެމީ ފައިނަލުގައި ޖަރުމަނުން އެންމެ ސަމާލުވާން ޖެހޭނެ ކުޅުންތެރިންގެ ތެރޭގައި ޖިރޯ ހިމެނޭ ކަމަށެވެ.
"ފްރާންސްގައި ތިބި މަޝްހޫރު ކުޅުންތެރިން ކަމަށްވާ ޕޮގްބާ އާއި ޕަޔެޓް މެން ފަދަ ކުޅުންތެރިންނަށްދޭ ސަމާލުކަން ޖިރޯ އަށް ވެސް ދޭން ޖެހޭ. އެއީ ފޯމަށް ބަލާއިރު ޖިރޯ ވެސް އަންނަނީ ތަފާތު ދައްކަމުން،" ކުރިން ޗެލްސީ އަށް ކުޅުނު ބަލަކް ބުންޏެވެ.
އުމުރުން 29 އަހަރުގެ ޖިރޯ އަކީ މިފަހަރުގެ ޔޫރޯގައި ފްރާންސްގެ އެއް ވަނަ ފޯވާޑެވެ. ފްރާންސްގެ ކުރީގެ ކުޅުންތެރިއާ އެމަނުއެލް ޕެޓިޓް ވަނީ ކަރިމް ބެންޒެމާ ޓީމުގައި ނެތްތަން ޖިރޯ ފޫބައްދަމުން އަންނަ ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy