ކުޅިވަރު / ކްރިކެޓް

ކުޑަ ގައުމެއް، ބޮޑު އުއްމީދެއް: ހަސަން، ހިތްވަރުކޮށްލާ!

ގައުމީ ޓީމުގެ ޕްރެކްޓިސް ސެޝަނެއްގައި ހަސަން ފަރިތަކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުރުސަތެއް ހޯދައިދިނަސް ބައެއް ދިވެހި ކުޅުންތެރިން ފެންނަނީ އެކަމަށް ފުރަގަސްދޭ ތަނެވެ. ބުރަކޮށް މަސައްކަތްކުރަން ފަސް ޖެހެނީ އެވެ. އެކަމަކު ކްރިކެޓް ތަރި ހަސަން އިބްރާހިމް މިއީ އޭގެ އަނެއްކޮޅެވެ. ބައިނަލްއަގްވާމީ ފެންވަރުގެ ކޯޗެއްގެ އެހީތެރިކަން އަމިއްލަ އަށް ހޯދައި، ވަރުގަދަ އަމާޒެއް އޮވެގެން ބުރަކޮށް މަސައްކަތްކުރަމުން އަންތަނާ ދުވަސްތަކެއްވެއްޖެ އެވެ.

ހަސަންގެ އަމާޒަކީ ކޮބާ ހެއްޔެވެ؟

"ދުނިޔޭގެ ބޮޑު ފްރަންޗައިސް ކްރިކެޓް ލީގެއްގައި ކުޅެލުން. އިންޑިއަން ޕްރިމިއާ ލީގު ނޫނީ އޮސްޓްރޭލިއާގެ ބިގް ބޭޝް ލީގުގެ ޓީމަކަށް އެރުން އެއީ ދެކޭ ހުވަފެނަކީ،"

ރާއްޖޭން ބޭރުގެ ޓީމަކަށް ކުޅުނު ދިވެހި ފުރަތަމަ ކްރިކެޓް ކުޅުންތެރިޔާގެ ގޮތުގައި މެލޭޝިއާގެ ސްޓޭޓް ލީގުގެ ޕިނޭންގް ޓީމަށް މި އަހަރު ކުޅުނު ހަސަންގެ މި ވާހަކަތަކުން ހައިރާންކަން ލިބިދާނެ އެވެ. ކްރިކެޓުގެ ދުނިޔޭގެ ޗެމްޕިއަނުން ކަމަށްވާ އިންޑިއާ އާއި ސްރީ ލަންކާ އާއި ޕާކިސްތާން ފަދަ ގައުމުތަކުގެ އަވަށްޓެރިންގެ ގޮތުގައި ރާއްޖެ އޮތަސް ދުނިޔޭގެ ފެންވަރުގެ ކްރިކެޓުގައި ރާއްޖެ އަކީ އާދައިގެ ގައުމެކެވެ. އެހެންވެ ދިވެއްސަކަށް ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކްރިކެޓް ލީގަކާ ހަމައަށް ދެވިދާނެ ހެއްޔެވެ؟

"ކީއްވެ ނުދެވެންވީ؟ ކާކު ބުނާނީ އަފްގާނިސްތާނުގެ ރާޝިދު ހާނަށް އެހިސާބަށް ދެވިދަނެޔޭ؟ ކާމިޔާބަކީ ގައުމުގެ ސައިޒުން ވާ ކަމެއް ނޫން. އެހެން ނަމަ ކީއްވެ އައިސްލެންޑް ވޯލްޑް ކަޕަށް ދާނީ؟،" ޖަވާބު ދިނީ ހަސަންގެ ކޯޗު އޮސްޓްރޭލިއާގެ ޑީން ވުޑްފޯޑެވެ.

ހަސަންގެ ކޯޗު ޑީން. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ބަންގްލަދޭޝް، ޒިމްބާބްވޭ އަދި އަފްގާނިސްތާން ގައުމީ ޓީމާއި ޕާކިސްތާނާއި އޮސްޓްރޭލިއާ ކްރިކެޓް ލީގުގެ ކްލަބްތަކާ އެކު މަސައްކަތްކޮށްފައިވާ ޑީން އަންނަނީ ހަސަންގެ އެ އުއްމީދުތައް ހަގީގަތަކަށް ހަދައިދޭން މަސައްކަތްކުރަމުންނެވެ. އެގޮތުން އޭނާ މިހާރު ވަނީ އޮސްޓްރޭލިއާގެ ބިގް ބޭޝްގައި ވާދަކުރާ މެލްބަން ރެނެގޭޑްސްގެ ސްކޮޑާ އެކު ތަމްރީން ހެދުމުގެ ފުރުސަތު ހަސަން، 26، އަށް ހޯދައިދީފަ އެވެ. މީގެ އިތުރުން އޮސްޓްރޭލިއާގެ ވިކްޓޯރިއާ ޕްރިމިއާ ލީގުގައި ކާލްޓަން ކްރިކެޓް ކްލަބަށް ކުޅުމުގެ ފުރުސަތު ވެސް ވަނީ ލިބިފަ އެވެ.

އަންނަ މަހުގެ 1 ވަނަ ދުވަހު އޮސްޓްރޭލިއާ އަށް ގޮސް، ބިގް ބޭޝް ކުރިއަށްދާ ދެ މަހެއްހާ ދުވަހު އެ ކްލަބާ އެކު ހަދާ ތަމްރީންތައް ވެގެންދާނީ ހަސަންގެ ހުވަފެނުގައި ކުލަޖެއްސުމަށްޓަކައި ކުރިއަށް އަޅާ ދިގު ފިޔަވަޅަކެވެ. އޮސްޓްރޭލިއާގެ ވަންޑޭ ޓީމުގެ އޯޕަނިން ބެޓްސްމަން އާރޮން ފިންޗް ފަދަ ބައިނަލްއަގްވާމީ ތަރިން ހިމެނޭ ރެނެގޭޑްސްއާ އެކު ހަސަނަށް އަގުނުކުރެވޭ ފަދަ އެތައް ތަޖުރިބާއަކާއި ތަމްރީނެއް ލިބިގެންދާނެ ކަމަށް ޑީން ދެކެ އެވެ. އަދި ވިކްޓޯރިއާ ޕްރިމިއާ ލީގުގައި ކުޅުމަކީ ވެސް ހަސަންގެ ފެންވަރު ދައްކާލަން ލިބިފައިވާ ރަނުގެ ފުރުސަތެކެވެ.

"އަހަރެމެން މި ދައްކަނީ ކްރިކެޓުގެ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ލީގުގެ ޓީމެއްގެ ވާހަކަ. އެ ޓީމާ އެކު އޭނާ އުޅެލުމުން ވަރަށް ގިނަ ކަންތައްތަކެއް ދަސްވާނެ. ލިބޭ ތަމްރީންތަކުގެ އިތުރުން ޕްރޮފެޝަނަލް ކުޅުންތެރިންގެ އުސޫލުތަކާއި ގެންއުޅެން ޖެހޭ ހަމަތައް ދަސްވާނެ،" ރާއްޖޭގެ އެންމެ ބާރު އުކުންތެރިއާއާ ބެހޭގޮތުން ޑީން ބުންޏެވެ. "މީގެ ސަބަބުން ދިވެހި ކްރިކެޓަށް ވެސް ފައިދާކުރާނެ."

ރާއްޖޭގެ 50 އޯވަރު އަދި ޓްވެންޓީ20 ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަންގެ ފަރާތުން މިހާރު ވެސް ޑީން އަށް އުއްމީދީ ކުލަވަރު ފެނެ އެވެ. އެންމެ ފުރަތަމަ ކަމަކަށް އަމިއްލަ އަށް އިސްނަގައިގެން އޭނާ ގާތަށް ތަމްރީނަށް ހަސަން އައުމަކީ ވެސް ޑީން ދެކޭ ގޮތުގައި ހަސަންގެ ކިބައިގައި ދަސްކުރުމުގެ ސިފަ ހުރި ކަމުގެ ހެއްކެކެވެ.

ހަސަންގެ ތަމްރީން ހަދަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

"އޭނާ ފެންނަނީ ވަރަށް ބޮޑަށް ކުރިއަރަން ބޭނުންވާ ކުޅުންތެރިއެއްގެ ގޮތުގައި. ހަގީގަތުގައި އަހަރެން އެ ފުރުސަތެއް ހޯދައިނުވެސް ދޭނަން އެ ކުޅުންތެރިއެއްގެ އަޒުމެއް ނެތިއްޔާ. އޭނާގެ ކިބައިގައި އަމާޒެއް އެބައޮތް އަޒުމެއް އެބައޮތް. އެހެންވެ މި ފުރުސަތު ހޯދައިދެނީ،" ޑީން ބުންޏެވެ.

ދިވެއްސަކާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ޑީންގެ ބެލުމުގެ ދަށުން ހަސަން ވަނީ ޓެކްނިކަލް، ޓެކްޓިކަލް، ފިޒިކަލް ތަމްރީންތައް ހަދައި ކޮންޑިޝަނިން ސެޝަންތައް ވެސް ފުރިހަމަކޮށްފަ އެވެ. އެކި ކޯޗިން ސެޝަންތައް ނަގައިދިނުމަށް އޭނާ ރާއްޖޭން ބޭރަށް ދޭތެރެދޭތެރެއިން ދިޔަ ނަމަވެސް އޭނާގެ ޕްރޮގްރާމާ އެއްގޮތަށް ހަސަން ތަމްރީން ކުރިއަށްގެންދެ އެވެ. އޮސްޓްރޭލިއާ އިން ހަސަން އައުމާ އެކު އޭނާގެ ކުރިއެރުން ޑީން ވަޒަންކުރާނެ އެވެ.

ޑީން ބުނި ގޮތުގައި މީގައި މުހިއްމީ އެ އެތުލީޓަކު އުފަންވީ ގައުމެއް ނޫނެވެ. އަދި މުހިއްމީ ބުރަ މަސައްކަތާއި ކަމެއް ކަމޭ ހިތުން ކަމަށާއި އޭނާ އަށް އެފަދަ އެތައް ކުޅުންތެރިންތަކެއް ފެނިފައިވާ ކަމަށް ޑީން ބުންޏެވެ.

"މީގެ 10 އަހަރު ކުރިން ކާކު ބުނާނީ އަފްގާނިސްތާނުގެ ރާޝިދު ހާން އިންޑިއަން ޕްރިމިއާ ލީގުގައި ކުޅޭނެޔޭ؟ ހަސަންގެ ޓާގެޓަކީ ވެސް ފްރެންޗައިސް ލީގެއްގައި ކުޅެލުން. އޭނާ އަށް ވެސް އެ ހިސާބަށް ދެވިދާނެ. އެކަމަކު ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށްދާނީ،" ޑީން ބުންޏެވެ.

ޑީން: ހަސަނާ މެދު އުއްމީދުތަކެއް ކުރޭ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އަމިއްލަ އަށް ފަންޑްކޮށްގެން ހަސަން މި ހޯދާ ފުރުސަތާ އެކު ހަސަން ހުރީ އެހީތެރިކަމަށް ވެސް އެދިގެންނެވެ. ކުޑަކުޑަ ގައުމެއްގެ ކްރިކެޓް ކުޅުންތެރިއެއްގެ މި ބޮޑު އުއްމީދު ފުރިހަމަ ކުރުމަށް، އަމިއްލަ އަށް ކުރަން ޖެހޭ ހިތްވަރެއް ވެއްޖެއްޔާ އޭނާ ކުރަމުންނެވެ.

"ވަރަށް ބޮޑު ގުރުބާނީތަކެއް ވާން ޖެހޭ. ޓްރެއިނިންގެ އިތުރުން ކެއުން ވެސް ވަކި ގޮތަކަށް ބަހައްޓައިގެން މި ކުރިއަށްދަނީ،" ނިއު ރޭޑިއަންޓަށް ކުރިން ފުޓްބޯޅަ ކުޅުނު އިބްރާހިމް ރަޝީދު (ލޯންގޭ) ގެ ދަރިފުޅު ހަސަން ބުންޏެވެ.

"ޑީން އަކީ ކިހާ ފެންވަރެއްގެ ކޯޗެއްކަން އެނގުމުން ފުރަތަމަ ވެސް ބޭނުންވީ އޭނާގެ އެހީތެރިކަން އެންމެ ފުރިހަމަ ގޮތުގައި ހިފަން. އެކަން މިހާރު ހާސިލްވަމުން މި އަންނަނީ. އޭނާ ވެސް އަދި އަޅުގަނޑު ވެސް ގަބޫލުކުރަނީ ކުޅުންތެރިއާ ކޮންމެ ތަނަކުން އުފަންވިޔަސް މަސައްކަތްކޮށްފިއްޔާ އުހަށް ވާސިލްވެވިދާނެކަން."

ޕިނޭންގް ޓީމުން މި އަހަރު ލިބުނު ފުރުސަތަށް ފަހު ހަސަން އޭރު ބުނީ "ބޭނުންވަނީ މި ފުރުސަތުގެ ބޭނުން ހިފައި އެހެން ހަރުފަތަކަށް ދިއުމަށް" ކަމަށާއި "މިއަށް ވުރެ ވެސް މަތީ ފެންވަރުގެ ޓީމުތަކަށް ކުޅެން ބޭނުންވާ" ކަމަށެވެ.

ހަސަން ޕްރެކްޓިހުގައި އުކަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ކްރިކެޓް ބޯޑުން 2000 ވަނަ އަހަރު ފެށި "2000 ކްރިކެޓް އެންޑް ބިޔޯންޑް" ޕްރޮގްރާމުގެ ތެރެއިން މި ކުޅިވަރުގެ ތެރެއަށް ވަދެ އުމުރުން 15 އަހަރުގައި 2006 ވަނަ އަހަރު ގައުމީ ޓީމުން ޖާގަ ހޯދި ހަސަން ވަނީ 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އާއި 2010 އަދި 2014 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި ގައުމީ ޓީމަށް ކުޅެފަ އެވެ. އޭނާ އަކީ 2010 ވަނަ އަހަރުގެ އޭސީސީ ޗެލެންޖް ޓްރޮފީ ކާމިޔާބުކުރި ކްރިކެޓް ޓީމުގެ މެމްބަރެކެވެ.

"އެ ކާމިޔާބީތަކާ މެދު ފަހުރުވެރިވޭ. މިހާރު މި އުއްމީދުކުރަނީ އަނެއްކާ ވެސް ރާއްޖެ އަށް ފަހުރުވެރި ނަމެއް ހޯދައިދެވޭތޯ. ކިތަންމެ ކުޑަ ގައުމެއް ވިޔަސް ކުރިއަށްދެވިދާނެކަން ސާބިތުކޮށްދޭން ބޭނުންވަނީ،" ކުޅިވަރުގެ ރޮނގުން އޮސްޓްރޭލިއާގައި މަތީ ތައުލީމް ހާސިލްކޮށްފައިވާ ހަސަން ބުންޏެވެ.

2 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކައުންސެލަރު

13 November 2017

ހަސަން މަރުހަބާ! ހުރިހާވެސް ކާމިޔާބީއަކަށް އެދެން.

The name is already taken The name is available. Register?

އިބްރާހިމް

13 November 2017

އަހަރެންވެސް އެއް އިރެއްގައި ވަރަށް ބާރައް އުކިން. ނަމަވެސް އޭރުގަ ތިޔަފަދަ ވިސްނުމެއް ނާދޭ. އަރެންގެ ހެޔޮ ދުވާ ތިޔަ ބޭފުޅާޔާއެކު ވަނީ. އަހަރެން ﷲ ހަޒުރަތުން އެދި ދުވާ ކުރަނީ ތިބޭފުޅާގެ ތިޔަ ހުވަފެން ހަގީ ގަތަކަށް ވުމައް. އާމީމް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454