މިދިޔަ މާޗް މަހު ފަލަސްތީނާއި ރާއްޖެ މާލޭގައި ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
15 ނޮވެމްބަރ 2017 - 13:11
ޔޫއޭއީގައި 2019 ވަނަ އަހަރު އޮންނަ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ރާއްޖެ އަށް ގެއްލުނީ ގްރޫޕްގައި ދެން އޮތް އޮމާނާއި ފަލަސްތީނަކީ ވަރުގަދަ ދެ ޓީމުތައް ކަމަށް ވުމުން ނޫން ކަމަށް ފަލަސްތީނުގެ ކޯޗު އަބްދުލް ނާސިރު ބަރަކާތު ބުނެފި އެވެ.
ކޮންމެ ޓީމެއް ފަސް މެޗު ކުޅުނުއިރު ކޮލިފައިން ގްރޫޕް ޑީން އޭޝިއަން ކަޕުގެ ދެ ޖާގަ ހޯދާފައިވަނީ ފަލަސްތީނާއި އޮމާނެވެ.
ގްރޫޕުގެ އެއް ވަނައިގައި ފަލަސްތީން އޮތީ 100 ޕަސެންޓް ރެކޯޑަކާ އެކު ހުރިހާ މެޗަކުން މޮޅުވެ 15 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް އޮމާނަށް 12 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ރާއްޖެ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ބޫޓާނަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ކޮލިފައިން ފަހު މެޗުގައި އަންނަ އަހަރު މާޗް 27 ގައި ރާއްޖެ އަމިއްލަ ދަނޑުގައި ކުޅޭނީ ބޫޓާނާ އެވެ.
މުބާރާތަށް ކޮލިފައިވުމުގެ ހުރިހާ ދޮރެއް ރާއްޖެ އަށް ބަންދުވީ ރޭ ފަަލަސްތީންގެ ޖެނިންގައި ކުޅުނު މެޗުން 8-1 އިން ބަލިވުމުންނެވެ. މެޗަށް ފަހު ފަލަސްތީންގެ ކޯޗު ބަރަކާތު ބުނީ އިތުރު ލަނޑުތަކެއް ޖެހޭނެ ކަމަށް އުއްމީދުކުރި ކަމަށެވެ.
"އަހަރެން އުއްމީދުކުރިން އިތުރު ލަނޑުތަކެއް ޖެހޭނެކަމަށް. އެކަމަކު ގަބޫލުކުރަން ޖެހޭ ރާއްޖެ ޓީމު ވެސް ވަރުގަދަކަން. މި ނަތީޖާ ކިތަންމެ ބޮޑުވިޔަސް އޮމާނާ ދެކޮޅަށް ވެސް ރާއްޖޭން ރަނގަޅަށް ކުޅުނުކަން ފާހަގަކުރަން. އެކަމަކު ބައެއް ފަހަރު ކޮލިފައިވުމަށް ކުރާ މަސައްކަތް ކާމިޔާބު ނުވެދާނެ،" ބަރަކާތު ބުންޏެވެ.
މާލޭގައި ކުޅުނު މެޗުގެ ތެރެއިން ފަލަސްތީން ކުޅުންތެރިއަކު ދިވެހި ސަޕޯޓަރުންނާ ސަލާމްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ކޮލިފައިންގައި މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ރާއްޖެ މޮޅުވީ ބޫޓާން އަތުން ރަށުން ބޭރުގަ އެވެ. އޮމާނާއި ފަލަސްތީނާ ދެކޮޅަށް ކުޅުނު މެޗުތަކުންވީ ބައްޔެވެ. ފަލަސްތީން އަތުން މާލޭގައި 3-0 އިން ބަލިވިއިރު، އޮމާން އަތުން ރަށުން ބޭރުގައި ވަނީ 5-0 އިން ބަލިވެފަ އެވެ. އަދި އަމިއްލަ ދަނޑުގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 3-1 އިންނެވެ.
ބަރަކާތު ބުނީ ޖުމްލަ ގޮތެއްގައި ކޮލިފައިންގައި ރާއްޖޭން ދެއްކި ކުޅުން ރަނގަޅު ނަމަވެސް އެކި ސަބަބުތަކާ ހުރެ ކޮލިފައިވާން ބޭނުންވާ ވަރުގެ ކުޅުމެއް ނުދެއްކޭ ކަމަށެވެ.
"މި ފަހަރު ކޮލިފައިންގައި ރާއްޖޭން ޖުމްލަކޮށް ރަނގަަޅަށް ކުޅެފައިވާކަން ފާހަގަކުރަން. އެކަމަކު ކޮލިފައިނުވުމުން އެބަ އެނގޭ އެހެން ކަންތައްތަކެއް ރަނގަޅަށް ނުކުރެވި ހުރިކަން. ދެން އަހަރެމެންނާ (ފަލަސްތީން) އާއި އޮމާން އަކީ ވަރުގަދަ ދެ ޓީމު ކަމުގައި ވިޔަސް އެއީ އެއް ނޫން ހަމައެކަނި ރާއްޖެ އަށް އޮތް މައްސަލަ އަކީ،" ބަރަކާތު ބުންޏެވެ.
ފަލަސްތީނުން 2015 ވަނަ އަހަރު އޮސްޓްރޭލިއާގައި އޮތް އޭޝިއަން ކަޕަށް ކޮލިފައިވީ 2014 ވަނަ އަހަރު ރާއްޖޭގައި އޮތް އޭއެފްސީ ޗެލެންޖް ކަޕްގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. އަދި ޔޫއޭއީގައި 2019 ވަނަ އަހަރު އޮންނަ ސަރަހައްދުގެ އެންމެ ބޮޑު މުބާރާތުގެ ފުރުސަތު ފަލަސްތީނުން މި ހޯދީ ރާއްޖޭގެ މައްޗަށް ދެ ފަހަރު ކުރި ހޯދައިގެންނެވެ.
ކޮލިފައިންގައި ކުޅޭ ފަހު މެޗުތައް އޮންނާނީ އަންނަ އަހަރު މާޗް މަހު 27 ގަ އެވެ. އެ ދުވަހު މާލޭގައި ރާއްޖެ ކުޅޭނީ ބޫޓާންއާ އެވެ. ގްރޫޕް އެއް ވަނަ ދިފާއުކުރަން މަސްކަޓްގައި އޮމާނާ ދެކޮޅަށް ފަލަސްތީން ނުކުންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދާގީނާ
16 November 2017
ފުޓްބޯޅަ ދަށަށް ދަނީ ފުޓްސަލްގެ ސަބަބުންނެކޭ ނެތް ބުނެވޭކަށް. އޮއްޕޮ، އަލީ އުމަރު، އަޝްފާގު މި އެންމެން ނަކީވެސް އެމީހުންގެ ރަންޒަމާނުގައި ފުޓްސަލް އަދި ފުޓްބޯޅަ އެކުގައި ކުޅުނު މީހުން. އެގޮތަށް ކުޅުނެކޭ ކިޔާފަ ނެތް އެމީހުންގެ ފެންވަރު އަދި ޖުމްލަކޮށް ދިވެހި ފުޓްބޯޅައިގެ ފެންވަރު ވެއްޓިފައެއް، ސާފް ޗެމްޕިއަންކަން ހޯދީވެސް މިފަދަ ދުވަސްވަރެއްގައި. ދެން އަނެއްކާ ކުޑަ މޫސަމެންގެ ރަންޒަމާނުގައި ވެސް ފުޓްބޯޅަ ކުޅެމުން ވޮލީވެސް ކުޅުނު. މީގަ އަސްލު މައްސަލަ އަކީ އެއްވެސް ހަމަ އެއް ނެތި އެކަންކަން ކުރުން. މިސާލަކަށް މާދަމާ ފައިނަލް މެޗެއް އޮއްވާ، ގޭދޮށު ފުޓްސަލް ޓީމަށް މިއަދު މެޗެއް ކުޅެލަފާނެ!! މިފަދަ ކަންކަން ކުރާތީ އެމީހަކަށް ގިނަގިނައިން އަނިޔާވުން ފަދަ ކަންކަން ދިމާވަނީ. ހަމަ މިގޮތަށް ދިމާވާނެ މީހާއަށް ނުކަތާ ވަރަށް ބޮޑު ފުޓްބޯޅަކުޅުނަސްވެސް. ވީމާ ފުޓްސަލް އެއްނޫން މައްސަލަ އަކީ!!!
ހަސންނު
16 November 2017
ފުޓްބޯޅަ ދަށަށް ދަނީ ފުޓްސަލް މާ ގިނައިންކުޅެން ފެށުމުން ކުޅުމުގެ ސްތައިލް އަސް ބަދަލު އަންނާތީ. ރާއްޖޭގަ ބޮޑު މުބާރާތް ކުޅެނީވެސް ފުޓްސަލް ކުޅޭ މީހުން. އެއީ ވަރަށް ތަފާތު އެއްޗެއް. ފުޓްސަލް އަކީ ގައިގަވެސް ނުޖެހި ކުޑަ ދަޑެއްގަ ކުޅޭ އެއްޗެއް. ފުޓްސަލް މަދުކޮށް ބޮޑެތި މުބާރާތް އިތުރު ކޮށްގެން ނޫނީ ކުރިއެރުމެއް ނެތް. ބޭރު ގައުމުތަކަށްވެސް ބަލަމާ.
ރާއްޖެ
16 November 2017
ފުޓްބޯޅަ ދަށަށް ދިޔުމާއި ފްޓްސަލް އާއި ގުޅުމެއް އޮވެދާނެހެން ހީވޭ. މިހެން މިދެންނެވީ ފުޓްސަލް ފޯރި ގަދަވުމާއި ދިމާކޮށް ފުޓްބޯޅަ އަޑިއަޅާލީމަ. ހުނަރުވެރި ޒުވާނުން ފުޓްސަލްއަށް މާ ޝައުގުވެރިވޭ. މުބާރާތްތަށް ވެސް އެހާގިނަ. ހީވަނީ ފައިސާވެސް މާގިނައިން ލިބޭހެން.
ފާއިޒް
15 November 2017
ފަލަސްތީނު މީހުން ދުފާތަ؟ އެއީ ތަފާތަކީ
ސައިީދު
15 November 2017
ފުޓްބޯޅަ ދަށަށް
ަޔޔޔަ
15 November 2017
ރާއްޖެ ފުޓްބޯޅައިގަ ވަރަށް ބާރަށް ކުރިއަރާއެބަ ދޯ
ރަދީފް
15 November 2017
މަރުހަބާ ފަލަސްތީން.ވާ ޓޯން ކަންޓްރީއެއް ފުޓްބޯޅައިގަ ތިހޯދާ ކާމިޔާބީއާއި މެދު އުފާކުރަން.ރާއްޖެ ކޯޗް އިސްތިއުފާ.
Wadde
15 November 2017
އިސްތިއުފާ ދޭންވީ ކޯޗެއްނޫން. ޢެފް އޭ އެމް ހިންގަންތިބި ނާގާބިލް ވެރިން.
ހވުާ
15 November 2017
ކޯޗުން ކިތަންމެ މޮޅު ކޯޗެއް ގެނެއަސް ނުވާނެ، ކޯޗުގެ މައްސަލައަކުން އެކަނި ވާކަމެއް ނޫން.
ލޯންސްޓަރ
15 November 2017
ހުރިހާ މީހުން އިސްތިއުފާ.ބައްސާމް ދޭބަލަ މަހަށް.
ރަދީފު ވާނުވާ
16 November 2017
ހަމަ ކަމެއް ވާ އިރަށް އިސްތިއުފާ ދޭން ޖެހޭތަ؟ ތިކަހަލަ ވާނުވާ ނޭނގޭ މީހުން އުޅޭތީ މައްސަލަ އަކީ... ޓީމު މޮޅު ނުވެވޭ ސަބަބު ހޯދަންވީ، އެފް.އޭ.އެމް އަށް ސިޔާސީ ކްލީން ސްޕްރޭ ޖަހާގެން އެތަން ސާފު ކުރަންވީ..
ލޯންސްޓަރ
18 November 2017
ރަދީފް ވާނުވާގެ ނަމުގަ ކޮމެންޓް ކުރި މިހާއަށް.އިނގިރޭސި ޕްރިމިއަރ ލީގްގަ މެޗްތަކުން ޓީމްތައް ބަލިވުމުން ކޯޗް މަގާމުން ވަކިކުރާކަން ކަލެއަށް ނޭނގޭތަ؟. ވާނުވާ ނޭނގުނީ ކާކަށް ތޯ ދެން ބަލާބަލަ.ކަލޭ އޮވެބަލަ ވަޅުގަ.