18 ނޮވެމްބަރ 2017 - 07:13
ނިއު ރޭޑިއަންޓާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު އެއް އަހަރަށް އާ ކުރީ އެ ޓީމާ އެކު އަންނަ އަހަރުގެ އޭއެފްސީ ކަޕުގައި ވާދަކުރަން ބޭނުންވާތީ ކަމަށް ޓީމުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.
ނިއު އިން މި ސީޒަނަށް ބޮޑު ހަރަދުކޮށްގެން ނުކުތީ ސީޒަނުގެ ހުރިހާ ތަށްޓެއް ކާމިޔާބު ކުރަން ޓާގެޓް ކޮށްގެންނެވެ. މާލޭ ލީގުގެ ފުރަތަމަ ބުރުގައި ނަތީޖާތައް އެންމެ ރަނގަޅު ނުވުމުން ކުރިން ކޯޗަކަށް ހުރި ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭސް ވަނީ ދެ ވަނަ ބުރުގެ ދެ ވަނަ މެޗަށް ފަހު މަގާމުން ވަކިކޮށްފަ އެވެ. އޮސްކާ ނިއު އަށް ކޯޗުކޮށްދިނީ ހަތަރު މެޗުގަ އެވެ. އޭގެ ތެރެއިން މޮޅުވީ ޔުނައިޓެޑް ވިކްޓަރީ އަތުންނެވެ. ދެން އީގަލްސް، ވިކްޓަރީ އަދި މާޒިޔާއާ ކުޅެގެންވީ އެއްވަރެވެ.
އެހެން ނަމަވެސް އޮސްކާގެ ގޭމް ޕްލޭނަށް ނިއު ހޭނި އެ ޓީމުން އަންނަނީ ތަފާތު ދައްކަމުންނެވެ. އަދި އެ ޓީމުން ވަނީ އެންމެ ފަހުން ކުޅުނު 10 މެޗުން ވެސް މޮޅުވެފަ އެވެ. މިއީ އޮސްކާގެ ކޯޗިން ކެރިއަރުގައި ވެސް ހާއްސަ ކާމިޔާބީ އެކެވެ.
ނިއު އިން ވަނީ އޮސްކާއާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު އެއް އަހަރަށް އާ ކޮށްފަ އެވެ. އޮސްކާ ބުނީ ބޭނުންވަނީ ސަރަހައްދީ ފެންވަރުގައި ވާދަކުރުމަށް ކަމަށެވެ.
"އަހަރެން ފުރަތަަމަ ވެސް ބޭނުންވީ (ނިއު ގޮވައިގެން) އޭއެފްސީ ކަޕުގައި ކުޅެން. އަހަރެން އައި ދުވަހުން ފެށިގެން އަހަރެން ޗެއާމަން ކައިރީގައި ބުނަމުން އައީ މިހެން. އެމީހުން ވެސް ހުރީ މި ވިސްނުމާ އެއްގޮތަށް. ދެން ދެބައި މީހުންގެ ހިޔާލު އެއްގޮތްވުމުން ކުރިއަށްދާން ފަސޭހަވީ. މީގެ އެއްވެސް ސިއްރެއް ނެތް. ޓެކްނިކަލީ އަހަރެން ކުރާ މަސައްކަތުގައި ޗެއާމަނާއި އެހެން މީހެއްގެ ނުފޫޒެއް ނެތުމުން އަހަރެން މަޑުކުރަން ބޭނުންވީ،" ލީގުގައި އެންމެ ފަހުން ދ. ކުޑަހުވަދޫ އަތުން މޮޅުވި މެޗަށް ފަހު އޮސްކާ ބުންޏެވެ.
އޮސްކާ ހަވާލުވި ފަހުން ނިއު އިން ޓްރާންސްފާ މާކެޓްގައި ގެނައި އެއް ކުޅުންތެރިއަކީ ސްޕެއިނުގެ މިޑްފީލްޑަރު ކަންޑޭލާ އެވެ. އޮސްކާގެ ޕްލޭނުގައިވާ ޕާސިން ގޭމުގެ އެންމެ ބޮޑު ރޯލެއް އަދާކުރަނީ ކަންޑޭލާ އެވެ. އޮސްކާ ނިއުގެ ކޮންޓްރެކްޓް އާ ކުރިއިިރު ކަންޑޭލާ ވެސް މަޑުކުރުވަން ޝަރުތުކުރިތޯ ސުވާލުކުރުމުން އޮސްކާ ބުނީ އެއީ ކްލަބްގެ ނިންމުމެއް ކަމަށެވެ.
"މިއީ ކްލަބްގެ ނިންމުމެއް. އަހަރެން ވަަރަށް ހިތްހަމަ ޖެހޭ. މިހާރު ކްލަބްގެ ސްކޮޑާ މެދު އަހަރެން ހިތްހަމަ ޖެހޭ މާ ބޮޑު ބަދަލުތަކެއް ގެންނަން އަހަރެން ބޭނުމެއް ނެތް. ކަންޑޭލާ އަކީ އަހަރެންގެ ވިސްނުމުގައި ކުޅޭ ކުޅުންތެރިއެއް. އޭނާ ދައްކާ ތަފާތު އެންމެނަށް އެބަފެނޭ. އެކަމަކު އަހަރެން ވަކި ކުޅުންތެރިއަކަށް ތައުރީފް ނުކޮށް ބޭނުންވަނީ ޓީމުގެ ހިތްވަރުގެ ވާހަކަ ދައްކަން،" އޮސްކާ ބުންޏެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ނިއު އޮތީ 12 މެޗުން 33 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނަައިގައި އޮތް ޓީސީ އަށް 12 މެޗުން ލިބިފައިވަނީ 29 ޕޮއިންޓެވެ. ލީގު ހޯދަން ބާކީ އޮތް ދެ މެޗުން ނިއު އަށް ބޭނުންވަނީ ދެ ޕޮއިންޓެވެ. އެކަމަކު މާދަމާ ހަވީރު ޓީސީއާ ދެކޮޅަށް ކުޅޭ މެޗުން ނިއު ބަލިނުވެ ފަރުޖައްސާލައިފިނަމަ އެ ޓީމަށް ލީގު ޔަގީންވާނެ އެވެ.
އޮސްކާ ބުނީ ބޭނުންވަނީ ޓީސީ ބަލިކޮށް ލީގު ހޯދުމަށް ކަމަށެވެ.
"އަހަރެމެންނަށް ވަރަށް ރަނގަޅަށް ޓީސީ އެނގޭ. ހަގީގަތުގައި މާޒިޔާއާ ދެކޮޅަށް ކުޅުމަށް ވުރެ އަހަރެމެންނަށް ފަސޭހަ ޓީސީއާ ކުޅެން. މާޒިޔާ އަކީ ވަރަށް ރަނގަޅަށް ޑިފެންސްކޮށްގެން ކުޅޭ ޓީމެއް. މީގެ ކުރިން ވެސް އަހަރެމެން މާޒިޔާ ބަލިކުރަން ވަރަށް އުނދަގޫ ހާލަތެއްގައި އުޅެފިން. އެކަމަކު ޓީސީ އަކީ އަހަރެމެން ކަހަލަ ޓީމެއް. ފުޓްބޯޅަ ކުޅެން އުޅޭ ޓީމެއް. ވަރަށް ރަނގަޅު އެޓޭކިން ގޭމެއް ކުޅޭ ޓީމެއް. ޓީސީ އާއި އަހަރެމެން ކުޅޭ މެޗަކީ ވަރަށް ރީތި ފުޓްބޯޅައިގެ ޕާޓީ އަކަށް ވާނެ،" އޮސްކާ ބުންޏެވެ.
އޭއެފްސީ ކަޕުގެ ސީދާ ޖާގަ ލިބޭނީ ލީގު ޗެމްޕިއަން ޓީމަށެވެ. އެފްއޭ ކަޕް ޗެމްޕިއަން ޖެހޭނީ ޕްލޭއޮފްގައި ކުޅޭށެވެ.
ޓީސީ އާއި ނިއު ކުޅޭ މެޗު އޮންނަނީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާލީމާ
19 November 2017
މިއަދުގެ ހުރިހާ އެދުމެއް ހާސިލްވުމަށް ބޭނުންވަނީ ޓީސީ ބަލިކުރުނ! އަހަރެމެންގެ ހިތް ނިއުޜޭޑިއަންޓުގެ ހަގީގީ ފެންވަރުގާ ކުޅެފިއްޔާ އެއީކީ ނުވާވަރުގެ ކަމެއްނޫން! އިރާދަކުރެއްވިއްޔާ ނިއުރޭޑިއަންޓު ލީގުގެ ޗެންޕިއަންކަން ހޯދާނީ މިއަދު ޓީސީ ބަލިކުރުމަށްފަހު! އިންޝާﷲ! މާތްﷲ މިއަޅާގެ މިއެދުން ފުއްދަވާ ދެއްވާފާންދޭވެ! އާމީން! -އިބްރާހީމް-
ހެންޑެލި
18 November 2017
އިންޝާ ﷲ އިރާދަކުރެއްވިއްޔާ މިސީޒަނުގަ ލީގު ޗެމްޕިއަންކަން ހޯދައި އަންނަ ސީޒަނުގެ އޭ.އެފް.ސީ ކަޕަށް ނިއު ކޮލިފައި ވާނެ