ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
07 ޖުލައި 2016 - 02:28
ލިޔޯން، ފްރާންސް (ޖުލައި 6) - ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑާ އެކު 2-0 އިން ވޭލްސް ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ޕޯޗުގަލް ޖާގަ ހޯދައިފި އެވެ.
މިއީ މިފަހަރުގެ މުބާރާތުގެ މެޗެއްގެ 90 މިނިޓް ތެރޭގައި ޕޯޗުގަލް މޮޅުވި ފުރަތަމަ ފަހަރެވެ. ގްރޫޕް ސްޓޭޖުގެ ތިން މެޗުންވީ އެއްވަރެވެ. ދެ ވަނަ ބުރުގައި ކްރޮއޭޝިއާ އަތުން މޮޅުވީ އިތުރު ވަގުތުގެ ދެ ވަނަ ހާފްގައި ޖެހި ލަނޑުންނެވެ. ކުއާޓާގައި ޕޮލެންޑް އަތުން މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ.
މިރޭގެ މެޗުގައި ރޮނާލްޑޯ ޖެހި ލަނޑާ އެކު އޭނާ ވަނީ ޔޫރޯގައި އެންމެ ގިނަ ލަނޑު ޖަހައިގެން ފްރާންސްގެ ކުރީގެ ކުޅުންތެރިއާ މިޝެލް ޕްލެޓިނީ ހަދާފައިވާ ރެކޯޑާ އެއްވަރުކޮށްފަ އެވެ. ދެ ކުޅުންތެރިން ވެސް ވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތްތަކުގައި ނުވަ ލަނޑު ޖަހައިފަ އެވެ.
މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމަށް މާ ރަނގަޅު ހަމަލާތަކެއް ފޮނުވާލެވިފައިނުވެ އެވެ. ސަސްޕެންޝަނުގެ ސަބަބުން ޓީމުގެ މުހިއްމު ކުޅުންތެރިއާ އާރޮން ރަމްސޭ ނުލައި ކުޅެން ޖެހުމުން ވޭލްސް އަށް މައްސަލަތަކެއްް ދިމާވި އެވެ. ޕޯޗުގަލް ކުޅުނީ އަނިޔާގެ ސަބަބުން ޕެޕޭ ނުލަ އެވެ.
ފުރަތަމަ ހާފްގައި ވޭލްސްގެ ތަރި ގަރެތު ބޭލް ވަނީ ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. ލިބުނު ކޯނަރަކުން ބޭލް ފޮނުވާލި އެއް ހަަމަލާ ގޯލުގެ ހުރަސް ދަނޑިމަތިން ދިޔައިރު، ކައުންޓަ އެޓޭކެއްގައި އޭރިއާ ބޭރުން ފޮނުވާލި އަނެއް ހަމަލާ ޕޯޗުގަލް ކީޕަރު ރުއި ޕަޓްރީސިއޯ ވަނީ މަތަކޮށްފަ އެވެ.
ޕޯޗުގަލް އިން ދެ ލަނޑު ޖެހީ މެޗުގެ ދެ ވަނަ ހާފްގަ އެވެ. ރޮނާލްޑޯ ފުރަތަމަ ލަނޑު ކާމިޔާބުކުރީ 50 ވަނަ މިނިޓްގަ އެވެ. ލިބުނު ކޯނަރަކުން ނަގައިިދިން ހުރަހަކުން ރޮނާލްޑޯ މި ލަނޑު ޖެހީ ބޮލުންނެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ރޮނާލްޑޯ ޖެހި ތިން ވަނަ ލަނޑެވެ.
އޭގެ ތިން މިނިޓް ފަހުން ޕޯޗުގަލްގެ ލީޑު ފުޅާ ކޮށްދިނީ ނާނީ އެވެ. މެޗުގެ 53 ވަނަ މިނިޓްގައި ރޮނާލްޑޯގެ ފޮނުވާލި ހަމަލާއެއް ކީޕަރާ ހަމައަށް ދިއުމުގެ ކުރިން ނާނީ ވަނީ އެ ބޯޅަ ގޯލަށް ވައްދާލައިފަ އެވެ.
ތިން ވަނަ ލަނޑެއް ޖަހަން ޕޯޗުގަލް އިން އިތުރު ހަމަލާތަކެއް ފޮނުވާލި އެވެ. ލިބުނު ހިލޭ ޖެހުމަކުން ރޮނާލްޑޯ ފޮނުވާލި ބޯޅަ ދަނޑިމަތިން ދިޔައިރު، ޔާއޯ މާރިއޯ އަށް ލިބުނު ފުރުސަތު އޭނާ އަށް ބޭނުމެއް ނުކުރެވުނެވެ. އަދި ޑަނީލޯ ޕެރޭރާ ފޮނުވާލި ބޯޅަ ވޭލްސް ކީޕަރު ވޭން ހެނެސީ ވަނީ މަތަކޮށްފަ އެވެ.
ލަނޑެއް ޖެހުމަށް ވޭލްސް އިން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބުވާ ގޮތެއްނުވި އެވެ.
ޕޯޗުގަލް މީގެ ކުރިން ޔޫރޯގެ ފައިނަލެއްގައި ކުޅުނީ އަމިއްލަ ގައުމުގައި 2004 ވަނަ އަހަރުގައި ކުޅުނު މުބާރާތުގަ އެވެ. އެކަމަކު އެ ފަހަރު އާދައިގެ ގައުމެެއް ކަމަށްވާ ގްރީސް އަތުން 1-0 އިން ބަލިވެ ތަށި ގެއްލުނީ އެވެ. އެންމެ ފަހުން 2012 ވަނަ އަހަރު ބޭއްވި މުބާރާތުން ޕޯޗުގަލް ކެޓީ ސެމީ ފައިނަލުގައި ސްޕެއިން އަތުންނެވެ.
ފައިނަލުގައި ޕޯޗުގަލް ކުޅޭނީ މާދަމާ ފްރާންސާއި ޖަރުމަނު ކުޅޭ ދެ ވަނަ ސެމީ ފައިނަލުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލޯ
07 July 2016
ދެން އޮތީ ޖަރުމަނު އަތުން ލަނޑު ގޯންޏަކުން ޕޯޗުގަލް ބަލިވާ މެޗް. އެއީ އަދި ފެންވަރުގެ ޓީމެއް ޕޯޗުގަލްއަށް ޖެހޭ ފަހަރު.
ހަލޯ
07 July 2016
އެއީ ގަރުމަނު ފައިނަލަށް ގޮސްގެންތާ
ޖާރިޔާ އަަހުމަދު ދީދީ
08 July 2016
ހަހަހަހަ. ކޮން ޖަރުމަނެއް؟ ޕޮލެންޑާ ކުޅެ ލަނޑެއް ނުޖެހި އެއްވަރުވި ބައެއް ޖަރުމަނަކީ. ޕޯޗުގަލްވެސް ވަނީ ޕޯލެންޑް މެޗު އެއްވަރުކޮށްފަ. 1-1 އިން އެކަމަކު.(އަދި ޕެނަލްޓީ ޖަހައިގެން މޮޅުވެސްވި) ވީމާ ކޮން ލަނޑު ގޯންޏެއްތޯ؟ ނޫނީ ކޮން ޖަރުމަނެއްތޯ؟ ޕޯޗުގަލް ކަހަލަ މޮޅު ޓީމްތައް ކުޅޭނީ ފައިނަލުގަ. ޖާމަނީގެ ފެންވަރެއް ނޫން އިނގޭތޯ.
ހަލޯ
08 July 2016
ހީހީހީހީ ހަލާކު...... ގަރުމަނު ފައިނަލަށް ނުވެސްދިޔަ.....އަދި ލަދުވެތި ބައްޔަކުން........2-0......ހޮހޮހޮހޮހޮ