ރައީސް ޔާމީން، ޕާސްޕޯޓް ކާޑް ތައާރަފު ކޮށްދެއްވަނީ.
03 ޑިސެމްބަރ 2017 - 18:08
ރާއްޖޭގައި ތައާރަފްކުރި ޕާސްޕޯޓް ކާޑާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ފަތުރާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ދީފި އެވެ.
އެ އިދާރާ އިން މިގޮތަށް އިންޒާރު ދިނީ، މިދިޔަ އޮކްޓޫބަރު 11 ގައި ރާއްޖޭގައި އަލަށް ތައާރަފްކުރި ޕާސްޕޯޓް ކާޑާ ގުޅޭ ގޮތުން ބައެއް މީހުން ސޯޝަލް މީޑިއާގައި ހަގީގަތާ ޚިލާފު ވާހަކަތައް ފަތުރަމުންދާ ކަމަށް ބުނެ ނެރުނު ބަޔާނެއްގަ އެވެ.
އިމިގްރޭޝަނުން ބުނިގޮތުގައި ޕާސްޕޯޓް ކާޑް ތައްޔާރުކޮށްފައި ވާނީ، ޕާސްޕޯޓެކޭ އެއްފަދައިން ސަލާމަތީ ކަންކަން ވަރުގަދަކޮށް، އަދި ފަސޭހައިން އެއަށް ބަދަލު ނުގެނެވޭނެ ގޮތަށް އެންމެ ފަހުގެ ޒަމާނީ ސަލާމަތީ ސިފަތައް ހިމަނައިގެންނެވެ.
އަދި ބުނީ ޕާސްޕޯޓް ކާޑް ހައްދާ މީހުންގެ އެކައުންޓާއި އެ ކާޑް ލިންކް ކުރެވެނީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ކާޑް ފޮނުވައިގެން ކަމަށެވެ. އިމިގްރޭޝަނުން ބުނީ ޕާސްޕޯޓް ކާޑުގެ ވެރިފަރާތުގެ ބޭންކްގެ ތަފުސީލް އެ ކާޑުގައި ހިމަނަނީ ބީއެމްއެލް އިން އަމަލުކުރާ އުސޫލާ އެއްގޮތްވާ ގޮތުން އެ ބޭންކުން ކަމަށެވެ.
"...އަދި ކާޑުގެ ވެރިފަރާތުގެ ޑީޓެއިލްސް ހިމެނުމަށް ފަހު ކާޑުގެ ޗިޕް ބޭންކް އޮފް މޯލްޑިވްސް އިން ލޮކް ކުރާނެ އެވެ. އެހެންކަމުން އެ ކާޑުގައި ހިމަނާފައިވާ ބޭންކް ޑީޓެއިލްސް އެނގޭނީ ބޭންކް އޮފް މޯލްޑިވްސް އާއި ކާޑުގެ ވެރިފަރާތަށް އެކަންޏެވެ. އެއްވެސް ހާލަތެއްގައި ކާޑު ހައްދާ ފަރާތުގެ ބޭންކް ތަފުސީލް އިމިގްރޭޝަނަށް ހިއްސާކުރާ ގޮތަށް ހަމަޖެހިފައި ނެތެވެ،" ޕާސްޕޯޓް ކާޑުގައި ހިމެނޭ ބީއެމްއެލްގެ އެކައުންޓުގެ ތަފުސީލް އިމިގްރޭޝަނަށް ބެލޭނެ ކަމަށް ބުނެ ދައްކާ ވާހަކަތައް ދޮގުކޮށް އިމިގްރޭޝަނުން ބުންޏެވެ.
އެ އިދާރާ އިން ބުނީ އެ ހަގީގަތް އެހެން ހުރި ކަމުގައި ވިޔަސް، ސިޔާސީ ގޮތުން މަންފާ ހޯދުމުގެ ގޮތުން، ބައެއް މީހުން ހަގީގަތާ ޚިލާފު ވާހަކަތައް ސޯޝަލް މީޑިއާގައި ވެރިފައިޑް އެކައުންޓް ބޭނުންކޮށްގެން ފަތުރާތީ ކަންބޮޑުވާ ކަމަށެވެ. އަދި ބުނީ ބައިނަލްއަގްވާމީ ދަތުރުފަތުރު ކުރުމަށާއި ކާކުކަން އަންގައި ދިނުމަށް ތައްޔާރު ކުރާ، ދައުލަތުގެ ލިޔެކިޔުންތަކާ ގުޅޭ ގޮތުން، ހަގީގަތެއް ނެތް މައުލޫމާތު ފެތުރުމަކީ އެއްވެސް ގައުމެއްގެ ރައްޔިތުން ކުރާނެ ކަމެއް ނޫން ކަމަށެވެ.
"މޯލްޑިވްސް އިމިގްރޭޝަން ވަނީ ރައްކާތެރި އަދި ސަލާމަތީ ގޮތުން އެންމެ ވަރުގަދަ ޑޮކިއުމެންޓް ތައްޔާރު ކުރުމުގެ އެންމެ މަތީ ހަރުފަތުގައި ފައިތިލަ ސާބިތުކޮށް، އިމިގްރޭޝަނުން ދޫކުރާ ޑޮކިއުމެންޓްތަކަށް އިންޓަނޭޝަނަލް ސަޓިފިކޭޝަން ހޯދައިފަ އެވެ. މިކަމުގެ ސަބަބުން މަންފާ ލިބޭނެ ފަރާތަކީ ވެސް އެންމެހާ ދިވެހި ރައްޔިތުންނެވެ،" އިމިގްރޭޝަންގެ ބަޔާނުގައިވެ އެވެ.
އިމިގްރޭޝަނުން ބުނީ ޕާސްޕޯޓް ކާޑާ ގުޅޭ ގޮތުން ހަގީގަތާ ޚިލާފު ވާހަކަ ފެތުރުމަކީ، އެ ކާޑުގެ އިތުރުން ދިވެހި ޕާސްޕޯޓުގެ އިންޓެގްރިޓީއާ ދޭތެރޭގައި ދިވެހިންނާއި ބޭރުގެ ފަރާތްތަކުން ސުވާލު އުފައްދާނެ ކަމެއް ކަމަށެވެ. އަދި އެފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ، ރާއްޖެ އިން ބޭރަށް ދިވެހިން ދިއުމަށް ބޭނުންވާ ވިސާ ހޯދުމުގަ އާއި ބޭރުގެ ގައުމުތަކުގެ ބޯޑަރު ހުރަސް ކުރުމުގައި ދިވެހިންނަށް ދަތިތަކާ ކުރިމަތިވެދާނެ ކަމުގެ އިންޒާރު ވެސް އިމިގްރޭޝަނުން ދެ އެވެ.
"ވީމާ ދަންނަވަމެވެ. މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް އިމިގްރޭޝަނުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތާއި އަދި ތަކެއްޗާ ގުޅޭ ގޮތުން ސައްހަ ނޫން މައުލޫމާތު ފަތުރަމުންދާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅެއް އަޅާނެ ކަން އަންގައި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް އިންޒާރު ކުރަމަވެ،" ކޮންޓްރޯލަ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަންވަރު ސޮއިކުރައްވާފައިވާ ލިޔުމުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރީ
04 December 2017
އިމިގުރޭޝަން ކޮންޓްރޯލް ކުރަނީ ބަންގާޅުމީހުން. އިމިގުރޭޝަން މީހުނަށް ސިޓީއުރަ ލިބެނީ އެމީހުންގެފަރާތުން.
ރުމާލު10
04 December 2017
އިމިގްރޭޝަނަކީ ރާއްޖޭގައި ހުރި އެންމެ ކޮރަޕްޝަން ބޮޑު ތަންތަނުގެތެރޭން އެއްތަން. ބިދޭސީން ފުރި ބާރުވަނީ އިމިގްރޭޝަންގެ ކޮރަޕްޝަނާހެދި
ބަތޫކު
04 December 2017
ހަގިގަތަކީ ކޮންމެ ކޮންމެބަހަނާއެއް ދެއްކިޔަސް ފަޅައި ނުކުންނާނެ އެއްހެއް ތިކަމެއް ގަބޫލެއް ނުކުރެވޭ
ތަބްރޭޒް
04 December 2017
ކޮންމެވެސް ބަޔަކަށް ލާރި ގަނޑެއްދިނީ. އިތުރެކާޑެއް ގެންގުޅެންޖެހޭ ސަބަބެއް ނެތް. ފަސޭހަވީސް ތިބުނާކާޑަކި ޕާސްޕޯޓް ބަދަލުގަ ހަދަންޖެހޭ ކާޑެއްނަމަ. ބޭންކުން ކާޑެއް ދީފަ އޮންނަ އިރު އިމިޤްރޭޝަނުން ފައިސާޔާ ގުޅޭ މުއާމަލާތެއް ކުރަން ޖެހޭސަބަބެއް ނުފެނޭ. ތިބުނާ ސެކިުރިޓީ ފީޗާރސް ހިމަނައިގެން ހައްދައިގެން އުޅޭ ކާޑަކީ ބަޔަކު ހިލޭދީގެން އުޅޭ ކާޑެއްނޫން. އެބުނާވަރުގެ ކާޑެއް ހެދުމަށް ޚަރަދުތަކެއްހިނގާނެ. އެހެންވީމަށް މޮޅުވާހަކަޔެއް ދައްކައިގެން ރައްޔިތުން ބޮލުގަ އަޅުވަން އުޅެނީ.
އަލީ_
04 December 2017
ބިރުދެއްކުން ހުއްޓާލައްވާ. މީހުންގެ ދުލާއި ގަލަމުގައި ހިފެހެއްޓުން އެއީ ޚުދުމްޚްތާރު ސިފައެއް. މީހަކު ދޮގު މައުލޫމާތެއް ދިން ނަމަ، ތިޔަ ބޭފުޅުން އެކަމުގެ ހަގީގަތް ހާމަ ކުރީމާ އެ ނިމުނީ. ކުށެއް ކުރަން މީހަކު ގޮވާ ހިތްވަރު ދިނީކީ ނޫން. ދެން ތިއީ ކޮން ކަމެއްތޯ؟
އިމިގްރޭޝަންގެ ޕާސްޕޯރޓް ކާޑް
04 December 2017
އިމިގްރޭޝަނުގެ ޤާނޫނު ބުނާގޮތުން ޕާސްޕޯރޓަކީ ރާއްޖެއިން ބޭރަށް ދަތުރު ފަތުރުކުރުމަށް ބޭނުންކުރާ ބައިނަލް އަޤްވާމި ފެންވަރުގެ ލިޔުމެކެވެ.. އެ މާނާއިގައި ތި ކާރޑުބޭނުންކޮށްގެން ރާއްޖެއިން ބޭރަށް ދަތުރުފަތުރު ނުކުރެވޭކަމަށްވަންޏާ ތިޔަކަށް "ޕާސްޕޯރޓް" ކާރޑެއް ނުކިޔޭނެ... ސަލާމް
ހާސަރު
04 December 2017
ހަމަ އެންމެ ކޮމެންޓެއްވެސް ޕޮޒިޓިވް ކޮށްނެތީމަ އެބަ އެގޭދޯ ރައްޔިތުން ތިތަނަށް ކުރާ އިތުބާރު! ހަމަ ތިގަންނަނީ ގަނޑުކަން އެންމެނަށް އެގޭ!
ހެހެ
04 December 2017
މިއުޅެނީ މިގައުމުތެރޭ ގާނޫނާހިލާފަށް އުޅޭބިދޭސީން ގެމައްސަލަ ހައްލުނުކުރެވި ގެން، އާންމުންނަށް ފިޔަވަޅު އަޅަން އެބަތިބި ބައިވަރު މުއައްސަސާތައް - ފުލުހުން، ސިފައިން، ކަރެކްޝަންސް.. އަދިވެސް އަދިވެސް!
ޟަވިތަ
04 December 2017
އިމިގްރޭޝަނައް ކޮން ފިޔަވަޅެއް އެޅޭނީ މިމީހުންނައް ކޮން ބާރެއް އޮތީ އަހަރެންގެ ޓުވިޓް ހުއްޓުވަން....
ރިނީ
04 December 2017
މީވާކޮންފަދަ ނާތަހުޒީބުސަރުކާރެއް. އަދިވެސް ބިރުދެއްކުމާ އިންޒާރުދިނުމުގަ. އޭގެބަދަލުގަ ވިސްނާދިނުމާ ކެތްތެރިކަން ޚިޔާރުކުރިއްޔާ މާރަނގަޅުވާނެ. އެހެންނޫނަސް މިފަދަކަމަކާ މީހުންސުވާުލުކޮށް ކަންބޮޑުވުންއެއީ ކުރިއަރާފަވާ ވިސްނުމުގެ އަހުލުވެރިންގެ އެންމެރަނގަޅުއެއްސިފަ. ހަމަހަގީގަތުގަވެސް ބޭންކްޑީޓެއިލްސް ހިމެނުމަކީ އެއީވަރަށް ނުރައްކާތެރިކަމެއް. ދެން އިމިގްރޭޝަން ކުރިއަރުވަނިއްޔޭކިޔާފަ ޓެސްޓްސަބްޖެކްޓަކަށް ރާއްޖޭގެރައްޔިތުން ނެރުމަކީ ވަރަށްނުރައްކާތެރިކަމެއް.