ލަނޑު ޖެހުމަށް ފަހު ޑިޕާއި (ވ) އެ ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެޕްޕީ
22 ޖެނުއަރީ 2018 - 10:28
ލިޔޯން، ފްރާންސް (ޖެނުއަރީ 22) - ފްރާންސް ލީގުގައި ރޭ ފަހު ވަގުތު ނެދަލެންޑްސްގެ ވިންގް މެމްފިސް ޑިޕާއި ވައްދާލި ގޯލާ އެކު ލިޔޯނުން 2-1 އިން ޕީއެސްޖީ ބަލިކޮށްފި އެވެ.
ޕީއެސްޖީ އެއް ވަނައިގައި އޮތީ 22 މެޗުން 56 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލިޔޯނަށް ލިބިފައިވަނީ 22 މެޗުން 48 ޕޮއިންޓެވެ.
އަނިޔާގެ ސަބަބުން ރޭގެ މެޗުގައި ޕީއެސްޖީން ކުޅުނީ ބްރެޒިލްގެ ތަރި ނޭމާ ނުލަ އެވެ. މި މެޗު ފަށައިގެން ދެ ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން ލިޔޯނަށް ލީޑުނަގައިދިނީ މި ސީޒަނުގައި އެ ޓީމަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ނަބީލް ފެކިރް އެވެ.
ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ޕީއެސްޖީ އަށް އެއްވަރުކޮށްދިނީ އެ ޓީމުގެ ފުލްބެކް ލެވިން ކުރްޒާވާ އެވެ. ޑެނީ އަލްވޭސް ނަގައިދިން ހުރަހަކުން ކުރްޒާވާ މި ލަނޑު ޖެހީ ވޮލީ އަކުންނެވެ.
ޕީއެސްޖީ އަށް މި މެޗުގައި އެންމެ ބޮޑު މައްސަލަ އަކަށް ދިމާވީ 57 ވަނަ މިނިޓްގައި އަލްވޭސް އަށް ރަތް ކާޑު ދެއްކުމުންނެވެ. އަލްވޭސް އަށް ރަތް ކާޑު ދެއްކީ ލިޔޯނުގެ ޓެންހުއީ އެންޑޮމްބެލޭ އަށް ފައުލުކޮށް ރެފްރީގެ ނިންމުމަށް ބޭއަދަބީކޮށް ހިތްހަމަ ނުޖެހުން ފާޅުކުރުމުންނެވެ.
މެޗު އެއްވަރުވާން ދަނިކޮށް ލިޔޯން މޮޅުވީ ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ޑިޕާއި އިތުރު ވަގުތުގައި ޖެހި ހިތްގައިމު ގޯލުންނެވެ. އޭރިއާ ބޭރުން ޑިޕާއި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. މިއީ މި ފަހަރު ލީގުގައި ޑިޕާއި ޖެހި ނުވަ ވަނަ ގޯލެވެ.
މިއީ މި ސީޒަނުގައި ޕީއެސްޖީ ބަލިވި ދެ ވަނަ މެޗެވެ. މެޗަށް ފަހު ޕީއެސްޖީގެ ކޯޗު އުނާއި އެމެރީ ބުނީ މި މެޗުގެ ނަތީޖާ އިންސާފުވެރި ނޫން ކަމަށެވެ.
"މިއީ ވަރަށް ހަމަހަމަކޮށްދިޔަ މެޗެއް. އެކަމަކު އެބަހުރި އަހަރެމެންނާ ދެކޮޅަށް ދިޔަ ކަންތައްތައް ވެސް. ނަތީޖާ އިންސާފުވެރިއެއް ނޫން. އަހަރެމެންނަށް ފުރުސަތުތަކެއް ވެސް ނަގާލެވުނު،" އެމެރީ ބުންޏެވެ.
އޭނާ ބުނީ މައްސަލަ އަކީ ނޭމާ ނެތުން ނޫން ކަމަށާއި ފުރުސަތުތަކުގެ ބޭނުން ނުހިފުން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާޝަލް
22 January 2018
ވެއިޓިން ފޮރ ޕީއެސްޖީ އެން ރިއަލް މެޑްރިޑް މެޗް އިން ނެކްސްޓް މަންތް.