ވިޔަފާރި / އެލައިޑް އިންޝުއަރެންސް

އާ ހިދުމަތްތަކާ އެކު އެލައިޑަށް ބޮޑު ބަދަލެއް

އެލައިޑުން މިރޭ ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ ޗެއާމަން ސާލިމް އާއި އެމްޑީ ޝަހީރު އާއި (މ) އެލައިޑްގެ އެމްޑީ އަމީލް (ވ) ބައިވެރިވެވަޑައިގަންނަވަނީ --ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެލައިޑް އިންޝުއަރެންސްގެ 33 ވަނަ އަހަރީ ދުވަހާ ދިމާކޮށް، އެ ކުންފުނިން ދެމުން އަންނަ ހިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އެކަން ރަސްމީކޮށް އިއުލާނު ކޮށްފި އެވެ. އެ ކުންފުނިން ވަނީ މުޅިން އާ ހިދުމަތްތަކެއް ވެސް މިރޭ ތައާރަފް ކޮށްފަ އެވެ.

އެ ކުންފުނީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި ބޭއްވި "އެލައިޑް ސްޕެޝަލް އިވެންޓް" ގައި އިއުލާނު ކުރި އެންމެ ފާހަގަ ކޮށްލެވޭ އާ ހިދުމަތަކީ "އެޖެންޓް 1600" އެވެ. އެ ހިދުމަތް ތައާރަފް ކޮށްދެއްވަމުން އެލައިޑްގެ ޖެނަރަލް މެނޭޖަރު އަހުމަދު ރިޔާޒީ މުހައްމަދު ވިދާޅުވީ އެ ހިދުމަތަކީ އެ ކުންފުނީގެ ހިދުމަތްތައް ވީހާވެސް ގާތުން ދިނުމަށް ތައާރަފް ކުރެވުނު އާޓިފިޝަލް އިންޓެލިޖެންސް "އިންޝުއަރެންސް އެޖެންޓެއް" ކަމަށެވެ.

އެޖެންޓް 1600 އަކީ އެ ކުންފުނީގެ ހިދުމަތްތަކާ ގުޅޭ ގޮތުން ކަސްޓަމަރުންގެ ސުވާލުތަކަށް އަމިއްލަ އަށް ޖަވާބު އިންޓެލިޖެންޓް ބޮޓެކެވެ. މިހާރު އެ ބޮޓުގެ ހިދުމަތް ވައިބާ، ފޭސްބުކް މެސެންޖާ އަދި ޓެލެގްރާމުން ލިބޭނެ އެވެ. މި ބޮޓުގެ ހިދުމަތް ލިބޭނީ އެލައިޑުގެ ކިއުއާރު ކޯޑު ސްކޭން ކުރުމުން ނުވަތަ އޭޖެންޓް 1600 ސާޗް ކުރުމުންނެވެ.

އެލައިޑުން މިރޭ ބޭއްވި ރަސްމިއްޔާތުގައި ތައާރަފްކުރި "އެޖެންޓް 1600" އާ ބެހޭ މައުލޫމާތު ޖެނެރަލް މެނޭޖަރު އަހުމަދު ރިޔާޒީ ދެއްވަނީ ---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"މިއީ އަބަދު ވެސް ކަސްޓަމަރުންގެ ސުވާލުތަކަށް ބަލައިގެން އަމިއްލައަށް ކަންކަން ދަސްކުރާގޮތަށް ފަރުމާ ކޮށްފައިވާ [ބޮޓެއް]. މިސާލަކަށް އިންޝުއަރެންސްގެ ބެލެންސް ބަލާލެވިދާނެ. ނުވަތަ އިންޝުއަރެންސް ހަމަވާ ތާރީހު ބަލާލެވިދާނެ. މިރޭ އަޅުގަނޑުމެން މިލަނީ ކޮންމެ މީހެއްގެ ޖީބަށް ވެސް އިންޝުއަރެންސް އެޖެންޓެކޭ ބުނެވިދާނެ،" އެޖެންޓް 1600 މަސައްކަތް ކުރާ ގޮތް ދައްކާލަމުން ރިޔާޒީ ވިދާޅުވި އެވެ.

މީގެ އިތުރުން އެ ކުންފުނިން ވަނީ "ބިލްޑާސް އިންޝުއަރާ"ގެ ނަމުގައި ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް އާ ހިދުމަތެއް ތައާރަފް ކޮށްފަ އެވެ. އެ ހިދުމަތް ތައާރަފް ކޮށްދެއްވަމުން އެލައިޑްގެ ސޭލްސް މެނޭޖާ މުހައްމަދު ޝިރުނީލް ވިދާޅުވީ، މިއީ އިންޝުއަރެންސް އިންޑަސްޓްރީ ކުރިއަރަމުން އަންނަ މިންވަރާއި އެ އިންޑަސްޓްރީގެ ބޭނުންތައް ބެލުމަށް ފަހު ވަރަށް ބޮޑަށް އެ ދާއިރާ އަށް ބޭނުންވާ ކަންތައްތައް ކަވަރު ކުރެވޭ ގޮތަށް ޑިޒައިން ކޮށްފައިވާ ޕޮލިސީ އެއް ކަމަށެވެ. މި ޕޮލިސީގެ ދަށުން ތަފާތު ތިން ޕެކޭޖެއް ވެސް ވަނީ ތައާރަފް ކޮށްފަ އެވެ. އެ ޕެކޭޖުތަކަކީ ބިލްޑާސް ބޭސިކް އާއި ބިލްޑާސް ބޭސިކް ޕްލަސް އަދި ބިލްޑާސް ޕްރިމިއަމް އެވެ.

ބިލްޑާސް ބޭސިކް ޕެކޭޖުގެ ދަށުން މެޓީރިއަލް ޑެމޭޖަސް އާއި ތާޑް ޕާޓީ ލައިބިލިޓީ ކަވަރު ކޮށްދޭނެ އެވެ. ތާޑް ޕާޓީ ލައިބިލިޓީގެ ދަށުން މީހުންނަށް ލިބޭ ގެއްލުންތަކަށް 100،000ރ. އާއި ހަމައަށް އަދި ޕްރޮޕަޓީއަށް ލިބޭ ގެއްލުމުގެ ގޮތުގައި ވެސް 100،000ރ. އާއި ހަމަ އަށް ކަވަރު ކޮށްދޭނެ އެވެ.

ބިލްޑާސް ބޭސިކް ޕްލަސް ޕެކޭޖުގެ ދަށުން މެޓީރިއަލް ޑެމޭޖަސް އާއި ތާޑް ޕާޓީ ލައިބިލިޓީގެ އިތުރުން ގްރޫޕް ޕާސަނަލް އެކްސިޑެންޓްސް ކަވަރު ކޮށްދޭނެ އެވެ. ތަކެއްޗަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި މި ޕެކޭޖުން ކަވަރު ކޮށްދޭވަރު ބިލްޑާސް ބޭސިކް ޕެކޭޖަށް ވުރެ ފުޅާ ވާނެ އެވެ. އަދި ތާޑް ޕާޓީ ލައިބިލިޓީގެ ދަށުން މީހުންނަށް ލިބޭ ގެއްލުންތަކަށް 250،00ރ. އާއި ހަމައަށް އަދި ޕްރޮޕަޓީ ޑެމޭޖުގެ ގޮތުގައި ވެސް 250،000ރ. އާއި ހަމަ އަށް ކަވަރު ކޮށްދޭނެ އެވެ. ގްރޫޕް ޕާސަނަލް އެކްސިޑެންޓްސްގެ ދަށުން ނެޗުރަލް އަދި އެކްސިޑެންޓަލް މަރުތަކަށް 100،000ރ.ގެ ބަދަލެއް ދޭނެ އެވެ.

ބިލްޑާސް ޕްރިމިއަމް ޕެކޭޖުގެ ދަށުން މެޓީރިއަލް ޑެމޭޖަސް އާއި ތާޑް ޕާޓީ ލައިބިލިޓީގެ އަދި ގްރޫޕް ޕާސަނަލް އެކްސިޑެންޓްސްގެ އިތުރުން ކޮންސްޓްރަކްޝަން އިކުއިޕްމަންޓް، ޕްލާންޓް އަދި މެޝިނަރީ ކަވަރު ކޮށްދޭނެ އެވެ. މެޓީރިއަލް ޑެމޭޖަސްގެ ގޮތުގައި މި ޕެކޭޖުން ކަވަރު ކޮށްދޭ ވަރު ބިލްޑާސް ބޭސިކް ޕްލަސް އަށް ވުރެ ފުޅާވެފައި، އިތުރު ކަންކަން ހިމެނެ އެވެ. އަދި ތާޑް ޕާޓީ ލައިބިލިޓީގެ ދަށުން މީހުންނަށް ލިބޭ ގެއްލުންތަކަށް 500،000ރ. އާއި ހަމައަށް (މީހަކަށް 250،000ރ. އާއި ހަމައަށް) އަދި ޕްރޮޕަޓީ ޑެމޭޖުގެ ގޮތުގައި ވެސް 500،000ރ. އާއި ހަމަ އަށް ކަވަރު ކޮށްދޭނެ އެވެ. ގްރޫޕް ޕާސަނަލް އެކްސިޑެންޓްސްގެ ދަށުން ނެޗުރަލް އަދި އެކްސިޑެންޓަލް މަރުތަކަށް 100،000ރ.ގެ ބަދަލު ދޭއިރު، އިތުރު ގެއްލުންތައް ވެސް ކަވަރު ކޮށްދެ އެވެ. އަދި މަސައްކަތުގައި ނޫޅޭ ގަޑިތަކުގައި ވެސް، މަސައްކަތްތެރިންނަށް މި ކަވަރު ލިބޭނެ އެވެ. މީގެ އިތުރުން ކޮންސްޓްރަކްޝަން އިކުއިޕްމަންޓް، ޕްލާންޓް އަދި މެޝިނަރީ ގެއްލުމާއި ހަލާކުވުން ފަދަ ކަންކަމަށް ވެސް ބަދަލު ދޭނެ އެވެ.

އެލައިޑުން އަލަށް ތައާރަފްކުރި ހިދުމަތަކާ ބެހޭ މައުލޫމާތު ސޭލްސް މެނޭޖާ މުހައްމަދު ޝިރުނީލް ދެއްވަނީ ---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެލައިޑުގެ ޓްރެވަލް އިންޝުއަރެންސް އަށް ވެސް މިރޭ ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން މައިގަނޑު ގޮތެއްގައި ޓްރެވަލް އިންޝުއަރެންސް އަށް ގެނެވުނު ބަދަލަކީ، އާއިލާގެ މެމްބަރަކު މަރުވެގެން ނުވަތަ ސިއްހީ މައްސަލައަކާ ގުޅިގެން ދަތުރު ކެންސަލް ކުރަން ޖެހިއްޖެނަމަ އެ ކަމަށް ހިނގާ ހަރަދުތައް ކަވަރު ކޮށްދިނުމެވެ. އަދި ދަތުރުގައި މެޑިކަލް އެކްސްޕެންސަސް ކަވަރު ކޮށްދިނުމާއި، ޕާސްޕޯޓް ގެއްލުން ނުވަތަ ޗެކިން ކޮށްފައިވާ ބެގޭޖެއް ގެއްލިއްޖެނަމަ އެ އަށް ވެސް ބަދަލު ދޭނެ އެވެ.

އެލައިޑުން ކުރިން ޓްރެވަލް އިންޝުއަރެންސް އަމާޒުކޮށްފައި އޮތީ ވިޔަފާރި ދަތުރުތަކުގައި ދަތުރުކުރާ ފަރާތްތަކަށެވެ. ނަމަވެސް މި ބަދަލުތަކާ އެކު އާންމުންނަށް ވެސް ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމަށް އެ ކުންފުނީގެ ޓެކްނިކަލް މެނޭޖާ އަހުމަދު ޝާބިގް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި ބަދަލުތަކާ އެކު ޓްރެވަލް އިންޝުއަރެންސް މާޗް އެއްވަނަ ދުވަހުން ފެށިގެން ލިބެން ފަށާނެ ކަމަށެވެ.

އެ ކުންފުނިން އެންމެ ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ހެލްތް އިންޝުއަރެންސް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސް، ހިދުމަތް ހޯދާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ ގޮތަށް ބަދަލު ކޮށްފަ އެވެ. އެގޮތުން ހެލްތް އިންޝުއަރެންސް ކްލެއިމް ކުރުމަށް "މައި އެލައިޑް ޕޯޓަލް"ގެ ނަމުގައި ވަނީ ވެބް އެޕްލިކޭޝަނެއް ވެސް ތައާރަަފް ކޮށްފަ އެވެ.

އެލައިޑުގެ ޓެކްނިކަލް މެނޭޖާ، ހެލްތް މަރިޔަމް ޝަފީގް ވިދާޅުވީ، މި އެޕްލިކޭޝަން މެދުވެރިކޮށް ޑޮކްޓަރަށް ދެއްކުމަށް ފަހު ބަދަލު ހޯދަން ހުށަހަޅަން ޖެހޭ ލިޔުންތަކުގެ އަސްލު އެ ކުންފުނީގެ އޮފީހަށް ގެނައުމުގެ ބަދަލުގައި ފޮޓޯއެއް ނެގުމަށް ފަހު އެޕްލިކޭޝަނަށް ލުމުން "ނިމުނީ" ކަމަށެވެ.

"އިންޝުއަރެންސްގެ ސްޓޭޓަސް އާއި ކަވަރޭޖް ލިމިޓުގެ އިތުރުން ޓްރާންސެކްޝަން ހިސްޓްރީ ވެސް މި އެޕްލިކޭޝަނުން ޗެކް ކޮށްލެވޭނެ. ލިޔުންތަކުގެ ފޮޓޯ ނެގުމަށް ފަހު، އަޅުގަނޑުމެންނަށް ފޮނުވާލީމަ ނިމުނީ،" މަރިޔަމް ވިދާޅުވި އެވެ.

އެލައިޑުން މިރޭ ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއޯއޯ (ވ) އަދި އެސްޓީއޯގެ ދެ ބޯޑު މެމްބަރަކު ބައިވެރިވެވަޑައިގަންނަވަނީ ---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެލައިޑް ގިފްޓް ވައުޗާ ވެސް މިރޭ ވަނީ ތައާރަފްކޮށްފަ އެވެ. މިއީ އެލައިޑުގެ ހިދުމަތްތައް އެހެން ފަރާތަކަށް ހަދިޔާއެއްގެ ގޮތުގައި ދެވޭ ގޮތަށް ތައާރަފް ކުރި ހިދުމަތެކެވެ. މި ހިދުމަތުން މޮޓޯ އިންޝުއަރެންސް، ހައްޖު އަދި އުމްރާގެ އިތުރުން ހޯމް ކޮންޓެންޓް ކަވަރޭޖް ލިބޭނެ އެވެ. ވައުޗާގެ އަގު ކަނޑައެޅޭނީ އެމީހަކު ކަނޑައަޅާ މުއްދަތަކާއި، އިންޝުއަރެންސަށް ބެލުމަށް ފަހު އެވެ.

"ހޯމް ކޮންޓެންޓްގެ ދަށުން ކުއްޔަށް އުޅޭ ފަރާތަތަކުން އެ ގެއެއްގަ ހުންނަ ތަކެތި އިންޝުއާ ކޮށްލެވޭނެ. އަޅުގަނޑުމެންގެ ހުރިހާ އެޖެންޓުން އަތުން މި ވައުޗާ ފެބްރުއަރީ ފަނަރައިން ފެށިގެން ލިބޭނެ. އަދި ކުރިއަށް އޮތް ތަނުގައި އެމްއެމްއޭއާ ގުޅިގެން ހުރިހާ ރަށަކުން ވެސް މި ވައުޗާ ލިބޭ ގޮތް ހެދޭތޯ އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން،" އެލައިޑްގެ ކްލައިންޓް ސާވިސް މެނޭޖަރު ނަސްރަތު މުހައްމަދު ވިދާޅުވި އެވެ.

އެލައިޑްގެ ސީއެސްއާރު ޕްރޮގްރާމަށް ވެސް ވަނީ "ޕްރިމިއަމް ފޯ ގުޑް"ގެ ނަމުގައި ބޮޑު ބަދަލެއް ގެނެސްފަ އެވެ. އެގޮތުން އެލައިޑްގެ ޕާޓްނަރުންގެ ގޮތުގައި ޔޫއެންޑީޕީ އާއި އުރީދޫ ވަނީ ކަޑައަޅާފަ އެވެ. އަދި އެލައިޑުން މިހާރުގެ އަމާޒަކީ، ދިގު މުއްދަތުގައި މުޖުތަމައު އަށް ފައިދާ ހުރި ކަންކަން ކޮށްދިނުން ކަމަށް އެ ކުންފުނީގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބަލާނީ މިސާލަކަށް ކޮމްޕިއުޓަރު ނެތް ރަށްރަށަށް ނުވަތަ އާންމު ނުވާ ރަށްރަށަށް ކޮމްޕިއުޓަރު ހަދިޔާ ކުރުމަށް. ދެން އުރީދޫ އިން މި ކުރާ ކަމަކީ އެ ތަންތަނަށް ހިލޭ އިންޓަނެޓް ދެނީ. މި ނޫނަސް ގިނަ ކަންކަން ރޭވިފައި އެބަހުރި،" ނައުޝާދު ވިދާޅުވި އެވެ.

9 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 62%
icon sad icon sad 0%
icon angry icon angry 38%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ަސދަސދ

31 January 2018

ޝަރަފްވެރި މެހްމާން ދައްކަންވާނީ ބޮޑެތި މޮޅުވާހަކަ ވީމާ އެގޮތަށް ތިދައްކަނީ. ކިހިނެއް އީޖާދީ ވީ. އެސްޓީއޯއިން ގެންނަ ބިސް ފިޔާ އަލުވި ހިލޭބަހާ ހިސާބައްގޮސް އެތައް ސަތޭކަ ޓަނެއް އުކާލާ ހިސާބަށް ދަނީ އީޖާދީވީމާ ތޯ ؟ އެލައިޑުން ހިދުމަތް ހޯދުން ތިވިދާޅުވާހާ ފަސޭހަނަމަ ކުދި އިންޝުއަރެންސް ކުންފުނިތަކުގެ ޑިމާންޑެއް ނުއޮތީސް

The name is already taken The name is available. Register?

މުހުސިނު

31 January 2018

ހުސް ރޯއެދުރު ވާހަކަ. ހެލްތު އިންޝިއުރެންސް ޕެކޭޖުގަ މިހާރަކު ކާޑެއް ދޫނުކުރޭ. އަމިއްލަ އަތުން ލާރި ދައްކާފަ ބިލުތައް ލީމާ 14 ދުވަސް ތެރޭ ޖަމާކޮށްދެނެޔޭ ކިޔާފަ 2 މަސް ވާއިރުވެސް އެކަމެއްނުވޭ. ކިތަންމެ މީހުންނަށް އޮޅުވާލަން އުޅުނަސް އަމިއްލަ އަތުން ޚަރަދު ކޮށްފަ ސިއްޚީ ޚިދުމަތަށް ފައިސާ ދައްކަންޏާ ކޮން އިންސިއުރެންސެއް، އިންސިއުރެންސްގެ ބޭނުމަކީ ކުއްލި ކަމެއް ޖެހޭވަގުތު ފައިސާ ނެތިއްޔާ އެކަމެއް ކުރުމުގެ އިންތިޒާމު ހަމަޖެހުން. އެލައިޑު އިންސިއުރެންސް ގަ އަމިއްލަ އަތުން ޚަރަދު ކުރަންޖެހޭނީ . މިއަށް ކިޔަނީ އޮޅުވާލުން. ސަރުކާރުން މިކަހަލަ މައްސަލަތައް ބަލަންޖެހޭ

The name is already taken The name is available. Register?

ޒަހީރު

31 January 2018

ބިލިން ސިސްޓަމް "އަޕްގްރޭޑް"ކުރި ފަހުން، އައުޓް ޕޭޝަންޓް ޚިދުމަތް ކޭޝްލެސްކޮށެއް ނުލިބޭ.

The name is already taken The name is available. Register?

އަހުމަދު122

31 January 2018

ތިބޭފުޅުން ލަދެއް ނުގަނޭތޯ 112 ޕަސެންޓްގެ ކުރިއެމެކޭ ކިޔާކަށް. އެންމެންގެ އަތުން ލާރިނަގާފަ ދެން އިންޕޭޝަންޓް ޚިދުމަތްވެސް ކަނޑާލާށެވެ. އޭރުން 150 ޕަސްންޓަށް ކުރިއެރުންދާނެއެވެ. ކުރިންއޮތްވަރާ ގާތަށްވެސް އެލައިޑްގެ މަގުބޫލުކަމެއް މިހާރު ދިވެހިންގެ ތެރެއަކު ނެތެވެ.

The name is already taken The name is available. Register?

ގުއިއްޒު

31 January 2018

ދެވޭ ޚިދުމަތަކަށް ފެންނަ ހަމައެކަނި ކަމަކީ ފޯމުފުރާފައި ފައިސާ ނަގާފަ ފައިލްކުރުން. ބުނެބަލަ ދެން ކޮންކަމެއް ކަސްޓަމަރ އަށް ކޮށްދެނީ. މަށަކަށް ތީގެ ބޭނުމެއް ހަމަ ނުވިސްނޭ.

The name is already taken The name is available. Register?

އެމްޓީސީސީގެ މުވައްޒަފެއް

31 January 2018

ޚިދުމަތް ކުރިއެރީތޯ ނުވަތަ ދުވަހުން ދުވަަހަށް ފަހަތަށް ދަނީތޯ؟ ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކުގެ މުވައްޒަފުންގެ ހެލްތް އިންޝުއަރަންސް ހިބައިން ދީފައިވާ އިންޝުައަރަންސް ކުންފުންޏަކީ ތިއީ.....ރާއްޖޭގެ އެންމެ ޚިދުމަތް ފުރިހަމަ އޭޑީކޭ ، އިން އައުޓްޕޭޝަންޓް ސަރވިސް ވަނީ އުނިކޮށްފައި.... މުވައްޒަފުންނަށް ހެލްތް ޢިންޝުއަރަންސް ކުންފުނިން ދިނަސް ، ޑިޕެންޑެންޓުންގެ އިންޝުއަރަންސް ހަމަ ޖައްސަނީ މުވައްޒަފުންގެ އަމިއްލަ ފައިސާ އިން... ރާއްޖޭގަ ހުރި ހުރިހާ ކުލިނިކް ތަކަކުން ލިބޭނެ ކަމަށް ބުނެ ލިސްޓް ވެސް ދީފައި އޮވޭ.. ނަމަވެސް އަހަރުގެ ވަކި ހިސާބަކުން މެމޯ އެއް މެދުވެރިކޮށް ބައެއް ކުލިނިކް ތަކުން އައުޓްޕޭޝަންޓް ޚިދުމަތް އުނިކޮށްފައިވާ ކަމަށް އަންގާފައިވޭ...

The name is already taken The name is available. Register?

ޔާމިން

31 January 2018

ތިތަނަކީ ދުވާލަކު އެއްފަހަރު ޕޮލިސީ ބަދަލުވާ ތަނެއް . ޑރ ނުދެއްކޭ ގިނަ ތަންތަނުން މިހާރު އެންމެ އާދައިގެ ކާޑައްވެސް.

The name is already taken The name is available. Register?

އުމަރު

31 January 2018

ރާއްޖޭގައި އުޅޭ ހުރިހައި ބަންގްލަދޭޝްގެ ހުރިހައި ރައްޔިތުން އިންޝުއަރެންސްކުރަން މަޖްބޫރުކޮށް، އެމީހުންގެ އަތުންނަގާފީތަށް ދިވެހިންގެ އަތުން ނަގައި އެއިން އެއްވެސް މީހަކަށް ބޭސްފަރުވާނުދެވި ތިބިކަން ރައްޔިތުންނަށް އެނގޭ، ހުދުމުހުތާރު ސަރުކާރަކުން އެއްވެސް ގާނޫނަކަށް ނުބަލައި ދިވެހިންނަށް އެލައިޑްނޫން އެހެންތަނަކުން ބަންގަލަދޭޝްގެ އަދި ބިދޭސީންގެ އިންޝުއަރެންސް ނަހައްދާގޮތަށް ހަދައި އިމިގްރޭޝަނުގެ ތެރޭގައި އެތަނުގެ މޭޒެއް ބަހައްޓައިގެން އެންމެ ކުޑަ ވިޔަފާރިވެރިޔާއަތުން ނަގަމުންދާ މަހްބޫރީ އިންޝުއަރެންސް ފައިސާ މިސަރުކާރު ވެއްޓުމާއި އެކުގައި ހުއްޓިގެންދާނެ،

The name is already taken The name is available. Register?

ގިރިގަޔާ

31 January 2018

ޥެއްޓުމާއިއެކު!؟ ކިތައްފަހަރު ވެއްޓިއްޖެތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454