ސީޑޯފް (ކ) އާއި ރެއާލް މެޑްރިޑުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ. --ފޮޓޯ: އޭއެފްޕީ
06 ފެބުރުއަރީ 2018 - 10:50
މެޑްރިޑް (ފެބްރުއަރީ 6) – ސްޕެނިޝް ލީގުގެ ޑިޕޯޓިވޯ ލަ ކޮރޫނާގެ ކޯޗަކަށް މި ސީޒަނުގެ ނިޔަލަށް، އޭސީ މިލާނުގެ ކުރީގެ ކޯޗު އަދި ކުޅުންތެރިޔާ ކްލަރެންސް ސީޑޯފް ހަމަޖައްސައިފި އެވެ.
އުމުރުން 41 އަހަރުގެ ސީޑޯފް ވަނީ މިލާނުގެ އިތުރުން ޗައިނާގެ ޝެންޒެން އެފްސީ އަށް ވެސް ކޯޗުކޮށްދީފަ އެވެ. އެކަމަކު އެ ދެ ފަހަރު ވެސް ހަ މަސް ދުވަސް ނުވަނީސް ވަޒީފާ ގެއްލުނީ އެވެ. ކުޅުން ހުއްޓާލުމަށް ފަހު 2014 ވަނަ އަހަރު މިލާނަށް ކޯޗުކޮށްދިން އިރު ޗައިނާ ޓީމަށް ކޯޗުކޮށްދިނީ 2016 ގަ އެވެ.
ސީޑޯފަކީ ސްޕެނިޝް ލީގުގެ ފަހަތުން ތިން ވަނައިގައި އޮތް ޓީމާ މި ސީޒަނުގައި ހަވާލުވާ ތިން ވަނަ ކޯޗެވެ. އެ ޓީމަށް 22 މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ.
އަޔަކްސް އާއި ރެއާލް މެޑްރިޑާއި މިލާނަށް ކުޅެ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދާފައިވާ ސީޑޯފް ވަނީ ނެދަލެންޑްސް ގައުމީ ޓީމަށް 1994 އިން 2008 އަށް 87 މެޗު ކުޅެދީފަ އެވެ. އޭނާ ހިމެނެނީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގަ އެވެ. އެކަމަކު ކޯޗިންގައި މިހާތަނަށް އޭނާ އަށް އެކަށީގެންވާ ނަތީޖާތަކެއް ނެރެވިފައެއް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy