މާލޭގައި ހިނގި މާރާމާރީއަކާ ގުޅިގެން ހޯދަމުން ދިޔަ ޝިމާހު އާއި ސަދޫއު. އެ ދެމީހުން ވަނީ ފުލުހުންގެ މަރުކަޒަށް ހާޒިރުވެފަ. - ފޮޓޯ:
15 ޖުލައި 2016 - 16:21
މިދިޔަ މަހު މާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ފުލުހުން ހޯދަމުން ދިޔަ ދެ މީހަކު ރޭ ހައްޔަރުކޮށްފި އެވެ.
ޖޫން މަހުގެ 14 ވަނަ ދުވަހު ޖަނަވަރީ މަގުގައި، ތޫނު ހަތިޔާރު ބޭނުން ކޮށްގެން މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލާގައި ހޯދަމުން ދިޔައީ ގ. ވަޑިނޮޅުގޭ މުހައްމަދު ޝިމާހު ރަޝީދު (19އ) އާއި ގދ. ފަރެސްމާތޮޑާ، ސަމަން، ސަދޫއު ސާމިއު (19އ) އެވެ.
ފުލުހުން ބުނި ގޮތުގައި ޝިމާހާއި ސަދޫއު ހޯދަން އިއުލާން ކުރުމާ އެކު ރޭގެ ވަގުތެއްގައި އެ ދެ މީހުން ވަނީ ފުލުސް އޮފީހަށް ހާޒިރުވެފަ އެވެ. އަދި މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މި މާރާމާރީއާ ގުޅިގެން މީގެ ކުރިން 20 އަހަރުގެ ދެ ފިރިހެނުން ވަނީ ހައްޔަރު ކޮށްފަ އެވެ. އެ މީހުން ފިލައިގެން އުޅެނިކޮށް ހައްޔަރުކުރީ ތ. ގުރައިދޫގައި ތިއްބަ އެވެ.
އެނގިފައިވާ ގޮތުގައި މި ދެ މީހުންނަކީ އެ ދުވަހުގެ މާރާމާރީގައި އަމަލީ ގޮތުން ބައިވެރިވި ދެ މީހުންނެވެ.
މިދިޔަ މަހު ހިންގި ގްރޫޕް މާރާމާރީތަކާ ގުޅިގެން ބައެއް މީހުންނަށް އަނިޔާވެ، ދެ ކުޑަކުއްޖަކު ވަނީ މަރުވެފަ އެވެ. އަދި އެ މައްސަލަތަކުގައި މީހުން ހައްޔަރުކޮށްފައިވާ އިރު، ފުލުހުން ދަނީ އިތުރު ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy