ޓްރީބްރިޖް ކަނޑު އަޑިއަށް ފީނާއިރު އެހެން ޑައިވަރުން ކައިރީގައި
11 މާޗް 2018 - 12:52
ފިންސަކާ ނުލައި ކަނޑުގެ އެންމެ އަޑިއަށް ފީނި މީހާ، ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އަތުވެއްޖެ އެވެ.
ދުނިޔޭގެ އެންމެ މޮޅު ފްރީ ޑައިވަރުގެ މަގާމު ހޯދާފައިވާ ވިލިއަމް ޓްރޫބްރިޖަކީ ފުޅި ނާޅައި، ކަނޑުގެ 100 މީޓަރަށް ވުރެ އަޑިއަށް ފީނި ދުނިޔޭގެ ފުރަތަމަ މީހާ އެވެ. އޭނާ ނޫން މީހަކު މިހާތަނަށް، އެގޮތަށް، އެހާ ފުނަށް ފީނިފައެއް ނުވެ އެވެ.
ނިއު ޒީލެންޑަށް އުފަން، 38 އަހަރުގެ ޓްރޫބްރިޖް ވަނީ ފިންސަކާ ނުލައި އަދި ފުޅި ނާޅައި، އެއް ނޭވައިން ކަނޑުގެ 102 މީޓަރު އަޑިއަށް ފީނައިފަ އެވެ. އޭނާ އެކަން ކުރީ ހަތަރު މިނިޓް 12 ސިކުންތުންނެވެ.
އާއްމުކޮށް ފްރީ ޑައިވަރުން ފީނަނީ 15-30 މީޓަރު ފުނަށެވެ. ރާއްޖޭގައި އެންމެ އަޑިއަށް ފީނި މީހާގެ ރެކޯޑު އޮތީ ފަހުދު ފާއިޒުގެ އަތުގަ އެވެ. އޭނާ ވަނީ ފުޅި ނާޅައި، 69 މީޓަރު އަޑިއަށް ފީނައިފަ އެވެ.
ޓްރޫބްރިޖް: އޭނާ އަކީ ފުޅިނާޅައި އެންމެ ފުނަށް ފީނި މީހާ
ކްލަބްމެޑް ކަނީގައި މިހާރު ޗުއްޓީ ހޭދަކުރަމުން އަންނަ ޓްރޫބްރިޖްގެ ރަހުމަތްތެރި ޑައިވަރުން ރާއްޖޭގައި ތިބި ނަމަވެސް، މި ދަތުރުގައި ފީނުމުގެ އެއްވެސް ހަރަކާތެއް ކުރަން ރާވާފައެއް އަދި ނެތެވެ. އެކަމަކު ދުނިޔޭގެ ފެންވަރުގެ މީހަކު ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައުމުން އެ އެންމެން ވެސް ތިބީ ވަރަށް އުފަލުންނެވެ.
"އެއީ ފްރީ ޑައިވަރުންގެ މެސީ. އެހާ ވެސް މޮޅު މީހެއް އެއީ،" ޓްރޫބްރިޖްގެ ދިވެހި ރަހުމަތްތެރިއަކު ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔޯލަ
12 March 2018
މި ފަދަ ރެކޯރޑްތައް ދިވެހިން ހޯދުން މާ އައުލާކަން ބޮޑު
މޯކްނޯ
11 March 2018
ފިންސަކާ ނުލައި އެންމެ އަޑިއަށް ފީނި މީހާ ރާއްޖޭގައި ހުރުން އެއީ މަމެންނަށް ލިބޭ އުފަލެކޭ. އެކަމަކު 100 މީޓަރު އަޑިއަށް ފްރީ ޑައިވެއް ހެދުން ނަތިންގް އިމްޕޮސިބުލް އޭ މަމެން ބުނަން ނެތީމު ދޯ. ނޭޗަރ އަށް އިންސާނުންނަށް ޗެލެންޖް ނުކުރެވޭނެއޭ އެއީ ވާނެ ކަމެއް ނޫނޭ. މޭކް ނޯ މިސްޓޭކްސް.
މަޒް
11 March 2018
1 މިނިޓަށް ނެވާ ނުލަވެސް ނުހުރެވުނު މި ވީޑިއޯ ބެލި ގަޑީގައި
ނަން
11 March 2018
ކޮންމެ ކަމަކަކީވެސް ކުރަން ނޭގި ކޮއްފިއްޔާ ސިއްހަތަށް ގެއްލުންވާކަމެއް. އޭނަ އެކަން އެކުރަނީ އެކަން ކުރަން އެގިގެން.
ޢަލީބަލީ
11 March 2018
ދުނިޔޭގެ އެންމެ ފުނަށް ފީނިފަރާތްކަމަށްވާ ހާބާޓް ނިޓްޗްޒް މިދިޔަ އަހަރު ރާއްޖެއައިސް ރާއްޖޭގައި ފްރީ ޑައިވިން ކުހެއްވެސް ހިނގި. ހިޔެއްނުވޭ ނޫހެއްގަ ޖެހިކަމެއް. ހާބާޓްވަނީ 253 މީޓަރު އަޑިއަށް ފިލައިގެން ދުނިޔޭގެ ރެކޯޑް ހަދާފަ. އަދި އެފަދަ ބައިވަރު ރެކޯޑްތައް އޮންމީހެއްއެއީ.
ފިންސަކާ ނުލައި
11 March 2018
"ފިންސަކާ ނުލައި އެންމެ އަޑިއަށް ފީނި މީހާ ރާއްޖޭގައި"
އިނގޭނެއޭ
11 March 2018
ސިއްހަތަށް ގެއްލުންވާނެ ކަމީ އެއީ މަމެންނަށް ޔަގީން ކަމެކޭ. ޑައިވް ކުރުން އެއީ ސިއްހަތަށް ގެއްލުން ހުރި ކަމެއް ކަން އެންމެންނަށް ވެސް އިނގެއޭ އެހެން އެކަން އޮންނަ އިރު ފްރީ ޑައިވް 100 މީޓަރު އަޑިއ އަށް ފުޅި ނާލާ ދާނަމަ ސިއްހަތަށް ގެއްލުން ވާނެ ކަން އެ މެންނަށް އިނގޭނެ އެއް ނޫންތޭ.
ކުރިކީލަ
11 March 2018
ފެނޭތޭ! ފެނޭހޭ!
ވެއްޓެނީ
11 March 2018
ފަތަން ނޭނގޭ މީހާ ކޮންހާ ހާސަރެއް ދަމާކަށް!
ފްރީ ޑައިވަރު
11 March 2018
ކަލެއައްދެން ނޭންގޭކަމެއްވެސް ނެތީއޭދޯ..