20 މާޗް 2018 - 18:53
އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފަހު ވަގުތު އަކުރަމް އަބްދުލް ގަނީ (އަކޫ) ޖެހި ގޯލުން ކްލަބް އީގަލްސްއާ 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ އެވެ.
އެހެން ނަމަވެސް މި މެޗު އެއްވަރުވުމާ އެކު މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އަތުން ބަލިވި މެޗަށް ފަހު ނިއު އިން ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ އަށް 20 މެޗަށް ފަހު ވަނީ ނިމުމެއް އައިސްފަ އެވެ. މިދިޔަ އަހަރު މާލޭ ލީގުގައި ފުރަތަަމަ ބުރު އީގަލްސް އަތުން ނިއު 1-0 އިން ބަލިވިއިރު، ދެ ވަނަ ބުރުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ލީގުގެ އެއް ވަނައިގައި މި މެޗުން ލިބުނު ޕޮއިންޓާ އެކު އީގަލްސް އޮތީ ހަތަރު މެޗުން އަށް ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މާޒިޔާ އަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ނިއު އަށް ވަނީ ތިން މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ.
މިއަދުގެ މެޗަށް ނިއު އިން ނެރުނު ފުރަތަމަ އެގާރައިގައި މިދިޔަ ސީޒަނުގައި އީގަލްސް އަށް ކުޅުނު ދެ ކުޅުންތެރިން ހިމެނެ އެވެ. އެއީ އިމްރާން ނަޝީދާއި ރިހާމް އަބްދުލް ގަނީ (ބޮބީ) އެވެ. އިމްރާން އަށް ފުރަތަމަ އެގާރައިން ޖާގަ ދިނީ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑްވެފައިވާ ސްޕެއިނުގެ މިޑްފީލްޑަރު ކަންޑޭލާގެ ބަދަލުގަ އެވެ. މި މެޗުގައި ނިއުގެ ގޯލު ބެލެހެއްޓީ މުހައްމަދު ފައިސަލް އެވެ.
އީގަލްސް އިން މި މެޗަށް ނުކުތީ މިދިޔަ މެޗުތަކުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ނުކުތް އަހުމަދު ރިޒުވާން (ރިޒޭ) ފުރަތަމަ އެގާރަ އަށް ލައިގެންނެވެ.
އީގަލްސް އިން މެޗުގެ 11 ވަނަ މިިނިޓްގައި ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. އޭރިއާ ތެރެއިން ނިއުގެ އަކުރަމް އަބްދުލް ގަނީ (އަކޫ) ކައިިރިން ނައްޓާލުމަށް ފަހު ރިޒޭ އެ ޓީމުގެ ބްރެޒިލް ފޯވާޑް ލުއިޒް އެޑުއާޑޯ ފޮނުވާލި ބޯޅަ ކީޕަރު ފައިސަލް ވަނީ މަތަކޮށްފަ އެެވެ. އެހެން ނަމަވެސް އޭގެ ދެ މިނިޓް ފަހުން އެޑުއާޑޯ ވަނީ ލިބުނު ފުރުސަތުގެ ބޭނުން ހިފައި އެ ޓީމަށް ލީޑުނަގައިދީފަ އެވެ.
މެޗުގެ 18 ވަނަ މިނިޓްގައި ނިއު އަށް ނަތީޖާ ހަމަހަމަ ކޮށްދޭން ބޮބީ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން މުޅިން ހުސްކޮށްހުރެ ބޮބީ ފޮނުވާލި ބޯޅަ އީގަލްސްގެ ކީޕަރު ސްރީލަންކާގެ ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ.
އީގަލްސްގެ ލަނޑާ އެކު ނިއު އިން ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. އަދި ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރަން ފެށި އެވެ.
އީގަލްސްގެ ދެ ވަނަ ލަނޑު ޖެހީ މެޗުގެ 26 ވަނަ މިނިޓްގައި އެޑުއާޑޯ އެވެ. ނިއުގެ ޑިފެންޑަރުންގެ އޮފްސައިޑް މަޅިން ސަލާމަތްވެ މުހައްމަދު ނާއިމް ދިން ބޯޅަ އެޑުއާޑޯ ވަނީ ފަސޭހަކަމާ އެކު ގޯލަށް ފޮނުވާލައިފަ އެވެ. އީގަލްސް ކުޅުންތެރިން މި ލަނޑު ޖެހިއިރު ތިބީ އޮފްސައިޑް ކަމަށް ބުނެ ނިއުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަރަށް ބޮޑަށް މައްސަލަ ޖެއްސި އެވެ.
މެޗުގެ 30 މިނިޓަށް ފަހު ވޯޓާ ބްރޭކް ދިން ގަޑީގައި ނިއުގެ ކުޅުންތެރިންނާއި ކޯޗު އޮސްކާ ބްރުޒޮން ވަނީ މެޗުގެ ލައިންސްމަން ނިއުޝާދު މުހައްމަދުގެ ނިންމުންތަކަށް ފާޑުކިޔައިފަ އެވެ.
ނިއުގެ ސެންޓޭ މެޗެއްގެ ތެރެއިން ބޯޅަ ކޮންޓްރޯލް ކުރަނީ -- ފޮޓޯ: ނިޝާން އަލީ/މިހާރު
މެޗުގެ 41 ވަނަ މިނިޓްގައި އީގަލްސް އިން ތިން ވަނަ ލަނޑެއް ޖެހުމާ ގާތަށް ދިޔަ އެވެ. ނިއުގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަަގައި އީގަލްސް އިން އުފެއްދި އެޓޭކުގައި އޭރިއާ ތެރެއިން އިބްރާހިމް މުބީން (މުއްކި) އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ނިއު ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.
އޭގެ ފަހުން ނިއުގެ ކުޅުންތެރިޔަކަށް އީގަލްސް ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެން އޭނާ އަށް ކާޑު ދެއްކުމަށް ބެންޗުގައި އިނދެ ނިއުގެ ކީޕަރު އިމްރާން މުހައްމަދު އެޕީލް ކުރުމުން މެޗުގެ ރެފްރީ އާދަމް ފަޒީލް ވަނީ އިމްރާނަށް ރީނދޫ ކާޑު ދައްކައިފަ އެވެ.
ފުރަތަމަ ހާފްގެ އިތުރުވަގުތުގައި ނިއުގެ ކޯޗު އޮސްކާ ވަނީ ބެންޗުން ފޮނުވާލައިފަ އެވެ. އޮސްކާ ބެންޗުން ފޮނުވާލި ރެފްރީ ފަޒީލްގެ ނިންމުންތަކަށް ތަކުރާރުކޮށް ފާޑުކިޔުމާ ގުޅިގެންނެވެ. އޭގެ ކުރިން އެ ޓީމުން ވަނީ އޭރިއާ ތެރެއިން އީގަލްސް ކުޅުންތެރިޔެއްގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ބުނެ ޕެނަލްޓީއަކަށް ވަރަށް ބޮޑަށް އެޕީލްކޮށްފަ އެވެ.
ނިއު އިން ދެ ވަނަ ހާފަށް ނުކުތީ އަހުމަދު އަބްދުﷲ (ލިލީ) އާއި އިމްރާންގެ ބަދަލުގައި ހަސަން އަދުހަމް (ސަޑޭ) އާއި މުހައްމަދު ރަޝީދު (ހޮކޭ) ކުޅެން އަރުވައިފަ އެވެ.
ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ހަތަރު ވަނަ މިނިޓްގައި ނިއުގެ ފުރަތަމަ ލަނޑު ޖެހީ ބޮބީ އެވެ. އަރިމަތިން ހިސާމް ނަގައިދިން ހުރަހަކުން އޭރިއާ ތެރެއިން އަދުހަމް ބޮލުން އެ ބޯޅަ ޖައްސާލީ ބޮބީ އަށެވެ. އޭނާ ވަނީ ހަމަޖެހިލާފައި އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
މެޗުގެ 54 ވަނަ މިނިޓްގައި އޭރިއާ ތެރެއިން ނިއުގެ އަލީ އަޝްފާގު (ދަގަނޑޭ) ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.
ނިއު އަށް ނަތީޖާ ހަމަހަމަކޮށްދޭން މެޗުގެ 71 ވަނަ މިނިޓްގައި ބޮބީ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާ ތެެރެއިން ބޮބީ ފޮނުވާލި ބޯޅަ އީގަލްސްގެ މަހުމޫދު ސައީދު ފައިގައި ޖެހިފައި ދިޔައީ ބޭރަށެވެ.
ނިއު އަށް އެއްވަރުކޮށްދޭން މެޗުގެ 76 ވަަނަ މިނިޓްގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އަލީ ފާސިރު (ސެންޓޭ) އަށެވެ. ލިބުނު ޕެނަލްޓީ އަކުން ސެންޓޭ ފޮނުވާލި ބޯޅަ ހުރަސް ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ. މި ޕެނަލްޓީ އަކީ އީގަލްސްގެ ކީޕަރު ސުޖަން ނިއުގެ ސަޑޭ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެެކެވެ.
އޭގެ ފަހުން މެޗުގެ 81 ވަނަ މިނިޓްގައި އޭރިއާ ތެެރެއިން ސެންޓޭ ފޮނުވާލި ބޯޅަ ކީޕަރު ސުޖަން ވަނީ މަތަކޮށްފަ އެވެ.
ނިއު އިން އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގައި އަކޫ ޖެހި ގޯލުންނެވެ. ލިބުނު ހިލޭ ޖެހުމަކުން އޭރިއާ ތެރެއިން ސްޕެއިނުގެ ޑިފެންޑަރު ޖޯޖް ގޯތޯރް ބޮލުން ޖައްސާލި ބޯޅަ ލިބުނީ އަކޫ އަށެވެ. އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
ނިއުގެ ދަގަނޑޭ (ކ) އީގަލްސްގެ ނޫމާން ކައިރިން ބޯޅަ ފޮނުވާލަން މަސައްކަތް ކުރަނީ.-- ފޮޓޯ: އެފްއޭއެމް
މެޗަށް ފަހު އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މިއީ އޭނާގެ ޓީމަށް ވަރަށް ރަނގަޅަށް ފެށުނު މެޗެއް ކަމަށާއި އެހެން ނަމަވެސް ފަހުން ރެފްރީ ވަކި ބަޔެއް ދެކެ ބިރުގަނެގެން ނިންމި ނިންމުންތަކެއްގެ ސަބަބުން މެޗު ގެއްލުނީ ކަމަށެވެ.
"ވަރަށް ރަނގަޅަށް ދިޔަ މެޗެއް ހަގީގަތުގައި މި ގެއްލުނީ ވަކި ބަޔެއް ދެކެ ބިރުން ކަހަލަ ގޮތަކަށް ރެފްރީ ހުރެގެން. ފުރަތަމަ ހާފުގައި އަޅުގަނޑުމެން ޖެހި ގޯލެއް މައްސަލަ އަކަށްވާނަމަ އެ އެހެން ގޮތަކަށް ފަހުން ނަމަވެސް ނިންމަންވީ ނޫންތޯ. ފުރަތަމަ ހާފުގައި ކެނޑިނޭޅި ހަޑި އެއްޗެސް ކިޔަމުންދިޔައިރު ވެސް ކާޑެއް ނުދައްކާ. ދެން ދެ ވަނަ ހާފުގައި މި ފެނިގެންދިޔައީ ދިމާ އިދިކޮޅަށް ދިޔަތަން. އަޅުގަނޑުމެންނަށް ފްރީކިކެއް ވެސް ފައުލެއް ވެސް ނުލިބޭ ހުރިހާ އެއްޗެއް ދިޔައީ އިދިކޮޅަށް. ރެފްރީން ބިރުގަނެގެން މި ގޮތަކަށް ވެގެނެއް ނުވާނެ،" މޯހަން ބުންޏެވެ.
ނިއުގެ އެސިސްޓަންޓް ކޯޗު އަޝްރަފް ލުތުފީ (ސަމްޕަތު) ބުނީ މެޗު ގެއްލުނީ ރެފްރީގެ ސަބަބުން ކަމަށެވެ.
"ދެ މިނިޓް ނުވަނިސް ނިއު އިން ހަމަލާ އުފެއްދި ދެން ކޮންޓްރޯލްގައި އޮއްވައި މި ފެނުނީ އޮފްސައިޑް ގޯލެއް ލައިގެން ރެފްރީ މެޗު ހަލާކުކޮށްލިތަން. އަޅުގަނޑުމެން އެއް ގޮތަކަށް ވެސް ހިތްހަމައެއް ނުޖެހޭ ރެފްރީގެ ނިންމުންތަކާ ދޭތެރޭ،" ސަމްޕަތު ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާރީ
21 March 2018
17 މިލިޔަންވެސް 100 މިލިޔަންވެސް ހަރަދު ކުރެވޭނި އެފެންވަރު ހުރިޓީމްތަކަށް. ކާމިޔާބު ހޯދޭނީވެސް އެފެންވަރު ހުރި ޓީމް ތަކަށް. ވަރަށް ދެރަވޭ ދޯ ނިއު ގެ ކާމިޔާބު ތަކާ ދޭތެރޭ .އަސަރު ކޮށް ކޮށް ހުންނަށް ޖެހޭނި. ކާމިޔާބު އޮތީ ކުރިޔަށް. އިންސާ ﷲ
ކޯޗް
21 March 2018
މިއަދު މެޗް ހަލާކުކުރީ ނިއުގެ ކޯޗް. އޭނަގެ ގޭމް ޕްލޭން ވޯކް ނުކުރީމަ ރެފްރީ އާއި ކުޅެން ހަދާގެން ކުޅުންތެރިންގެ ކޮންސަންޓްރޭޝަން ގެއްލި އެއްމެދަހުން ކޯޗް ބެންޗުން ދާންޖެހުނީ. ފަހު ހާފްގަ ކުޅުންތެރިން ހަމަޖެހިގެން ކުޅުނީމަ ރަގަޅަށް ކުޅެ އެއްވަރު ކުރެވުނީ. ކޯޗުން އެމީހުންގެ ޒިއްމާ ނެގީމަ ޓީމުގެ ކުޅުން ރަގަޅުވާނީ. ރެފްރީންގެ ކަންތައްބަލަން ވެސް ބަޔަކު ތިބޭ އެމީހުން ރެފްރީންގެ ކަންތައް ރަގަޅުކުރާނެ
ްާގާރީބެ
22 March 2018
ފުރަތަމަ ހާފުގަ ކޯޗު ފޮނުވާލީ ރަށަށްތަ؟ މީހަކު އަޅެފަހެ ހައިރާންނެއް ނުވާނެތަ...ތި ބުނާ ކޯޗު ފަހުހާފުގަ ޗޭންޖިންގ ރޫމަށްގޮސް ދިން އިރުޝާދާއި ގޭމް ޕްލޭނަށް ގެނައި ބަދަލުގެ ސަބަބުން ގޭމް ބަދަލުވެގެން ދިޔައީ... މިކަން އިނގޭނެ އެންމެ ތުއްތު ކުއްޖާއަށްވެސް.
ހޯރަ
21 March 2018
ނިއު އައި ޖަންސާލައިގެން ނިއު މޮޅުވަން ނޭދޭ ވާދަވެރި އެހެން ކުލަބުތަކުން ނެއް. އެކަން ވަރަށް ރަގަޅަށް އިގުނު އިންޔެގެ މެޗުން. ބައެއް ޓީމްތަކުގެ އޮފިސަލުން އީގަލުސް އިން ނިއުކޮޅަށް ދެލަޑް ޖެހީމަ ވަރަށް އަތްޖަހާ ހީ މަލާމަތް ކުރި. ފަހުހާފުގަ ނިކުމެ ނިއު އެއްވަރު ކުރީމަ އެމީހުން ތިބީ ޗޮއިވެއްޓިފަ. މީ ވަރަށް ކައިރިން ފެނުނި މަންޒަރެއް. ނިއު އަކީ ރާއްޖޭގެ ކިންގު އެކަން މިހާރު އިގޭނެ މުޅި ދުނިޔެއަށް ވެސް.
އަސްލު މިހާރު ވެއްޖެ
21 March 2018
އިއްޔެ ޖެހީ ކިހާ މީޓަރަކުން އޮފްސައިޑް ލަނޑެއްތޯ ބަލަން! އަޅުގަނޑު އެދެން އެފްއޭމުން ވެސް މި ރެފްރީގެ ކަންތައް ރަނގަޅު ކުރަން ހޮޔޮ ބަދަލެއް ފުޓްބޯޅަ ސީޒަންގެ ޤަވާއިދަށް ގެންނަން! ފުރަތަމަ ކަމަކަށް ކުރަންވީ ކަމަކީ މިކޯޗުން ކިޔާ ކޮސް ހުއްޓުވަން. މިހާރު ހަމަ މެޗުން ބަލިވެ ތިމާމެންގެ ގޭމްޕްލޭން އަތަށް ގޮވީމާވީ ކޯޗު ގޯސް ކުރަން.
އެޑުއާޑޯ
21 March 2018
17 މިލިއަން ކަރަދު ކުރީމަ ވީވަރަކީ މީ؟
ރަދީފް
21 March 2018
ވަރަށް ކޮސް ސުވާލެއް.ނަމަވެސް ކޮންމެވެސް އެއްޗެއް ބުނެލަން އެބަޖެހޭ.އަދި އެސްޓީއޯ މާލޭ ލީގް ނުވެސް ނިމޭ ދޯ.ކުޅުންތެރިންގެ މުސާރައަށް 64 މިލިއަން ޕައުންޑް ހަރަދުކުރި ލެސްޓަރ ސިޓީން 2015/2016 އީޕީއެލް ކާމިޔާބް ކުރީ ބޮޑެތި އަދަދުގެ ފައިސާ ހަރަދުކުރި ކްލަބްތައް ފަހަތަށް ޖައްސާލުމަށްފަހު.209 މިލިއަން ޕައުންޑް ހަރަދުކުރި ޗެލްސީ އެސީޒަނުގަ ގަދަ 04 ގަވެސް ނުހިމެނޭ.އެހެން ވީމަ 17 މިލިއަނޭ ކޮމާންޑޭ ނުކިޔާ މަޑުމައިތިރިވެގެން ހުރުމަށް ނަސޭހަތްތެރިވަން.
ހެންޑެލި
21 March 2018
ދުނިޔޭގެ ރެކޯޑަކާއެކު ސީޒަނުގެ ހުރިހާމެޗަކުން މޮޅުވެގެން ސީޒަނުގެ ހުރިހާތައްޓެއް ނެގި ހަމައެކަނި ޓީމަކީ ނިއުރޭޑިއަޓް، މެޗަކުން ބަލިނުވެ ޖެހިޖެހިގެން ދެސީޒަނުގަ ލީގުނެގި ހަމައެކަނި ޓީމަކީ ނިއުރޭޑިއަންޓް، ރާއްޖޭގަ ކުޅޭ ހުރިހާ މުބާރާތެއްގެ ތަށި މިލްކުކުރި ހަމައެކަނި ޓީމަކީ ނިއުރޭޑިއަންޓް، ރާއްޖޭގެ މުބާރާތްތަކުގެ ތަށި އެންމެ ގިނައިން ހުރީ ނިއުގެ ތަށިހަރުގަނޑުގަ. އޭއެފްސީ ކަޕްގެ ސެމީފައިނަލުގަ ކުޅުނު ހަމައެކަނި ޓީމަކީ ނިއުރޭޑިއަންޓް، ދެފަހަރެއްގެ މަތިން އޭއެފްސީ ކަޕްގެ ގްރޫޕްސްޓޭޖް ފަހަނައަޅާ ދެވުނު ހަމައެކަނި ޓީމަކީ ނިއުރޭޑިއަންޓް. އޭޝިއަން ކްލަބް ކަޕްވިނަރސް ކަޕްގެ ކްއާޓަރ ފައިނަލުގަ ކުޅުނު ހަމައެކަނި ޓީމަކީ ނިއުރޭޑިއަންޓް. ދިވެހި ފުޓުބޯޅައިގެ ރަސްގެފާނަކީ ނިއުރޭޑިއަންޓް =ހަޖަމް ޕްލީޒް=
ލަބޮޑޭ
21 March 2018
ވެލެންސިޔާ އޮތީ ފުލުގަ !! މީގެ ދިހަ އަހަރު ފަހުން ނިއު ނޭނގެ އޮންނާނެ ތަނެއް
މާބޮޑޭ
22 March 2018
100 އަހަރު ފަހުންވެސް ނިއު ހެދި ރެކޯޑް މުގުރައެއް ނުލެވޭނެ، އެއްވަރު ކުރެވިދާނެ...
މާނު
21 March 2018
ޞަރާބަރު ގޯލެއޖެހީ ރެޕްލޭބަލާ
ރަދީފް
21 March 2018
މަރުހަބާ ދިވެހި ފުޓްބޯޅައިގެ ރަސްގެފާނު.
ފުންއަސަރު
21 March 2018
އެންމެ ފަހު ވަގުތާ ޖެހެންދެން ބުރަ މަސައްކަތްކުރީތީ ނިއުގެ ހަމަ ހުރިހާ ކުޅުންތެރީންނަށް އައްސަރިބަހާއި ސާބަސް. ރެފްރީގެ ބައެއް ނިންމުންތައް ގޯސްވެގެން ހަމައިން ނެއްޓިގެންދިޔަ ނިއުރޭޑިއަންޓަށް އީގަލްސް އާއި ހަމަހަމަ ކޮށްލެވުނީތީ ޝުކުރުކުރަން. އިރާދަކުރެއްވިއްޔާ ދެންދާނީ ރަނގަޅަށް .
ފަހުރުވެރިވަންް
20 March 2018
މިއަހަރު ނިއުގަ ތިބީ އެހެންޓީމު ތަކުން ބޭނުން ނެތިގެން ދޫކޮށްލި ކުޅުންތެރިންނޭ ބުނާ ފަރާތްތަކަށް އަޅުގަނޑު ބުނެލަންއޮތީ ތިބޭފުޅުން ތިބުނާ މޮޅުކުޅުންތެރިންލާގެން ތިބޭފުޅުން ކުޅެކުޅެ ތިއްބައޭ ތިޔަބުނާ ބޭނުން ނެތިގެން ނިއުއަށް ގެނައި ކުޅުންތެރިންނާއި އެކު ނިއު މިއަހަރުގެ ސީޒަން އެއްކޮންނަގާނީ...... ދެން މިކަން ހަޖަމް ކޮށްލާށޭ.....