ކެޓަލޯނިއާގެ ކުރީގެ ރައީސް ޕުޖްޑެމޮންގެ ވަކީލުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
28 މާޗް 2018 - 13:59
ބާލިން (މާޗް 28) - ކެޓަލޯނިއާގެ މިނިވަން ކަމަށް ކުރާ މަސައްކަތުގައި އަމާން ނުދެއްވާނެ ކަމަށް ޖަރުމަން ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ހުންނެވި ކާލްސް ޕުޖްޑެމޮން ވިދާޅުވެއްޖެ އެވެ.
ކެޓަލޯނިއާގެ ކުރީގެ ރައީސް ޕުޖްޑެމޮންއާ ހަވާލާދީ އޭނާގެ ވަކީލް ގޮންޒާލޯ ބޯޔެ ވިދާޅުވީ ކެޓަލޯނިއާގެ ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ މިނިވަން ކަމަށް ކުރާ މަސައްކަތް އޭނާ ހުއްޓާނުލައްވާނެ ކަމަށެވެ.
"ކެޓަލޯނިއާގެ މިނިވަންކަމާ ބެހޭ ގޮތުން އަޑު އުފުލުމަކީ ރައްޔިތުންނަށް ލިބިގެންވާ ހައްގެއް. އަދި މިނިވަން ކަމަށް ކުރާ މަސައްކަތް ދިގު ދެމިގެންދާނެ. އެ މަސައްކަތް ކާމިޔާބު ކުރުމުގައި ޕުޖްޑެމޮން ދެމި ހުންނަވާނެ،" ޕުޖްޑެމޮންގެ މެސެޖް ވަކީލް ވިދާޅުވި އެވެ.
ގޮންޒާލޯ ބޯޔެ ވިދާޅުވީ ޖަރުމަނުގެ ޝަރުއީ ނިޒާމާ މެދު ޕުޖްޑެމޮން ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.
ޖަރުމަން ފުލުހުން ޕުޖްޑެމޮން ހައްޔަރު ކުރީ އާދިއްތަ ދުވަހު އެވެ. އެއީ ޑެންމާކުން ބެލްޖިއަމަށް ދަތުރު ކުރެއްވުމުގެ މަގުމަތީގައި ޖަރުމަން ހުރަސްކުރައްވާ ވަޑައިގަންނަވަނިކޮށެވެ. ޕުޖްޑެމޮން މިހާރު ހުރީ އޭނާ ސްޕޭނަށް ފޮނުވުމާ މެދު ޖަރުމަނުގެ ކަމާބެހޭ ފަރާތްތަކުން ގޮތެއް ނިންމަންދެން ބަންދުގަ އެވެ.
ޖަރުމަނުގެ ގާނޫނުތައް ބުނާ ގޮތުން އެ ގައުމުން ހައްޔަރު ކުރާ މީހަކު އެހެން ގައުމަކަށް ފޮނުވުމާ މެދު ގޮތެއް ނިންމަން 60 ދުވަސް ނަގާނެ އެވެ.
ކެޓަލޯނިއާގެ ސަރަހައްދީ ސަރުކާރު އުވާލި ފަހުން ޕުޖްޑެމޮން ދިރިއުޅުއްވަނީ ބެލްޖިއަމުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
28 March 2018
ސާބަހޭ ކާލްސް ޕުޖްޑެމޮން.ވާންކޮއްފަ ބަހައްޓާތި.މިނިވަންކަމުގެ ފޮނި ރަހަ އެއީ ލައްކަ ގުރުބާނީތަކެއްގެ ފަހުން ލިބޭނެއެއްޗެއް.ޕުޖްޑެމޮންގެ ތި ކޯސް އަށް ތާއީދުކުރަން.